ރެއާލް މޮޅުވީ ދެ ޕެނަލްޓީން
މެޗުގައި ލިބުނު ދެ ޕެނަލްޓީ ކާމިޔާބުކޮށްގެން ލަލީގާގެ ޗެމްޕިއަމް ރެއާލް މެޑްރިޑުން ރެއާލް ސޮސިއެޑާޑް ބަލިކޮށްފިއެވެ.
ސޮސިއެޑާޑްގެ ދަނޑުގައި ކުޅުނު މެޗު ރެއާލް މެޑްރިޑުން ކާމިޔާބުކުރީ 2-0 ނެވެ. މެޗުގެ ދެވަނަ ހާފްގައި ލިބުނު ދެ ޕެނަލްޓީން ލަނޑު ޖެހީ ވިނީޝިއުސް ޖޫނިއަރ އާއޮ އެމްބާޕޭއެވެ. ދެވަނަ ހާފްގެ ކުރީކޮޅު ގުލާ ފޮނުވާލި ބާރު ބޯޅައެއް ސާޖިއޯ ގޮމޭޒް އަތުގައި ޖެހުމުން ދިން ޕެނަލްޓީ އަކުން ލީޑް ނަގައިދިނީ ވިނީޝިއުސް އެވެ.
75 ވަނަ މިނިޓްގައި އެމްބާޕޭ ލަނޑު ޖެހީ ވިނީޝިއުސް އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އަކުންނެވެ. މިއީ އެމްބާޕޭ ދެ މެޗުން ރެއާލްއަށް ޖެހި ތިންވަނަ ގޯލެވެ. ވިނީޝިއުސްގެ މިސީޒަންގެ ލަލީގާ ދެވަނަ ގޯލެވެ.
މެޗުގައި ރެއާލްގެ ކީޕަރު ކޯޓުއާއަސް ރަނގަޅު ބޯޅައަކާ ކުރިމަތިލާކަށް ނުޖެހެއެވެ. ލީގުގައި ކުޅުނު ފަސް މެޗުންވެސް ރެއާލް ބައްޔެއް ނުވެއެވެ. އެކަމަކު މެޗެއް އިތުރަށް ކުޅެގެންވެސް ތާވަލްގައި ލިބެނީ ބާސެލޯނާގެ ފަހަތުން ދެވަނަ އެވެ. ދެޓީމްގެ މެޗުގައި ޕޮއިންޓެއްގެ ފަރަގެއް އެބައޮތެވެ.
ރިއެކްޝަންސް