ރެއާލްގައި އެމްބާޕޭގެ ފުރަތަމަ ހެޓްރިކް!
މެޗުގައި ހެޓްރިކް ހެދި އެމްބާޕޭ: ފޮޓޯ-ރެއާލް މެޑްރިޑް

ރެއާލްގައި އެމްބާޕޭގެ ފުރަތަމަ ހެޓްރިކް!

ލަލީގާ ތާވަލްގެ އެއްވަނައިގައި ރެއާލް އިން ވަނީ 4 ޕޮއިންޓްގެ ލީޑެއް ނަގާފަ

3 months ago - 07:55
Jan 26, 2025 - 07:56

ރެއާލް މެޑްރިޑްގައި ފްރާންސް ކެޕްޓަން ކީލިއަން އެމްބާޕޭ ފުރަތަމަ ހެޓްރިކް ހަދައިފިއެވެ. މިސީޒަންގައި ރެއާލް އަށް ބަދަލުވި ފޯވާޑް އެމްބާޕޭ ފުރަތަމަ ހެޓްރިކް ހެދީ ސްޕެނިޝް ލަލީގާގައި 3-0 ން ރެއާލް ވަލޮޑޮލިޑް އަތުން މޮޅުވި މެޗުގައެވެ.

ރަށުން ބޭރުގައި ކުޅުނު މެޗުގައި އެމްބާޕޭ ހެޓްރިކް ފުރިހަމަ ކުރީ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީ އަކުންނެވެ. މާރިއޯ މާޓިން ކުރި ފައުލަށް ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑް ދެއްކުމަށްފަހު ރެފްރީ ދިން ޕެނަލްޓީ ކާމިޔާބުކުރީ ކީޕަރު ނުބައިފަޅިއަށް ޑައިވްކުރުވުމަށްފަހުއެވެ. ރެއާލްގެ ލޯނެއްގެ ދަށުން ރެއާލް ވަލޮޑޮލިޑް އަށް ކުޅެމުން އަންނަ މާރިއޯ މާޓިން އަށް ރަތްކާޑް ދެއްކީ ބެލިންގހަމްއަށް ކުރި ފައުލަކަށެވެ. މެޗުގައި އެމްބާޕޭ ފުރަތަމަ ލަނޑު ޖެހީ 30 ވަނަ މިނިޓްގައި ބެލިންގހަމް ތަނަވަސްކޮށްދިން ފުރުޞަތަކުންނެވެ. ދެވަނަ ލަނޑު ޖެހީ ދެވަނަ ހާފް ފަށައިގެން ހަތްވަނަ މިނިޓްގައި ރޮޑްރީގޯ ތަނަވަސްކޮށްދިން ފުރުޞަތަކުންނެވެ.

މިއާއެކު މިސީޒަންގެ ލީގުގައި އެމްބާޕޭ ޖެހި ލަނޑުގެ އަދަދަކީ 15 އެވެ. ސީޒަންގެ ޖުމްލައަކީ 22 އެވެ. ލީގުގެ ލަނޑު ލިސްޓްގެ އެއްވަނައިގައި ބާސެލޯނާގެ ލެވަންޑޯސްކީ އޮތީ 16 ލަނޑާއެކުއެވެ.

މިމޮޅާއެކު ރެއާލް މެޑްރިޑް ވަނީ ލީގު ތާވަލްގެ އެއްވަނައިގައި ހަތަރު ޕޮއިންޓްގެ ލީޑެއް ނަގާފައެވެ. ރެއާލްއަށް ލީޑް ފުޅާކުރަން ފުރުޞަތު ލިބުނީ އެތްލެޓިކޯ މެޑްރިޑަށް މޮޅުނުވެވުމުންނެވެ. އެތްލެޓިކޯ މެޑްރިޑާ ވިޔަރެއާލް ވާދަކުރި މެޗު ނިމުނީ 1-1 ން އެއްވަރުވެގެންނެވެ.

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow