ބޮޑު މަސްތުވާތަކެތީގެ މައްސަލައެއްގައި 4 ބަންގްލަދޭޝް މީހުން ހައްޔަރުކޮށްފި
ރާއްޖެއަށް މަސްތުވާތަކެތި ސްމަގަލްކޮށް، މަސްތުވާތަކެތި ގެންގުޅެ ބޭނުންކޮށް އަދި ޓްރެފިކްކުރާ ކަމަށް ތުހުމަތުކުރެވޭ ބޮޑު މައްސަލައަކާ ގުޅިގެން ބަންގްލަދޭޝްއަށް ނިސްބަތްވާ 4 މީހުން ހައްޔަރުކޮށްފިއެވެ. މި މައްސަލައިގައި 6.75 ކިލޯގެ މަސްތުވާތަކެތި ވަނީ އަތުލައިގެންފައެވެ.
ފުލުހުން ބުނީ މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ:
އެމްޑީ ޖިހާދު ބިން އަރީފް (20އ)
އެމްޑީ މިޒަންނޫރު ރަހްމާން (41އ)
މިރްޒާ އަލް އަމީން (30އ)
އެމްޑީ އަރްމާން އަލީ (21އ)
މި މީހުން ހައްޔަރުކޮށްފައިވަނީ ރާއްޖެއަށް އެތެރެކޮށްފައިވާ ދާގީނާއެއްގައި 6.75 ކިލޯގެ މަސްތުވާތަކެތި ހުރިކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ދިން މައުލޫމާތާ ގުޅިގެން ހިންގި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއްގައެވެ. ކަސްޓަމްސް އިން ބުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެ މަސްތުވާތަކެތި އަތުލައިގެންފައިވަނީ މި ހިނގާ އޮކްޓޫބަރު 24 ވަނަ ދުވަހު ކަމަށެވެ.
މި އޮޕަރޭޝަން ހިންގާފައިވަނީ ޑްރަގް އެންފޯސްމަންޓާއި، ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް އަދި ކަސްޓަމްސް ގުޅިގެންކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އެމްޑީ މިޒަންނޫރު ރަހްމާން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ. އަދި ދެންތިބި ތިން މީހުން 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ރިއެކްޝަންސް





