ރާއްޖެއިން ޑާކާއަށް ރަން ފޮރުވައިގެން ގެންދަން އުޅުނު ދެ މީހެއް ހައްޔަރުކޮށްފި
ރާއްޖެއިން ބަންގްލަދޭޝްގެ ވެރިރަށް ޑާކާއަށް ދަތުރުކުރި ދެ މީހެއްގެ ހަށިގަނޑުތެރޭ ފޮރުވައިގެން ގެންދިޔަ ގިނަ އަދަދެއްގެ ރަން، އެ ގައުމުގެ ކަސްޓަމްސް އިން އަތުލައިގެންފިއެވެ. މި ރަން ސްމަގަލްކުރަން އުޅުނު ދެ މީހުން ވަނީ ހައްޔަރުކޮށްފައެވެ.
ބަންގްލަދޭޝްގެ ކަސްޓަމްސް އިންޓެލިޖެންސް އެންޑް އިންވެސްޓީގޭޝަން ޑައިރެކްޓްރޭޓް (ސީއައިއައިޑީ) އިން މިމަހުގެ 18 ވަނަ ދުވަހު އަތުލައިގަތް މި ރަނުގެ ޖުމްލަ ބަރުދަނުގައި 2.73 ކިލޯ ހުރިއިރު، މިއީ ގާތްގަނޑަކަށް 5 މިލިއަން ދިވެހި ރުފިޔާ (4 ކްރޯޑް ޓާކާ) ގެ އަގެއް ހުރި ރަނެއްކަމަށް ބޭރުގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.
އެ ގައުމުގެ މީޑިއާތަކާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، ހަޒްރަތު ޝާހްޖަލާލް އިންޓަނޭޝަނަލް އެއާޕޯޓުން ހިފަހައްޓާފައިވަނީ ޔޫއެސް-ބަންގްލާ އެއާލައިނުގެ ފްލައިޓަކުން ރާއްޖެއިން ޑާކާއަށް ދަތުރުކުރި އެ ގައުމުގެ ދެ މީހުން ކަމަށްވާ މުހައްމަދު ސުލައިމާނާއި ޖޮބައިދު އަހުމަދެވެ.
މި މީހުން ރަން އެތެރެކުރަން އުޅުނީ ރަނުގެ ޕޭސްޓް ބޭނުންކޮށްގެން ބިހުގެ ބައްޓަމަށް ހަދައިގެން، އެމީހުންގެ ފުރަގަސްފަރާތުގައި ފޮރުވައިގެންނެވެ. ކަސްޓަމްސް އޮފިޝަލުން ބުނެފައިވާ ގޮތުގައި މިއިން ކޮންމެ މީހެއްގެ ހަށިގަނޑުން މީގެ ތިން ގަނޑު ރަން ނަގާފައިވެއެވެ.
ރަން ސްމަގަލް ކުރުން ހުއްޓުވުމުގެ ގޮތުން ބަންގްލަދޭޝް ކަސްޓަމްސް އިން އަންނަނީ ވަރަށް ގާތުން މޮނިޓާކޮށް، އެކަމުގެ ރިސްކް އޮތް ފަސިންޖަރުން ސްކްރީން ކުރުމުގެ މަސައްކަތް ހަރުދަނާކޮށް ކުރަމުންނެވެ.
ރިއެކްޝަންސް





