ސަރުކާރުގެ އޮނިގަނޑަށް ގެނައި ބަދަލާ އެކު 6 ޕީއެސްއެއްގެ މަގާމު ގެއްލިއްޖެ
ސަރުކާރުގެ މިނިސްޓްރީތަކުގެ އަދަދު 20 އިން 15 އަށް މަދުކޮށް، ބައެއް މިނިސްޓްރީތަކުގެ މެންޑޭޓަށް ގެނައި ބަދަލުތަކާ ގުޅިގެން ހަ މިނިސްޓްރީއެއްގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) ގެ މަގާމު ގެއްލޭނެ ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މިއަދު ހާމަކޮށްފިއެވެ.
މި ބަދަލު ގެނެސްފައިވަނީ ކެބިނެޓުގެ 10 މިނިސްޓަރަކު އިއްޔެ ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރޭ ކެބިނެޓް އަލުން އެކުލަވައިލެއްވުމާ ގުޅިގެންނެވެ. ރައީސް އޮފީހުން ބުނި ގޮތުގައި މި ބަދަލަކީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގުމަށް ގެނައި ހެޔޮ ބަދަލެކެވެ.
މަގާމު ގެއްލޭ ޕީއެސް އިން:
- މުހައްމަދު އަނީސް (އެގްރިކަލްޗާ މިނިސްޓްރީ)
- އައިޝަތު ހިކުމާ (ހަޔާ އެޑިއުކޭޝަން މިނިސްޓްރީ)
- ފާތިމަތު އަހުމަދު (ޔޫތު މިނިސްޓްރީ)
- ވަލީދާ މުހައްމަދު (ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީ)
- މަރިޔަމް ޝަހާނާ (ޓްރާންސްޕޯޓް މިނިސްޓްރީ)
- މޫމިނާ ވަހީދު (ސިޓީސް މިނިސްޓްރީ)
ޕީއެސް އިންނަށް މުސާރައިގެ ގޮތުގައި މަހަކު 20,500 ރުފިޔާ އަދި ލިވިން އެލަވަންސްގެ ގޮތުގައި 15,000 ރުފިޔާ ލިބެއެވެ. ސަރުކާރުގެ އޮނިގަނޑަށް ގެނައި ބޮޑެތި ބަދަލުތަކުގެ ތެރޭގައި ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީ ވަނީ އުވާލައިފައެވެ. އަދި ފިޝަރީޒް އާއި އެގްރިކަލްޗާ އެއްކޮށްލާފައިވާއިރު، އެޑިއުކޭޝަނާއި ހަޔާ އެޑިއުކޭޝަން އަދި ޔޫތާއި ސްޕޯޓްސް ވެސް ވަނީ އެއްކޮށްލައިފައެވެ. މީގެ އިތުރުން އިކޮނޮމިކް، ޓްރާންސްޕޯޓް އަދި ޓްރޭޑް ވަނީ އެއް މިނިސްޓްރީއެއްގެ ދަށަށް ބަދަލުކޮށްފައެވެ. ސީއެސްސީން ބުނި ގޮތުގައި މި ބަދަލުތަކާ ގުޅިގެން މިނިސްޓްރީތަކުގެ މުވައްޒަފުން ބަދަލުކުރުމުގެ (ޓްރާންސްފާ) މަސައްކަތްތައް މިހާރު ވަނީ ފަށާފައެވެ.
ރިއެކްޝަންސް





