
ކޮމަންވެލްތާއި މެންބަރު ޤައުމުތަކާއެކު އޮތް ގުޅުން ހަރުދަނާކުރުމަށް ދިވެހިރާއްޖެއިން އޮތީ ތައްޔާރަށް- ރައީސުލްޖުމްހޫރިއްޔާ
ކޮމަންވެލްތާއި މެންބަރު ޤައުމުތަކާއެކު އޮތް ގުޅުން ހަރުދަނާކުރުމަށް ދިވެހިރާއްޖެއިން އޮތީ ތައްޔާރަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ ކޮމަންވެލްތު ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކޮމަންވެލްތުގެ ކޮންމެ ފަރުދެއްގެ ކުރިއެރުން ކަށަވަރުކުރުމަށްޓަކައި، ކޮމަންވެލްތާއި މެންބަރު ޤައުމުތަކާއެކު އޮތް ގުޅުން ހަރުދަނާކުރުމަށް ދިވެހިރާއްޖެއިން އޮތީ ތައްޔާރަށް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ކޮމަންވެލްތު ދުވަސް ފާހަގަކުރަމުންދާ މި ދަނޑިވަޅުގައި ހަނދާންކޮށްދެނީ، ކޮމަންވެލްތު އާއިލާގެ އެއްބައިވަންތަކަމުގައި ހުރި ބާރުކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކޮމަންވެލްތަށް، އެއްބައިވަންތަކަމަކީ ހަމައެކަނި މަފުހޫމެއް ނޫންކަމަށާއި، އެއީ ދޭދޭ މެންބަރުން ހިއްސާކުރާ ގޮންޖެހުންތަކުން އަރައިގަތުމަށް ބޭނުންވާ އެއްބާރުލުން ހޯދައިދޭ ހަކަތަ ކަމަށެވެ.
މި އަހަރުގެ ކޮމަންވެލްތު ދުވަހުގެ ޝިޢާރު "ޓުގެދަރ ވީ ތްރައިވް" އަކީ ދިވެހި ދައުލަތުން އެއްބައިވަންތަކަމާއި، ވިލުންތެރިކަމާއި ކުރިއެރުމަށް ދޭ އަހަންމިއްޔަތު ރަމްޒުކޮށްދޭ ޝިޢާރެއްކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ހަމަނުޖެހުމާއި، ނާއިންސާފުގެ ހިޔަނި މި ދުނިޔެއަށް އެޅިފައިވާކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވަނީ، މިފަދަ އުނދަގޫ ވަގުތެއްގައި ސަލާމަތްކަމާއި ކުރިއެރުން ހޯދުމަށްޓަކައި، މުޅި ކޮމަންވެލްތުން ބައިވެރިވެގެން ހިންގާ ހަރަކާތުގެ ބުރަދަން ދެނެ ތިބެ، އެއްބައެއްގެ ގޮތުގައި ދެމި ތިބުމަށް ގޮވާލައްވާފައެވެ.
ދިވެހިރާއްޖެ ފަދަ ކުދި ދައުލަތްތަކުގެ ޙައްޤުގައި އަޑުއުފުލައި، މޫސުމީ ވިލުންތެރިކަމާއި، މާލީ ވަޞީލަތްތަކަށް ފުރުޞަތު ފަހިކުރުމާއި، އަންހެނުންނާއި ޒުވާނުން ބާރުވެރިކުރުން ފަދަ، ޚާއްޞަކޮށް ކުދި ދައުލަތްތަކުގެ މަސްލަޙަތު ހުރި ކަންކަމުގައި ކޮމަންވެލްތުން ކުރައްވާ މަސައްކަތުގެ އަގުވަޒަންކުރައްވާކަމަށް ވެސް އެމަނިކުފާނުގެ މެސެޖުގައި ވިދާޅުވެފައިވެއެވެ. އަދި ކޮމަންވެލްތު ޗާޓަރުން ލާޒިމުކުރާ ޑިމޮކްރަސީގެ އަސާސްތައް ކަމުގައިވާ އިންސާނީ ޙައްޤުތަކާއި، ހެޔޮ ވެރިކަމާއި، ދެމެހެއްޓެނިވި ތަރައްޤީގެ މަގުގައި ސާބިތުވެ ހުންނަވާނޭ ކަމުގެ ޔަޤީންކަން ދެއްވިއެވެ.
މިދިޔަ އަހަރު ސަމޯއާގައި ބޭއްވި ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުމަކީ، ކޮމަންވެލްތުން އެއްބައިވަންތަކަމާއި އެއްބާރުލުމަށް ދޭ އަހަންމިއްޔަތު ރަމްޒުކޮށްދިން ބައްދަލުވުމެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ. އަދި އެ ބައްދަލުވުމުގެ ނަތީޖާ، ޢަމަލީގޮތުން ދެއްކުމަށް، އެކުގައި މަސައްކަތްކުރުން ލާޒިމުކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރިއެކްޝަންސް






