ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ތެޔޮ ސްޓޯރޭޖް ޤާއިމްކުރުމުގެ މަޝްރޫއު އިފްތިތާހުކޮށްފި
ރާއްޖޭގެ ކޮންމެ ސަރަހައްދަކުންވެސް އަސާސީ ރޭޓެއްގައި ތެޔޮ ފޯރުކޮށްދިނުމަށް ހިންގާ މަޝްރޫއެއް
ރާއްޖޭގެ ކޮންމެ ސަރަހައްދަކުންވެސް އަސާސީ ރޭޓެއްގައި ތެޔޮ ފޯރުކޮށްދިނުމަށް, ތެޔޮ ސްޓޯރޭޖް ޤާއިމްކުރުމުގެ މަޝްރޫއު އިފްތިތާހުކޮށްފިއެވެ. މިޕްރޮގްރާމް އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އެވެ.
މިޕްރޮގްރާމްގެ ދަށުން ރާއްޖޭގެ ކޮންމެ އަތޮޅަކުންވެސް މަދުވެގެން އެއް ރަށަކުން ޑީސަލާއި, ޕެޓްރޯލް އެސްޓީއޯއިން ކަނޑައަޅާ އަސާސީ އަގުގައި ލިބޭނެއެވެ. އަދި ރާއްޖޭގެ ހުރިހާ ސަރަހައްދަކުންވެސް އެއް އަގެއްގައި ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެ އެވެ. އެފުރުޞަތު ފަސޭހައިން ޢާއްމުންނަށް ހަމަޖެހިގެންދާނެ ކަމަށް އެސްޓީއޯއިން ވިދާޅުވިއެވެ. އެކަމަށް ބޭނުންވާ ސްތޯރޭޖްތައް މިޕްރޮގްރާމްގެ ދަށުން އިފްތިތާހުކުރާނެ އެވެ.
އެކި ސަރައްދުންތަކުން އެކި އަގުގައި ތެޔޮ ގަންނަން ލިބުމުގެ ޝަކުވާއަކީ މަސްވެރިންގެ ޝަކުވާއެކެވެ. އެޝަކުވާއަށް މިޕްރޮގްރާމްގެ ދަށުން ނިމުން އައިސް ހުރިހާ ހިސާބަކުންވެސް އެއް އަގެއްގައި މަސްވެރިންނަށް ޑީސަލް ލިބޭނެކަމަށް އެސްޓީއޯއިން ވިދާޅުވިއެވެ. ސެޓަޕްތަކެއް ނެތް ނަމަވެސް ފެލިވަރާއި ކޫއްޑޫންވެސް ހެޔޮ އަގުގައި މަސްވެރިންނަށް ތެޔޮ ފޯރުކޮށްދެމުންދާކަމަށް ސިމާދު ވިދާޅުވިއެވެ.
އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ސިމާދު އިބްރާހީމް ވިދާޅުވީ އަމާޒަކީ 2026 ވަނަ އަހަރުގެ ފެބްރުއަރީގެ ކުރިން އެކި ސަރަހައްދުތަކުގައި ސްޓޯރޭޖް ޤާއިމްކޮށް މަސްވެރިންނަށާއި, ޢާއްމުންނަށް އެސްޓީއޯ ރޭޓްގައި ތެޔޮ ފޯރުކޮށްދިނުން ކަމަށެވެ. އެސްޓީއޯއިން ކަނޑައަޅާފައި ވަނީ އަންނަ އަހަރުގެ ފެބްރުއަރީގެ ނިޔަލަށް ތިން އަތޮޅެއްގައި, އޮކްޓޯބަރުގެ ނިޔަލަށް އިތުރު ފަސް އަތޮޅެއްގައި, އަދި ޖެނުއަރީ 2026 ގެ ނިޔަލަށް އެހެން އަތޮޅުތަކުގައި ސްޓޯރޭޖް ޤާއިމްކޮށް ނިންމުމެވެ.
މަސްވެރިކަމާބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވީ މިސަރުކާރު ހަވާލުވިއުރު އެންމެ ބޮޑު ގޮންޖެހުމެއްގައި އޮތީ މަސްވެރި ސިނާޢަތު ކަމަށެވެ. ކުރީން ކަން ކުރަމުން އައި ގޮތަކި އަބަދުވެސް ވަގުތީ ހައްލު ހޯދައިދިނުން ކަމަށް ވިދާޅުވިއެވެ. އެގޮތުން ތެޔޮ ނުލިބޭ ހާލަތުގައި އެދުވަހަށް ތެޔޮ ބޯޓެއް ފޮނުވައިގެން އެވަގުތެއް ހައްލެއް ހޯދައިދެނީ ކަމަށް ވިދާޅުވިއެވެ. މަސް ނުކިރޭނަމަވެސް ހޯދަމުން އައީ ވަގުތީ ހައްލެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންނަމަވެސް ތެޔޮ ސްޓޯރޭޖް އެކި ސަރައްދުތަކުގައި ޤާއިމް ކުރުމަކީ ދާއިމީ ހައްލު ހޯދުމަށް މިސަރުކާރުން އެޅުއްވި ފިޔަވަޅެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ކޮންމެ އަތޮޅަކުންވެސް މަސްވެރިންނާއި ޢާއްމުންނަށް އެސްޓީއޯ ރޭޓްގައި ތެޔޮ ލިބޭނެ ނިޒާމެއް ޤާއިމް ކުރުމަކީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެގޮތުން ކޮންމެ އަތޮޅަކުންވެސް މަދުވެގެން އެއް ރަށުގައި ސްޓޯރޭޖް ޤާއިމްކޮށް, އެޚިދުމަތް ދިނުމަށް ވަނީ ކަނޑައަޅުއްވާފައެވެ.
ރިއެކްޝަންސް