
ރައްޔިތުންނާ ރިވެތި ބަހުން ވާހަކަ ނުދެއްކޭނެ އެއްވެސް ހާލަތެއް އައިސްގެން ނުވާނެ- ސީޕީ
ޑިއުޓީގެ ބޭނުމަށް މެނުވީ މޯބައިލް ފޯނު ބޭނުން ނުކުރުމަށް އެދިވަޑައިގެންނެވި
ރައްޔިތުންނާ ރިވެތި ބަހުން ވާހަކަ ނުދެއްކޭނެ އެއްވެސް ހާލަތެއް އައިސްގެން ނުވާނެ ކަމަށް ކޮޕިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވެއްޖެއެވެ. ސީޕީ މިހެން ވިދާޅުވީ 38 ވަނަ ޕޮލިސް އިނީޝިއަލް ޓްރެއިނިންގ ކޯހުގެ ދަސްވެނިންނާ މުހާތަބުކުރައްވާ ދެއްކެވި ވާހަކައިގައެވެ.
ތަމްރީނު ނިންމި ފުލުހުންނާ މުހާތަބުކުރައްވާ ސީޕީ ވިދާޅުވީ ރައްޔިތުންނާ އަބަދުވެސް މުއާމަލާތް ކުރަންވާނީ ރިވެތި ބަހުން ކަމަށެވެ. ސީޕީ ވިދާޅުވީ އެނޫން ހާލަތެއް އައިސްގެން ނުވާނެ ކަމަށެވެ. " ރައްޔިތުންނަށްވުރެ ވަކިން މާތްކޮން ވާހަކަދައްކަންޖެހޭ އިތުރުބަޔަކު ނުތިބޭނެ. އުއްމީދުކުރަން ފުލުހުންނަށް އަމާޒުވާ މިނޭދެވޭ ސިފައިން ތިޔަ އޮފިސަރުންގެ މަސައްކަތުން ހައްލުކޮށްދޭނެ ކަމަށް. " ސީޕީ ވިދާޅުވިއެވެ.
ފުލުހުންގެ ކިބައިން މައިގަނޑު ތިން ކަމަކަށް ސީޕީ އެދިވަޑައިގެންނެވިއެވެ. ރިވެހި ބަހުން މުހާތަބު ކުރުމުގެ އިތުރުން ސީޕީ އެދިވަޑައިގެންނެވީ ޑިއުޓީ އަދާކުރާއިރު ޑިއުޓީގެ ބޭނުމަށް މެނުވީ މޯބައިލް ފޯނު ބޭނުން ނުކުރުމާއި, ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ނުކުރުމަށެވެ. ޑިއުޓީގައި ތިބޭއިރު ފުލުހުން ފޯނާ ކުޅެން ތިބުމަކީ ވަރަށް ގިނައިން ރައްޔިތުން ކުރާ އެއް ޝަކުވާ ކަމަށް ސީޕީ އަލީ ޝުޖާއު ވިދާޅުވިއެވެ. ފުލުހުން މަގުމަތިން ފެނުނު ނަމަވެސް ފޯނާ ކުޅެން ތިބުމުގެ ޝަކުވާއާއެކު ރައްޔިތުންގެ ނުތަނަވަސްކަން އޮންނަކަން ފާހަގަކުރައްވާ ސީޕީ އެދިވަޑައިގެންނެވީ އެކަން ރަނގަޅު ކުރުމަށެވެ.
މަގުމަތީގަ ހިނގާ އެއްވެސް ކަމަކަށް ފަރުވާ ނުބަހައްޓާ ފޯނަށް ގެއްލިފައި ފުލުހުން ތިބޭކަމަށް ރައްޔިތުން ކުރާ ޝަކުވާ އަކީ ރަނގަޅު ކުރަން ޖެހޭ ކަމެއް ކަމަށާއި, ރައްޔިތުންގެ ޚިދުމަތުގައި ތިބޭއިރު ރައްޔިތުންނަށް އަބަދުވެސް ޚާއްޞަވެގެން ތިބެން ޖެހޭ ކަމަށް ވިދާޅުވިއެވެ.
ފުލުހުންނަށް ލިބިދޭ ގާނޫނީ ބާރުތައް ޒިންމާދާރު ކަމާއެކު ބޭނުންކުރުން ކުރުމަށްވެސް ސީޕީ އެދިވަޑައިގެންނެވިއެވެ. ވިދާޅުވީ ފުލުހުންނަށް ގާނޫނީ ގޮތުން ލިބިދޭ ބާރަކީ ހިތުހުރި ގޮތަކަށް ބޭނުންކުރަންޖެހޭ ބާރެއްނޫން ކަމަށެވެ.
" އަބަދުވެސް ބަލަންވާނީ ބާރުގެ ބޭނުން ނުކޮށް, ދިމާވާ ކަންކަން ހައްލު ކުރުމަށް. މަގުދައްކައިދޭ ބަޔަކަށް ވުމަށް. އިސްލާހުވުމަށް ފުރުޞަތު ދޭބަޔަކަށް ވުމަށް." ސީޕީ އަލީ ޝުޖާއު ވިދާޅުވިއެވެ.
އަލަށް ޚިދުމަތަށް ނިކުންނަ އޮފިސަރުންގެ މަސައްކަތުން ދިވެހި ފުލުހުންގެ ޚިދުމަތަކީ ރައްޔިތުންގެ ލޯތްބާއި އިހުތިރާމް ލިބިގެންދާނެ ޚިދުމަތަކަށް ވާނެކަމަށް އުއްމީދުކުރައްވާ ކަމަށް ސީޕީ އަލީ ޝުޖާއު ވިދާޅުވިއެވެ.
ރިއެކްޝަންސް






