ތިލަފުށީ ޕޯޓުން މުދަލާއިއެކު ކޮންޓެއިނަރ ދޫކުރުމުގެ ޚިދުމަތް ފަށައިފި

ތިލަފުށީ ޕޯޓުން މުދަލާއިއެކު ކޮންޓެއިނަރ ދޫކުރުމުގެ ޚިދުމަތް ފަށައިފި

1 hour ago - 15:49
Advertisement
Advertisement

ތިލަފުށީގައި ތަރައްޤީކުރަމުން އަންނަ އައު ވިޔަފާރި ބަނދަރުން، މުދަލާއިއެކު ކޮންޓެއިނަރ ދޫކުރުމުގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ. މިއީ ތިލަފުށި ޕޯޓުން ދޭން ފެށި ފުރަތަމަ ޚިދުމަތެވެ. މި ފިޔަވަޅަކީ ދިވެހިރާއްޖޭގެ އިޤުތިޞާދަށް ކުރިއެރުންތަކެއް ގެނެސްދީ، ވިޔަފާރީގެ ދާއިރާއަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމެއް ކަމަށް ސަރުކާރުން ވިދާޅުވެއެވެ.


މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވަނީ، ރާއްޖޭގެ އިޤުތިޞާދު އިތުރު ހަރުފަތަކަށް ގެންދިއުމަށް ހުރި ގޮންޖެހުންތައް ނައްތާލުމުގެ މަޤުޞަދުގައެވެ. ރާއްޖެއަކީ ގާތްގަނޑަކަށް ހުރިހާ ބާވަތްތަކެއްވެސް އެހެން ޤައުމުތަކުން އެތެރެ ކުރާ ޤައުމަކަށްވާއިރު، ރާއްޖެއަށް އެތެރެވާ މުދަލުގެ ތެރެއިން މައިގަނޑު ގޮތެއްގައި ހުރިހާ ބާވަތެއްވެސް އެތެރެކުރަނީ މާލޭ ވިޔަފާރި ބަނދަރުންނެވެ. މިކަމާއި ގުޅިގެން މާލޭ ވިޔަފާރި ބަނދަރުވަނީ، 24 ގަޑިއިރު ހިންގަންޖެހޭ ޤައުމުގެ އިޤުތިޞާދުގެ އެންމެ ބޮޑު އޮޕަރޭޝަނަށް ވެފައެވެ.


ތިލަފުއްޓަށް ވިޔަފާރި ބަނދަރު ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ވަރަށް ބާރު ސްޕީޑުގައި ކުރަމުންދާއިރު، އައު ބަނދަރާއެކު ޕޯޓުގެ ޚިދުމަތްތައް 4 ގުނަ ފުޅާވެގެންދާނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ. މި މަޝްރޫޢުގެ މުޅި މަސައްކަތް ނިމޭނީ އަންނަ އަހަރު ކަމަށް ލަފާކުރެވޭއިރު، އެމްޕީއެލްއިން މިހާރު ވަނީ، ތިލަފުށި ޕޯޓުގައި މުދަލާއިއެކު ކޮންޓެއިނަރ ދޫކުރުމުގެ ޚިދުމަތް ފަށާފައެވެ.


މި ޚިދުމަތް ފައްޓަވައިދެއްވުމަށް ބޭއްވި ހަފްލާގައި ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި އެމްޕީއެލްގެ ސީއީއޯ ހުސައިން ޝަފީޤު ވިދާޅުވީ، މާލެ އަދި ހުޅުމާލެ ބަނދަރުގައި މިވަގުތުވެސް ދޯނިފަހަރު ކައިރިކޮށް ކޮންޓެއިނަރ އެރުވުމަށް ޖާގަ ކުޑަކަމަށެވެ. ނަމަވެސް އެމްޕީއެލްގައި ތަރައްޤީ ކުރަމުންދާ ބަނދަރުން މި ޚިދުމަތް ފެށުމުން މިއީ ދޯނި ކްލިއަރެންސްއަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. މީގެ އިތުރުން މަޑުމަޑުން ޚިދުމަތްތައް ބަދަލުކުރަމުން ގެންދަވާނެކަމަށް ސީއީއޯ ވިދާޅުވިއެވެ.


ސީއީއޯ ޝަފީޤު އިތުރަށް ވިދާޅުވީ، "އެންމެ ފުރަތަމަ މި ފައްޓަނީ އެފްސީއެލް (ފުލް ކޮންޓެއިނަރ ލޯޑް) ކްލިއަރެންސް އޮޕަރޭޝަން ދޯނިފަހަރަށް. އިރާދަކުރެއްވިއްޔާ މާދުރުނޫން މުސްތަޤުބަލެއްގައި އަޅުގަނޑުމެން މިތަނުން ކޮންޓެއިނަރތައް ކަނޑައިގެން އެލްސީއެލް (ލެސް ދެން ކޮންޓެއިނަރ ލޯޑް) ކާގޯވެސް ދޫކުރަން ފައްޓާނަން. މިއަދު މިފެށުނީ ކޮންޓެއިނަރ ހުރިގޮތަށް ދޯނިފަހަރަށް ލޯޑު ކޮށްގެން ކްލިއަރެންސް ހެދުމުގެ މަސައްކަތް."


މާލޭ ވިޔަފާރި ބަނދަރަކީ، 1986ވަނަ އަހަރު ޚިދުމަތް ފެށި ބަނދަރެކެވެ. 2015ވަނަ އަހަރުން ފެށިގެން މި ބަނދަރުން ޚިދުމަތް ދެމުންދަނީ، ބަނދަރުގެ ކެޕޭސިޓީ އަށްވުރެ 3 ގުނަ އިތުރަށެވެ. ސަރުކާރުން ތިލަފުއްޓަށް ވިޔަފާރި ބަނދަރު ބަދަލުކުރަނީ، މިހުރިހާ މައްސަލައަކަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމަށެވެ.


ތިލަފުއްޓަށް ބަނދަރު ބަދަލުވުމުގެ ފައިދާ އާންމު ރައްޔިތުންނަށްވެސް ފުޅާ ދާއިރާއެއްގައި ކުރާނެއެވެ. މުދާ ގެނައުމަށް ކުރާ ޚަރަދުތައް ކުޑަވެ، މުދަލުގެ އަގު ތިރިވުމަށްވެސް މަގުފަހިވާނެއެވެ. މި ބަދަލަކީ، ރައްޔިތުންގެ އުއްމީދުތަކާއި ވަރަށް ބޮޑަށް ގުޅިފައިވާ، އަދި މުޅި އިޤުތިޞާދާއި ގުޅިފައިވާ ބަދަލެކެވެ. ސަރުކާރުގެ އަމާޒަކީ، ތިލަފުށީ ބަނދަރުގެ މަސައްކަތް 2027 ނޮވެމްބަރ މަހަށް އެއްކޮށް ނިންމުމެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement