
ފަލަސްޠީން ރައްޔިތުންނަށް ދޭން ކަނޑައެޅި މަސްދަޅުގެ ފުރަތަމަ ޝިޕްމެންޓް ޣާޒާއަށް އެތެރެކޮށްފި
މަސްދަޅު އެތެރެކުރީ މިދިޔަ މަހުގެ 12 ވަނަ ދުވަހު
ދިވެހިރައްޔިތުންގެ ފަރާތުން ފަލަސްޠީން ރައްޔިތުންނަށް ދޭން ކަނޑައެޅި މަސްދަޅުގެ ފުރަތަމަ ޝިޕްމެންޓް ޣާޒާއަށް އެތެރެކޮށްފިއެވެ. އެކަން ހާމަވީ ރައްޔިތުންގެ މަޖިލިހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އިބްރާހީމް ލިޔުމުން ފޮރިންގ މިނިސްޓަރ ޑރ.ޢަބްދުالله ޚަލީލާ ކުރެއްވި ސުވާލެއްގެ ޖަވާބުންނެވެ.
އިޒްރޭލާ ގުޅޭ އެސުވާލަށް ލިޔުމުން ފޮރިންގ މިނިސްޓަރ ފޮނުއްވި ޖަވާބުގައި ވިދާޅުވެފައިވަނީ
ރާއްޖެއިން ފަލަސްޠީނުގެ ރައްޔިތުންނަށް ހަދިޔާކުރާ ދެ މިލިއަން މަސްދަޅުގެ ތެރެއިން ފުރަތަމަ ޝިޕްމަންޓް މިހާރު ޣާޒާއަށް އެތެރެކޮށްފައިވާ ކަމަށެވެ. ފުރަތަމަ ޝިޕްމަންޓްގައި ޣާޒާއަށް އެތެރެކުރީ 374400 މަސްދަޅެވެ. މަސްދަޅު ޣާޒާއަށް އެތެރެކުރީ މިޞްރު ރެޑްކްރެސެންޓް މެދުވެރިކޮށެވެ. މަސްދަޅު އެތެރެކުރީ މިދިޔަ މަހުގެ 12 ވަނަ ދުވަހު ކަމަށް ފޮރިންގ މިނިސްޓްރީން ވިދާޅުވިއެވެ.
ޣާޒާ ރައްޔިތުންނަށް ދިވެހިރައްޔިތުންގެ ފަރާތުން ދެ މިލިއަން މަސްދަޅު ހަދިޔާކުރަން ނިންމެވީ މިދިޔަ ސަރުކާރުގައެވެ. އޭގެ ފަހުން މިސަރުކާރުގައި މިދިޔަ އަހަރު މުޅިރާއްޖެއަށް ހުޅުވާލައިގެން ބޭއްވި ޓެލެތޯނުގައި ފަލަސްޠީން ރައްޔިތުންނަށް ދިވެހިރައްޔިތުން ހަދިޔާކުރި 1 މިލިއަން 2 ލައްކަ ޑޮލަރު ވެސް މިހާރު ހަވާލުކޮށްފައިވާ ކަމަށް ފޮރިންގ މިނިސްޓަރ ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވެއެވެ. އެފައިސާ ހަވާލުކުރީ އަންރްވާ އާއެވެ.
ފޮރިންގ މިނިސްޓަރ ޑރ.އަބްދުالله ޚަލީލް ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންނާ ގުޅުންހުރި ކަންކަމުގައި ކުރިއަށް އޮތްތަނުގައިވެސް ދިވެހި ރައްޔިތުންނާއި ސަރުކާރުން ގެންދާނީ އެހީތެރިކަން ފޯރުކޮށްދެމުން ކަމަށެވެ.
ރިއެކްޝަންސް






