އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް ތަރައްޤީ ކުރަން ފައިސާ ހަމަޖެހިއްޖެ, އަންނަ އަހަރުގެ ކުރީކޮޅު ފެށޭނެ- މިނިސްޓަރ
އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް ތަރައްޤީ ކުރަން ބޭނުންވާ ފައިސާ ހަމަޖެހިއްޖެ ކަމަށާއި, އަންނަ އަހަރުގެ ކުރީކޮޅު މަސައްކަތް ފެށޭނެ ކަމަށް މަސްވެރިކަމާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ. ރައްޔިތުންގެ މަޖިލިހުގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ ޕްރޮޕޯސަލްއަކާއެކު ފަންޑިންގ އެޖެންސީތަކާއެކީ ކުރެވުނު މަސައްކަތުން ފަންޑް ހަމަޖެހުނީ މިދިޔަ ހަފްތާގައި ކަމަށެވެ. ފަންޑް ހަމަޖެހުނީ އައިއެސްޑީބީގެ ފަރާތުން ކަމަށް ވަޒީރު ވިދާޅުވިއެވެ. އެމަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފަށާ, އަހަރުގެ ފަހުކޮޅު ނުވަތަ 2026 ވަނަ އަހަރުގެ ކުރީކޮޅު ނިންމާލެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
އައްޑޫ ފިޝަރީޒް ކޮމްޕެލެކްސްގައި މިހާރު ރައްކާ ކުރެވެނީ 1500 ޓަނުގެ މަހެވެ. ބްރައިން ފްރީޒިންގ ކެޕޭސިޓީ އަކީ 50 ޓަނެވެ. ވަޒީރު ވިދާޅުވީ އިތުރު ކުރެވޭ ވަސީލަތާ އެކީގައި އިތުރު 1000 ޓަނު ފެސިލިޓީއަށް އިތުރުކުރެވޭނެ ކަމަށެވެ. މަސް ފިނިކޮށް ރައްކާކުރާ އިތުރު އެއްހާސް ޓަނާއެކީގައި އިތުރު 50 ޓަނުގެ ބްރައިން ފްރީޒިންގ ކެޕޭސިޓީވެސް އިތުރު ކުރެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެއާއެކު ޖުމްލަ ކެޕޭސިޓީ 2500 ޓަނަށް އިތުރު ކުރެވިގެންދާނެކަން ވަޒީރު ފާހަގަކުރެއްވި އެވެ. ވަޒީރު ވިދާޅުވީ
ދުވާލެއްގެ މައްޗަށް 100 ޓަނުގެ މަސް ފެސިލިޓީއަށް ގަނެވޭ ގޮތަށް 100 ޓަނުގެ ބްރައިން ފްރީޒިންގއާއެކު އަޕްގްރޭޑް ކުރެވޭނެ ކަމަށެވެ.
މަސްވެރި ސިނާއަތަށް މިހާތަނަށްވެސް އޮތް އެންމެބޮޑު ގޮންޖެހުމަކީ މަސްވެރިން ތަރައްޤީވި ވަރަށް މަސް ގަންނަ ވަސީލަތްތައް ތަރައްޤީ ނުވުންކަމަށް ވަޒީރު ވިދާޅުވިއެވެ.
" މަސްވެރިން ތަރައްޤީވެގެން އައި ވަރަށް, މަސްވެރިން އަތުން މަސްގަންނަ ވަސީލަތްތައް ތަރައްޤީނުވެ ހުރި ހުރުން މިއީ އެންމެބޮޑު ގޮޖެހުމަކީ." ވަޒީރު ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ މިސަރުކާރަށް މަސްވެރިން ފެނުނީ ރިޔާސީ އިންތިޚާބުގެ ދެބުރު ދޭތެރޭގައެއްނޫން ކަމަށެވެ. މިސިޔަ ސަރުކާރުން މަސް ގަންނަ އަގު ބޮޑު ކުރީ ރިޔާސީ އިންތިޚާބުގެ ދެ ބުރު ދޭތެރޭގައި
އިންތިޚާބު ކާމިޔާބު ނުވާނެތީ ދިރާސާކުރުމެއް ނެތި ކަމަށް ވިދާޅުވިއެވެ. މިސަރުކާރު އައިއިރު 250 މިލިއަން ރުފިޔާ މަސްވެރިންނަށް ނުދީ ހުރި ކަމަށާއި, އެކަމަކު މިސަރުކާރުން ދަނީ މަސްވެރިންނަށް ބަރާބަރަށް ފައިސާ ދެމުން ކަމަށް ވިދާޅުވިއެވެ.
މިސަރުކާރުގެ ވައުދަކީ މަސް ކިރާތާ 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ދިނުމެވެ. އެކަމަކު ފައިސާ ނުލިބި ލަސްވެގެން އެކިފަހަރު މަތީން މަސްވެރީން އަޑު އުފުލާފައި ވެއެވެ.
ރިއެކްޝަންސް