މީޑިޔާތަކުގެ ކަންބޮޑުވުން އޮތް ބިލް އަނބުރާ ގެންގޮސްފި
މީޑިޔާތަކުގެ ކަންބޮޑުވުން އޮތް ބިލް އަނބުރާ ގެންގޮސްފިއެވެ. ރައްޔިތުންގެ މަޖިލިހުގެ އަމިއްލަ މެމްބަރު ތުޅާދޫ ދާއިރާގެ އަބްދުލް ހަންނާނު އަބޫބަކުރު ހުށަހެޅުއްވި މީޑިޔާ ކޮމިޝަންގެ ބިލް އަނބުރާ ގެންދިޔަކަން ރަސްމީކޮށް އިއުލާނުކުރެއްވީ މިއަދު މަޖިލިހުގެ ޖަލްސާގައެވެ.
މަޖިލިހުގެ ތަޅުމުގައި މިއަދު އެކަން އިއުލާނުކުރެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވަނީ އެއީ އެމަނިކުފާނު ބަލައިގަންނަ ކަންތައްތަކެއް ހިމެނޭ ބިލެއް ނޫންކަމަށް ވިދާޅުވެފައެވެ. އަދި އެބިލް މަޖިލިހަށް ބަލައި ނުގަންނާނެކަމުގެ ޔަގީންކަން އެމަނިކުފާނު އޮތީ ދެއްވާފައެވެ. ރައްޔިތުންގެ މަޖިލިހަށް އެއްވެސް ކަމެއް ބަލައިގަނެވޭނީ ސަރުކާރު ހިންގާ ޕީއެންސީން ބޭނުންވެއްޖެ ނަމައެވެ. އެއީ މަޖިލިހުގައި އެޕާޓީގެ ސުޕަރ މެޖޯރިޓީ އޮތުމުންނެވެ.
ތުޚާދޫ ދާއިރާގެ މެމްބަރު ހުށަހެޅުއްވި ބިލަކީ މޯލްޑިވްސް މީޑިޔާ ކައުންސިލާއި, ބްރޯޑްކާސްޓިންގ ކޮމިޝަން އެއްކޮށްލާ, އެކޮމިޝަންގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ގޮތަށް ފަރުމާކޮށްފައިވާ ބިލެކެއެވެ. އެކޮމިޝަންގެ ހަތް މެމްބަރުންގެ ތެރެއިން ހަތަރު މެމްބަރުންނަކީ މަޖިލިހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މެމްބަރުންނެވެ. ބިލް ފަރުމާކޮށްފައިވާ ގޮތުން މީޑިޔާ ތަކަށް ލިބެނީ 3 މެމްބަރުން އިންތިޚާބުކުރުމުގެ ފުރުޞަތެވެ.
އެބިލްގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ މީޑިޔާތަކުގެ އިތުރުން ނޫސްވެރިންވެސް ޖޫރިމަނާ ކުރެވޭ ގޮތަށް އޮތް އޮތުމެވެ. ސަރުކާރުން ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި ނޫސްވެރިން ޖޫރިމަނާ ކޮށްފާނެ ކަމުގެ ކަންބޮޑުވުން ނޫސްވެރިން ފާޅުކުރިއެވެ.
ބިލް އަނބުރާ ގެންގޮސްފައި މިވަނީ 'ހަތަރެއްގެ ހައްގުގައި' ނަމުގައި މީޑިޔާ ތަކުންނާއި, މީޑިޔާ އެސޯސިއޭޝަން, ޚާއްޞަކޮށް މޯލްޑިވްސް ޖަރނަލިސްޓް އެސޯސިއޭޝަން އިސްވެ ވަރުގަދަ ކެމްޕެއިނެއް ފަށާފައި ވަނިކޮށެވެ.
ބިލް އަނބުރާ ގެންދިޔަ ސަބަބެއްކަމަށް މެމްބަރު ވިދާޅުވެފައިވަނީ އެބިލްގައި ވަނީ ރައީސުލްޖުމްހޫރިއްޔާ ހަބޫލުކުރައްވާ ސިޔާސަތުތަކެއް ނޫންކަމަށް ވިދާޅުވުމުން ކަމަށެވެ.
ރިއެކްޝަންސް