ގިރާވަރުފަޅު ހިއްކުން އަންނަ މަހަށް ނިމޭނެ، ޖޫން މަހު ގޯތި ދޫކުރަން ފަށަނީ
މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށްޓަކައި ކުރިއަށްގެންދާ ގިރާވަރުފަޅު ހިއްކުމުގެ މަޝްރޫއު އަންނަ އޭޕްރިލް މަހުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކޮންމެ ދުވަހަކުވެސް ކުރިއަށްދާ ކަމަށެވެ. އަދި މަސައްކަތް މިހާރު ކުރިއަށްދާ ދުވެއްޔަށް ބަލާއިރު، އަންނަ އޭޕްރިލް މަހުގެ ތެރޭގައި ބިން ހިއްކައި ނިންމައި، ސަރވޭގެ މަސައްކަތްތައް ފުރިހަމަކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް އިތުރަށް ވިދާޅުވި ގޮތުގައި، މި މަސައްކަތްތައް ނިމުމާއެކު އަންނަ ޖޫން މަހުގެ ތެރޭގައި ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް ފެށިގެންދާނެއެވެ.
ގިރާވަރުފަޅު ހިއްކުމުގެ އަމަލީ މަސައްކަތް އަލުން ފަށާފައިވަނީ މިއަހަރުގެ ޖަނަވަރީ މަހުގެ 30 ވަނަ ދުވަހުއެވެ. މި މަސައްކަތް އަވަސްކުރުމުގެ ގޮތުން މިހާރު ދަނީ ދެ ޑްރެޖަރު ބޭނުންކޮށްގެން ބިން ހިއްކަމުންނެވެ.
މި މަޝްރޫއުގެ ދަށުން ގިރާވަރުފަޅުން ޖުމުލަ 167.15 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރެއިން އެމްއޭސީއެލްއާ ހަވާލުކޮށްގެން ޖަނަވަރީ މަހު ހިއްކަން ފަށާފައިވަނީ ކުރިން ނުހިއްކާ އޮތް 97.15 ހެކްޓަރުގެ ބިމެވެ.
މި މަޝްރޫއުގެ ތަފްސީލަށް ބަލާއިރު، ޖަނަވަރީ 22 ގައި އާންމުކުރި އީއައިއޭ ރިޕޯޓުގައިވާ ގޮތުން ފުރަތަމަ ފިޔަވަހީގައި 12 ހެކްޓަރު، ދެވަނަ ފިޔަވަހީގައި 18 ހެކްޓަރު އަދި ތިންވަނަ ފިޔަވަހީގެ ދަށުން 26 ހެކްޓަރުގެ ބިން ވަނީ މިހާތަނަށް ހިއްކާފައެވެ.
ގިރާވަރުފަޅުގެ މަޝްރޫއަށް ބައެއް ބަދަލުތައް ގެނެސް، މިހާރު ވަނީ އައު ލޭންޑް ޔޫސް ޕްލޭނެއްވެސް އެކުލަވާލާފައެވެ. މި ޕްލޭނަށް ގެނައި ބަދަލުތަކާ ގުޅިގެން، އެ ސަރަހައްދުން ގޯތި ލިބުނު ފަރާތްތަކުގެ މެދުގައި އަލުން ގުރުނެގުމުގެ ކަންކަންވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. ސަރުކާރުން ނިންމާފައިވަނީ ގިރާވަރުފަޅުން ޖުމުލަ 4 ސައިޒެއްގެ 4,072 ގޯތި ދޫކުރުމަށެވެ.
މި މަޝްރޫއަކީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ އެންމެ މުހިންމު އެއް މަޝްރޫއެވެ.
ރިއެކްޝަންސް









