
ފަހަތުން އަރާ ބާންމައުތު ބަލިކޮށް މެންޗެސްޓަރ ސިޓީ އެފްއޭ ކަޕް ސެމީއަށް, ހާލަންޑަށް އަނިޔާވެއްޖެ!
ސެމީ ފައިނަލް ގައި ސިޓީ ބައްދަލުކުރާނީ ނޮޓިންގްހަމް ފޮރެސްޓް އާ
މި ސީޒަނުގައި ތައްޓެއް ހޯދުމުގެ އަޒުމުގައި އާދިއްތަ ދުވަހު ސިޓީން ބާންމައުތާ ދެކޮޅަށް ކުޅުނު އެފްއޭ ކަޕްގެ ކުއާޓަރ ފައިނަލްގައި ފަހަތުން އަރާ ސިޓީ ކާމިޔާބުކޮށް ސެމީއަށް ދަތުރުކޮށްފިއެވެ. ސިޓީން މެޗު ކާމިޔާބުކުރީ 2-1 ންނެވެ.
މެޗުގައި ސިޓީގެ ފުރަތަމަ ގޯލް 49 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިން އާލިން ބްރައުޓް ހާލަންޑްގެ ވައަތު ކުޑަހުޅަށް އަނިޔާވެ 60 ވަނަ މިނިޓްގައި ވަނީ ބަދަލުކޮށްފައެވެ. ހާލަންޑަށް އަނިޔާވީ 56 ވަނަ މިނިޓްގައި ބާންމައުތުގެ ރައިޓްބެކް ލެވިސް ކުކް ކުޅުމުގެ ތެރޭގައި ހާލަންޑްގެ ފަޔަށް އެރުމުންނެވެ. ފަރުވާ އަށް ފަހު އަލުން ކުޅުމުގެ ތެރެއަށް ނިކުއިން ނަމަވެސް ހާލަންޑް ވަނީ އިރުކޮޅެއް ފަހުން ދަނޑުމައްޗަށް ވެއްޓިފައެވެ. ހާލަންޑާށް ލިބުނު އަނިޔާގެ ތަފްޞީލް އަދި ނުލިބެއެވެ.
ފުރަތަމަ ގޯލް ސިޓީއަށް ކާމިޔާބުކޮށްދިނުމުގެ ކުރިން 14 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީ ނާކާމިޔާބުވީ ހާލަންޑް އަތުންނެވެ. ބާން މައުތުން މެޗުގެ ލީޑު ނެގީ 21 ވަނަ މިނިޓްގައި އެވަނިލްސަން އެވެ. ނަމަވެސް ދެވަނަ ހާފު ފެށިގެން މާގިނަ އިރުތަކެއްނުވެ ނިކޯ އޯ'ރެލީގެ އެހީތެރިކަމާއެކު ހާލަންޑް ވަނީ ޕެނަލްޓީ ނާކާމިޔާބު ވުމުގެ ހިތިކަން ފިލުވާލާފައެވެ.
މެޗުގައި ސިޓީ މޮޅުކޮށްދިން ގޯލް ކާމިޔާބުކުރީ ހާލަންޑްގެ ބަދަލުގައި ކުޅެން ނިކުއިން އޮމަރް މަރްމޯޝް އެވެ. ކުޅެން ނިކުއިންތާ ތިންވަނަ މިނިޓް ތެރޭގައި އޭނާ ގޯލް ކާމިޔާބުކުރީވެސް ފުރަތަމަ ގޯލް ޖެހުމުގައި އެހީތެރިވި ނިކޯ އޯ'ރެލީ ތަނަވަސްކޮށްދިން ފުރުޞަތުގައެވެ.
މިއީ މެންޗެސްޓަރ ސިޓީ ވިދިވިދިގެން އެފްއޭ ކަޕްގެ ސެމީއަށް ދަތުރުކުރި ހަތްވަނަ ސީޒަނެވެ. ވެމްބްލޭ ސްޓޭޑިއަމްގައި ސެމީފައިނަލް އޮންނާނީ އެޕްރީލް 26 ވަނަ ދުވަހު ނޮޓިންގްހަމް ފޮރެސްޓާ ދެކޮޅަށެވެ.
އެންމެފަހު ހަތަރު ޕްރިމިއަރ ލީގު ހޯދާފައިވާ ޕެޕް ގާޑިއޯލާގެ މެންޗެސްޓަރ ސިޓީއަށް މި ސީޒަންގައި ތައްޓެއްގައި އަތްލެވުމުގެ ހަމައެކަނި ފުރުޞަތަކީ އެފްއޭ ކަޕެވެ. ޕްރިމިއަރ ލީގުގައި ސިޓީ އަދިވެސް އޮތީ އެއްވަނައިގައި އޮތް ލިވަޕޫލް އަށްވުރެ 22 ޕޮއިންޓް ފަހަތުގައެވެ. ލީގު ނިމެން ބާކީ ދެން އޮތީ އެންމެ ނުވަ މެޗެވެ. ސިޓީވަނީ ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް ރައުންޑްގައި ރެއާލް މެޑްރިޑް އަތުން ބަލިވެ ކަޓާފައެވެ.
ރިއެކްޝަންސް






