
އިޒްރޭލް ޕާސްޕޯރޓް މަނާނުކުރަން މަގުފަހިކުރެވޭނީ އިމިގްރޭޝަން ޤާނޫނަށް އިސްލާހު ގެނެވުމުން- ފޮރިންގ މިނިސްޓަރ
ޤާނޫނަށް ހުށަހެޅި އިސްލާހުތައް އޮތީ ކޮމިޓީ މަރުހަލާގައި
އިޒްރާއީލް ޕާސްޕޯރޓްގައި ރާއްޖެއަށް މީހުން އެތެރެވުން މަނާކުރެވޭނީ އިމިގްރޭޝަން ޤާނޫނަށް އިސްލާހު ގެނެވިގެން ކަމަށް ފޮރިންގ މިނިސްޓަރ ޑރ.ޢަބްދުالله ޚަލީލް ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިފަދައިން ވިދާޅުވީ އެމައްސަލަވެސް ހިމެނޭ ގޮތަށް އިޒްރޭލާ ގުޅުންހުރި ބައެއް ކަންކަން ލިޔުމުން ސާފްކުރައްވަން ރައްޔިތުންގެ މަޖިލިހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އިބްރާހީމް ފޮނުއްވި ސުވާލަށް ލިޔުމުން ދެއްވި ޖަވާބުގައެވެ.
މިނިސްޓަރ ޚަލީލް ވިދާޅުވީ އިމިގްރޭޝަން ޤާނޫނަށް އެޤާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް މިވަގުތު އޮތީ ރައްޔިތުންގެ މަޖިލިހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގައި ކަމަށެވެ. ކަމާގުޅުންހުރި އެކި ފަރާތްތައް ހާޒިރުކޮށް ކޮމިޓީން ކުރަމުންދާ ދިރާސާކުރުމުގެ މަރުހަލާ ނިމި ޤާނޫނަކަށް ވުމުން ސަރުކާރުގެ ނިންމުން ތަންފީޒުކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. ފަލަސްތީން ޕާސްޕޯރޓްގައި ރާއްޖެ އެތެރެވުން މަނާކުރުމަކީ ވަޒީރުންގެ މަޖިލިހުގެ ލަފާގެ މަތީން މިދިޔަ އަހަރުގެ ޖޫން މަހު ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
މިނިސްޓަރ ޚަލީލް ވިދާޅުވީ ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރާއީލުން ހިންގަމުންދާ ލާއިންސާނީ އަމަލުތައް ކުށްވެރިކޮށް, އެފަދަ އަމަލުތައް ހުއްޓާލުމަށް ގޮވާލާ ބައިނަލްއަޤްވާމީ މަޝްރަހުގެ ސަމާލުކަމަށް އެކަންކަން ގެނައުމަށް ދިވެހި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ހުއްޓުމެއް ނެތް ކަމަށެވެ. ބައިނަލްއަޤްވާމީ އެކިފޯރަމް ތަމުގައި އެކުވެރި އަރަބި އިސްލާމީ ގައުމުތަކާއެކު ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާކަން ފާހަގަކުރެއްވިއެވެ.
އަދި މިނިވަން މުސްތަޤިއްލު ފަލަސްޠީނެއް އުފެދި, އެގައުމުގެ ރައްޔިތުންނަށް އަމާންކަމާއެކު ދިރިއުޅެވޭނެ މަގުފަހިކޮށްދޭ ސިޔާސަތަކީ ދިވެހިރާއްޖެއިން ޒަމާނުއްސުރެ ގެންގުޅޭ ސިޔާސަތެއް ކަމަށް ވިދާޅުވިއެވެ. އެކަމަށް ވީހާވެސް އަވަސް ހައްލެއް ގެނައުމަށް ރާއްޖެއިން ގެންދަނީ އަޑުއުފުލާ ގޮވާލަމުންކަން ފާހަގަކުރެއްވިއެވެ.
މީގެއިތުރުން އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އެމައުލޫގައި ކުރިއަށްދާ މައްސަލަތަކުގައިވެސް ރާއްޖެއިން ބައިވެރިވަމުންދާ ކަމަށް ވިދާޅުވިއެވެ.
ރިއެކްޝަންސް






