
ރާއްޖޭގެ ބްރޯޑްކާސްޓިންގެ ޚިދުމަތަކީ ޤައުމީ ބަދަހިކަމުގެ އަގުހުރި ޚާދިމެއް- ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން
ރާއްޖޭގެ ބްރޯޑްކާސްޓިންގެ ޚިދުމަތަކީ ޤައުމީ ބަދަހިކަމުގެ އަގުހުރި ޚާދިމެއް- ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ ނޭޝަނަލް އާޓް ގެލެރީގައި ބޭއްވި، "ވިޝަންސް އޮފް ދަ ފިއުޗަރ" ކުރެހުމުގެ މުބާރާތުގެ އިނާމު ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ ރާއްޖޭގެ ބްރޯޑްކާސްޓިންގެ ޚިދުމަތަކީ، ދުރުދުރުގައި މާކަނޑެއްގެ އުސްރާޅުތަކުގެ ނިވަލުގައި އެތުރިފައިވާ ރަށްތައް ގުޅުވައިލަދިން، ޤައުމީ ބަދަހިކަމުގެ އަގުހުރި ޚާދިމެއް ކަމަށެވެ. އެކަމަނާ ވިދާޅުވީ، ބްރޯޑްކާސްޓިން ދާއިރާގެ މުހިންމުކަން ދަރިވަރުންނަށް އުނގަންނައިދީ، އެ ދާއިރާއާ މެދު ޝައުޤުވެރިކަން އުފެއްދުމަކީ މުހިންމުކަމެއް ކަމަށެވެ. ބްރޯޑްކާސްޓިން ކޮމިޝަނުން އިންތިޒާމުކޮށްގެން ބޭއްވި މިފަދަ ކުރެހުމުގެ މުބާރާތް ފަދަ ހަރަކާތްތައް މެދުވެރިކޮށް، ދަރިވަރުންގެ ކެރިއަރ ބިނާކުރުމުގައި އެހީތެރިވެވިދާނޭކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ޤައުމެއްގެ ނިސްބަތުގައި ޓީވީ އާއި ރޭޑިއޯ އަދާކުރާ ދައުރު، ފަހުގެ ޖީލުތަކަށް އެނގުމުގެ މުހިންމުކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ. ވަނަތައް ހޯދި ފަރާތްތަތަކަށް އިނާމުތައް ހަވާލުކޮށްދެއްވުމަށްފަހު މެޑަމް ސާޖިދާ ވަނީ "ވިޝަންސް އޮފް ދަ ފިއުޗަރ" ގެ ކުރެހުންތައް ބައްލަވާލައްވާފައެވެ.
ރިއެކްޝަންސް






