
ދެ އިންތިޚާބު އެއްކޮށް ބޭއްވުމަކީ އަޅުގަނޑު ބޭނުންވާ ގޮތް, ގޮތް ނިންމާނީ ރައްޔިތުން- ރައީސް
ދެ އިންތިޚާބު އެއްކޮށް ބޭއްވުމަކީ އެމަނިކުފާނު ބޭނުންވެވަޑައިގަންނަވާ ގޮތް ކަމަށާއި, އެހެންނަމަވެސް ގޮތް ނިންމާނީ ރައްޔިތުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައްޔިތުންނާއެކު ޕޮޑްކާސްޓްގައި ރައީސުލްޖުމްހޫރިއްޔާ މިއަދު ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބާއި, ރިޔާސީ އިންތިޚާބު އެކުގައި ބޭއްވުމަކީ އެމަނިކުފާނު ބޭނުންވާ އަދި އެންމެ ރަނގަޅު ގޮތް ކަމަށެވެ.
އެގޮތް ބޭނުންފުޅުވިޔަސް އެބަދަލު ގެނައުމާމެދު ގޮތް ނިންމާނީ ރައްޔިތުން ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އެކަމުގައި ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނަގާނެ ކަމަށެވެ. ނަމަވެސް އެދެ އިންތިޚާބުގެ މެދުގައި ހަ މަސް ދުވަހުގެ މުއްދަތެއް އޮތުމާވެސް އެކު ޚަރަދުގެ ގޮތުން ބެލި ނަމަވެސް އެންމެ ރަނގަޅު ގޮތަކީ އެއްކޮށް ދެ އިންތިޚާބު ބޭއްވުންކަން ރައީސް ފާހަގަކުރެއްވިއެވެ.
" އަޅުގަނޑު ހިތުން ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތަކަށް ވާނީ ދެ އިންތިޚާބުވެސް އެކުގައި ބޭއްވިގެން ދިއުން. މީދެން ހަމަ އަޅުގަނޑުމެން ރައްޔިތުންގެ ހިޔާލަށް ދާނެ ކަމެއް. ފެންނަ ނުފެންނަ ވޯޓެއްވެސް ނަގަން ޖެހޭކަމެއް. އަޅުގަނޑަށް މިހެން ވަކިގޮތެއް ނިންމޭނެ ކަމެއް ނޫން, ނުވެސް ނިންމާނަން ނިންމެން އޮތަސް" ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ވަނީ ލާމަރުކަޒީ ޤާނޫނަށް ގެންނަ އިސްލާހުތަކާ ގުޅޭގޮތުންވެސް ވާހަކަ ދައްކަވާފައެވެ. ވިދާޅުވީ އަތޮޅު ކައުންސިލްތައް އުވާލާ ރަށު ކައުންސިލްތައް ކުޑަކުރައްވާނެ ކަމަށެވެ. ނަމަވެސް ސިޓީ ކައުންސިލްތައް ބޮޑު ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. ބޮޑު ރަށު ކައުންސިލެއް އޮތުމަކީ ރައްޔިތުންވެސް ބޭނުންވާ ގޮތް ނޫންކަމަށް ވިދާޅުވިއެވެ.
ރިއެކްޝަންސް






