ވަޠަނީ ޚިދުމަތުގެ ބިލު ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވައިފި

ވަޠަނީ ޚިދުމަތުގެ ބިލު ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވައިފި

2 days ago - 16:38
Advertisement
Advertisement

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި "ވަޠަނީ ޚިދުމަތުގެ ބިލު" މަޖިލީހުން ބަލައިގަނެ، އިތުރަށް ދިރާސާ ކުރުމަށްޓަކައި ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ފޮނުވައިފިއެވެ.


މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު ފަރުޙަތު މުޙައްމަދެވެ. މިއީ ޤައުމަށާއި މުޖުތަމަޢަށް ފައިދާހުރި ޖީލެއް ބިނާކުރުމަށާއި، މަސައްކަތުގެ ދާއިރާގައި ޚިދުމަތް ކުރުމަށް ބޭނުންވާ ޒުވާނުންގެ ކިބައިގައި ޖިސްމާނީ، ފަންނީ އަދި ފިކުރީ ގާބިލުކަން އަށަގެންނެވުމަށްޓަކައި ހުށަހެޅި ބިލެކެވެ. މި ބިލުގެ މަގުސަދަކީ ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމް ތަޢާރަފުކޮށް، އެކަމަށް ބޭނުންވާ ހަރުދަނާ ޤާނޫނީ އޮނިގަނޑެއް އެކުލަވައިލުމެވެ.


ބިލުގައިވާ ގޮތުން، މި ޕްރޮގްރާމަކީ އިސްލާމްދީނަށް ލޯބިކުރާ، ދީނީ ޝިޢާރުތަކަށް އިހްތިރާމްކޮށް، ޤައުމުދެކެ ފަޚުރުވެރިވާ އަދި ޤައުމިއްޔަތަށް އިސްކަންދޭ ޒުވާނުންތަކެއް ބިނާކުރުމަށް ހިންގޭ ޕްރޮގްރާމެކެވެ. ބިލު ޤާނޫނަކަށް ވުމުން، އަސާސީ ތަޢުލީމާއި ތަމްރީން ކޯހެއްގެ އިތުރުން ދައުލަތުގެ ޔުނިފޯމް އެޅި ޚިދުމަތެއްގައި މަސައްކަތް ކުރުމުގެ ބައި މި ޕްރޮގްރާމްގައި ހިމަނަންޖެހޭނެއެވެ.


މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު އުމުރުން 16 އަހަރާއި 21 އަހަރާ ދެމެދުގެ ކޮންމެ ދިވެހި ޒުވާނަކަށް ލިބިގެންވެއެވެ. ނަމަވެސް 18 އަހަރު ނުފުރޭ ކުދިން ބައިވެރިކުރެވޭނީ ބެލެނިވެރިޔާގެ ހުއްދައާއެކު، އެ ކުއްޖަކު އަމިއްލައަށް ބޭނުންވާނަމައެވެ. މީގެ އިތުރުން، ޕްރޮގްރާމަށް ހޮވޭނީ ކަނޑައެޅޭ މެޑިކަލް އެސެސްމަންޓަކުން ފާސްވާ ޒުވާނުންނެވެ.


ބިލުގައި ބަޔާންކޮށްފައިވާ ގޮތުން، ޕްރޮގްރާމްގެ ބައިވެރިންގެ ހުރުމާއި، ކެއުމާއި، ބޭސްފަރުވާ އަދި ދަތުރުފަތުރުގެ ޚަރަދުތައް ހަމަޖައްސާނީ ދިފާޢީ ވުޒާރާއިންނެވެ. އަދި ބައިވެރިންނަށް އެކަށީގެންވާ އިނާޔަތެއްވެސް ދޭންވާނެއެވެ. ތަމްރީނު ފުރިހަމަކުރާ ޒުވާނުން ޔުނިފޯމް އެޅި ޚިދުމަތެއްގައި މަސައްކަތް ކުރަންޖެހޭ މުއްދަތަކީ އެއް އަހަރަށްވުރެ ދިގުނުވާނެ މުއްދަތެކެވެ. މި މުއްދަތު ނިމުމުން، އެ ޒުވާނުންނަށް ޔުނިފޯމް އެޅި މުއައްސަސާތަކުން ވަޒީފާގެ ފުރުސަތު ފަހިކޮށްދެވޭނެއެވެ.


މި ޕްރޮގްރާމް ހިންގުމަށްޓަކައި ޚާއްޞަ ގަވަރނިން ކައުންސިލެއް އެކުލަވާލުމަށް ބިލުގައި ވަނީ ހިމަނާފައެވެ. މި ކައުންސިލްގެ ރައީސަކީ ރައީސުލްޖުމްހޫރިއްޔާ (ޑރ. މުޙައްމަދު މުޢިއްޒު) އެވެ. އަދި ނައިބު ރައީސަކީ ދިފާޢީ ވަޒީރެވެ. ކައުންސިލްގައި ދާޚިލީ ވަޒީރާއި، މާލީ ވަޒީރާއި، ޗީފް އޮފް ޑިފެންސް ފޯސް އަދި ކޮމިޝަނަރ އޮފް ޕޮލިސް ހިމެނިވަޑައިގަންނަވާނެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement