ޖަމްއިއްޔާތަކުން ކުރާ ދީނީ ކަންކަމަށް މާލީ އެހީތެރިކަން ދޭން އިސްލާމިކް މިނިސްޓްރީން ނިންމައިފި
ދީނީ އަދި އިޖުތިމާއީ ޖަމްއިއްޔާތަކުން ކުރާ ދީނީ ކަންކަމަށް މާލީ އެހީތެރިކަން ދޭން އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ. މިކަން އިއުލާނު ކުރެއްވީ މިއަދު އިސްލާމީ މަރުކަޒުގައި ފެށި ދީނީ އަދި އިޖުތިމާއީ ޖަމްއިއްޔާތަކުގެ އަހަރީ ބައްދަލުވުން ޝަރަފްވެރި ކޮށްދެއްވާ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ދެއްކެވި ވާހަކަފުޅުގައެވެ.
މިނިސްޓަރ ޝަހީމް ވިދާޅުވީ އެއިންތިޒާމްތައް މިބައްދަލުވުން ނިމިގެން ދާއިރު ހަމަޖެހިގެން ދާނެ ކަމަށެވެ. އެކަން ހަމަޖައްސަވާނީ ޖަމްއިއްޔާތަކުގެ މަޝްވަރާގެ މަތީން ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރ ޝަހީމް ވިދާޅުވީ މަހާސިންތާގެ ބޭނުމަކީ ދީނަށްޓަކައި ކުރެވޭ މަސައްކަތްތަކުގައި އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިވެދިނުން ކަމަށެވެ. ރާއްޖޭގެ ދީނީ ވަހުދަތު ދެމެހެއްޓުމަށް ޓަކައި މިކުރެވޭ މަސައްކަތްތަކުގައި ޖަމްއިއްޔާތަކުގެ މުހިއްމުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ވިދާޅުވީ ވަރަށް ޚިދުމަތްތެރި އަމިއްލަ ޖަމްއިއްޔާތައް ރާއްޖޭގައި އެބަހުރި ކަމަށެވެ.
ދަޢުވަތުގައި ޚިދުމަތްތެރި, އިޖުތިމާއީ ކަންތައްތަކުގައިވެސް ޚިދުމަތްތެރި ޖަމްއިއްޔާތައް މާލޭގެ އިތުރުން ރާއްޖޭގެ އެހެން ރަށްރަށުގައި ވެސް ހަރަކާތްތެރި ވަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެފަދަ ޖަމްއިއްޔާތަކުން އެހީތެރިކަމަށް އެދި ވުޒާރާއަށް ސިޓީބިޓީ އަންނަކަމަށް މިނިސްޓަރ ޝަހީމް ވިދާޅުވިއެވެ.
" އަޅުގަނޑުމެން ބޭނުންވަނީ މިމަހާސިންތާ ނިމިގެންދާއިރުގަ މިކަމަށް މަޝްވަރާ ކުރެވިގެން މިކަން ރަނގަޅު އިންތިޒާމެއްގެ ތެރެއިން ކުރެވޭނެ މަގެއް ކޮށުން. މިފަހަރު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެކަން ކުރާނަން. އެކި ވަސީލަތްތައް ހޯދަން ޖަމްއިއްޔާތަކުގެ ޕްރޮޕޯސަލްތައް އާދޭ. އެފަދަ އެހީތެރިކަން ފޯރުކޮށްދެވޭނެ."
މިނިސްޓަރ ވިދާޅުވީ އެހީތެރިކަން ފޯރުކޮށްދޭނެ ރަނގަޅު އުޞޫލެއް ބޭނުންވާ ކަމަށެވެ. ފަށަން ޖެހޭނީ ރަނގަޅު އިންތިޒާމެއްގެ ތެރެއިން ކަމަށް ވިދާޅުވިއެވެ.
ދީނީ ހޭލުންތެރިކަން އިތުރުކޮށް, ކުރެވޭ މަސައްކަތްތަކުގައި ދެވެން އޮތް ހުރިހާ އެހީތެރިކަމެއް ދެއްވާނެ ކަމުގެ ޔަގީންކަން މިނިސްޓަރ ދެއްވިއެވެ.
ރިއެކްޝަންސް