ކުޅުދުއްފުށި ސިޓީ މޫދު އަޑިން އުމުރުން ދުވަސްވީ މީހަކު ފެނިއްޖެ
ހދ. ކުޅުދުއްފުށި ސިޓީގެ އުތުރު ފަރާތަށް މޫދަށް އެރި އުޅުމުގެ ތެރޭގައި ގެއްލުނު އުމުރުން ދުވަސްވީ މީހަކު މޫދު އަޑިން ފެނިއްޖެއެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި، ކުޅުދުއްފުށި ސިޓީ އުތުރު ފަރާތަށް މޫދަށް އެރިއުޅުނު 59 އަހަރުގެ ދިވެހި ފިރިހެނަކު ގެއްލިފައިވާ ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މިއަދު މެންދުރު 13:48 އެހައިކަންހާއިރުއެވެ. މި ރިޕޯޓާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ވަނީ ވަގުތުން ފަށާފައެވެ.
އެމީހާ ހޯދުމަށް ފުލުހުން ކުރި މަސައްކަތުން، އޭނާ ފެނިފައިވަނީ މިއަދު މެންދުރުފަހު 15:00 އެހައިކަންހާއިރު އެ ސިޓީގެ ބޮޑަވަކިވާ ބީޗް މޫދު އަޑިންނެވެ. އޭނާ ފެނުމާއެކު މިހާރު ވަނީ ކުޅުދުއްފުށި ސިޓީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށާފައެވެ.
ނަމަވެސް، އެމީހާގެ ހާލަތާ ގުޅޭގޮތުން ނުވަތަ އޭނާ ނިޔާވެފައިވާ ކަމެއް ނުވަތަ ނޫން ކަމެއް ފުލުހުން އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ. ފުލުހުން ދަނީ މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން އިތުރަށް ތަހުގީގު ކުރަމުންނެވެ.
ރިއެކްޝަންސް





