ތިލަމާލެ ބުރިޖު މަޝްރޫޢު: %80 އަށްވުރެ ގިނަ މަސައްކަތް ނިމި، ވިލިމާލެއިން ގުޅިފަޅަށް މިހަފުތާގައި ގުޅާލާނެ!
ފޮޓޯ- ޕީއެސްއެމް ނިއުސް

ތިލަމާލެ ބުރިޖު މަޝްރޫޢު: %80 އަށްވުރެ ގިނަ މަސައްކަތް ނިމި، ވިލިމާލެއިން ގުޅިފަޅަށް މިހަފުތާގައި ގުޅާލާނެ!

1 hour ago - 15:52
Advertisement
Advertisement

ދިވެހިރާއްޖޭގެ ތަރައްޤީގެ އެއް މައިގަނޑު މަޝްރޫޢު ކަމަށްވާ މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލުމަށް ކުރިއަށްގެންދާ ތިލަމާލެ ބުރިޖު މަޝްރޫޢުގެ %80 އަށްވުރެ ގިނަ މަސައްކަތް ނިމިއްޖެ ކަމަށް ބިނާރާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ. މިހާރު ސައިޓުގައި މައިގަނޑު ގޮތެއްގައި ކުރިއަށްދަނީ ބުރިޖުގެ ޑެކަށް ބޭނުންވާ ސެގްމަންޓްތައް އިންސްޓޯލްކުރުމުގެ މުހިންމު މަސައްކަތެވެ.


ބްރިޖު ޑެކަށް ބޭނުންވާ ޖުމްލަ 1,222 ސެގްމަންޓްގެ ތެރެއިން %98.53 ސެގްމަންޓް މިހާރު ވަނީ ކާސްޓްކޮށް ނިންމާފައެވެ. މި މަސައްކަތް ވަރަށް ފުރިހަމައަށް ކުރިއަށްގެންދަނީ ގުޅިފަޅުގައި ޤާއިމުކޮށްފައިވާ ބުރިޖު ސައިޓުގައެވެ. މީގެ އިތުރުން، ބުރިޖުގެ ތަނބުތައް އެއް ތަނބު އަނެއް ތަނބާ ގުޅާލުމަށް ސެގްމަންޓްތައް އިންސްޓޯލްކުރުމުގެ %88 މަސައްކަތް ވެސް ވަނީ ނިންމާފައެވެ. މި ކާމިޔާބީތަކާއެކު، މުޅި މަޝްރޫޢުގެ %80.32 މަސައްކަތް ނިމިފައިވާކަމަށް ބިނާރާ ބެހޭ ވުޒާރާއިން ފާހަގަކުރައްވައެވެ.


ބުރިޖު މަސައްކަތްތަކުގައި މިހާރު ކުރިއަށްދާ އެންމެ ބޮޑު އެއް މަސައްކަތަކީ ވިލިމާލެއިން ގުޅިފަޅަށް ބުރިޖު ގުޅާލުމުގެ މަސައްކަތެވެ. ބިނާރާ ބެހޭ ވުޒާރާއިން ދެއްވާފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، ބްރިޖުގެ ވިލިމާލެ އާއި ގުޅިފަޅު ދެމެދުގެ އެންމެ ފަހު ސެގްމަންޓް އިންސްޓޯލްކޮށް، މި މަހުގެ ނިޔަލަށް ވިލިމާލެއާއި ގުޅިފަޅު ގުޅާލެވޭނެއެވެ. މިއީ މަޝްރޫޢުގެ ވަރަށް މުހިންމު މަރުހަލާއެކެވެ.


މާލެއިން ވިލިމާލެއަށް ގުޅާލުމުގެ މަސައްކަތް (2.2 ކިލޯމީޓަރު) އޮގަސްޓްމަހުގެ ނިޔަލަށް ވަނީ ކާމިޔާބުކަމާއެކު ނިންމާލާފައެވެ. ވިލިމާލެއިން ގުޅިފަޅަށް ހިމެނޭ ބުރިޖަކީ ގާތްގަނޑަކަށް 750 މީޓަރުގެ ދިގުމިނުގެ ބުރިޖެކެވެ. މި ބުރިޖު ތިލަފުއްޓާ ގުޅޭނީ 2.5 ކިލޯމީޓަރުގެ ހައިވޭއަކަށްފަހުއެވެ. އަދި ގުޅިފަޅުން ތިލަފުއްޓަށް ހަދާ ބުރިޖަކީ ގާތްގަނޑަކަށް 600 މީޓަރުގެ ބުރިޖެކެވެ.


މުޅި މި މަޝްރޫޢުގައި ޖުމްލަ 6.7 ކިލޯމީޓަރުގެ އުމްރާނީ ތަރައްޤީގެ މަސައްކަތް ހިމެނެއެވެ. މީގެ ތެރޭގައި ކަނޑު ހުރަސްކޮށް ހަދާ 3 ބުރިޖާއި، ގުޅާލާ ރަށްރަށް ހުރަސްކޮށް ހަދާ ހައިވޭ މަގުތައް ހިމެނެއެވެ. ބުރިޖު ގޮސް ރަށްރަށާ ގުޅޭ ހައިވޭއާއި މަގުތައް ހެދުމުގެ މަސައްކަތްވެސް ދަނީ ހަލުވިކަމާއެކު ކުރިއަށްނެވެ. ޚާއްސަކޮށް، ގުޅިފަޅުގައި ބުރިޖާ ގުޅޭ މަގުތައް ހެދުމުގެ މަސައްކަތް ބާރުސްޕީޑުގައި ކުރިއަށްދާއިރު، ތިލަފުށީގައި ކުރިއަށްދަނީ ބްރިޖު ގުޅޭ ސަރަޙައްދު ހިމާޔަތްކުރުމަށް ޖަހާ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތެވެ.


މި ބިޔަ މަޝްރޫޢު ނިންމުމަށް ސަރުކާރުން ޢަމާޒު ހިފާފައިވަނީ އަންނަ އަހަރުގެ ނިޔަލަށެވެ. 500 މިލިޔަން ޑޮލަރުގެ މި މަޝްރޫޢަކީ އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނާއި، ދިވެހި ސަރުކާރުން ޚަރަދުކޮށްގެން ކުރިއަށްގެންދާ ބޮޑު މަޝްރޫޢެކެވެ. މި ބުރިޖުގެ ސަބަބުން މި ސަރަޙައްދުގެ ރަށްތަކުގެ ދަތުރުފަތުރުގެ ނިޒާމަށް އިންޤިލާބީ ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement