މަސްވެރިންނަށް ނުދެވި ހުރި ފައިސާ އެމީހުންނަށް ދޭން މިފްކޯއާ ހަވާލުކޮށްފި
މަސްވެރިންނަށް ނުދެވި ހުރި ހައިސާ އެމީހުންނަށް ދޭން މިފްކޯއާ ހަވާލުކޮށްފި އެވެ. މިއަން މިއަދު އިއުލާނުކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އެވެ.
ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަދާ ހަމައަށް މަސްވެރިންނަށް ނުދެވިހުރި ފައިސާގެ ޖުމުލަ އަދަދު އެ ފަރާތްތަކަށް ރަށްދުކުރުމަށް މިހާރު ވަނީ މިފްކޯއަށް ޙަވާލުކުރެވިފައި ކަމަށެވެ. މަސްވެރިންނަށް މިފްކޯއިން ފައިސާ ދެނީ ސަރުކާރުގެ ސަބްސިޑީއާއެކު އެވެ. ސަބްސިޑީ ދިނުމަށާއި, ސަރުކާރުގެ ކުންފުނިތަކަށް ފައިސާ ދިނުންވެސް ހިމަނައިގެން 5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް ރައްޔިތުންގެ މަޖިލިހުން ފާސްކޮށްދިނީ އިއްޔެ އެވެ. ސަރުކާރުން ހުށަހެޅި ބަޖެޓް މަޖިލިހުން ފާސްކުރީ އުނި އިތުރެއް ގެނައުމެއް ނެތިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނުގެ ރިޔާސީ ވައުދާ އެއްގޮތަށް 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ދިނުމުގެ އިންތިޒާމް ހަމަޖައްސަވަމުން ގެންދަވާ ކަމަށެވެ.
" މެނިފެސްޓޯގައިވާ ފަދައިން 48 ގަޑި އިރު ތެރޭގައި ދެމެހެއްޓެނިވި ގޮތެއްގައި ފައިސާ ދެވޭނޭ ނިޒާމު ޤާއިމު ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން." ރައީސް ވިދާޅުވިއެވެ.
ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް މިއަދުވެސް ރައްޔިތުންގެ މަޖިލިހުގައި ވިދާޅުވީ މިސަރުކާރު ހަވާލުވިއިރު މަސްވެރިންނަށް ނުދީ 250 މިލިއަން ރުފިޔާ ހުރި ކަމަށެވެ. އެފައިސާވެސް ހަވާލުކޮށް, މަސްވެރިންނަށް ބަރާބަރަށް ފައިސާ ދެމުން ދާކަމަށް ވަޒީރު ވިދާޅުވިއެވެ. މިހާތަނަށް ނުދެވި ހުރި 16 މިލިއަން ރުފިޔާ ވެސް މާދަމާ ހަވާލުކުރައްވާނެ ކަމުގެ ޔަގިންކަން ވަޒީރު މިއަދު ވަނި ދެއްވާފައެވެ.
ރިއެކްޝަންސް