ޚާރިޖީ ސިޔާސަތުގައި އަބަދުވެސް އިސްކުރާނީ ފަލަސްތީނުގެ ހައްގުތައް: ރައީސް
ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ބައްޓަންކުރުމުގައި އަބަދުވެސް އިސްކަންދޭނީ ފަލަސްތީނުގެ ރައްޔިތުންނަށް ކަމަށާއި، އެއީ ދިވެހި ރައްޔިތުންވެސް ބޭނުންވާ ގޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
'ނޭޝަން ޗެޓް' ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ މިނިވަންކަމާއި ޚާރިޖީ ސިޔާސަތާ ގުޅޭގޮތުން ވާހަކަ ދައްކާއިރު، މިހާތަނަށް ކަންކަން ހިނގާފައިވާ ގޮތަށް ބަލަންޖެހޭ ކަމަށެވެ. އަދި މީގެ ކުރިން ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބައްޓަންވެފައި އޮތީ އަބަދު ދިވެހިންގެ މަސްލަހަތު އިސްކޮށްގެން ނޫންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި ދިވެހިންނަކީ އަބަދުވެސް ފަލަސްތީނުގެ ރައްޔިތުންނާ މެދު ދެގޮތެއްނުވާ ބައެކެވެ. ނަމަވެސް މީގެ ކުރިން ބައެއް ފަހަރު ޚާރިޖީ ސިޔާސަތު ބައްޓަންވެފައި އޮތީ އެ ވިސްނުމާ ދެކޮޅަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންނަމަވެސް، މި ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ ދަށުން އެކަން ބަދަލުވެގެން ނުދާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.
"އިޒުރޭލުން ފަލަސްޠީނު ރައްޔިތުންނަށް ދެމުންދާ ޢުދުވާނީ ޙަމަލާތަކާއި، އެ ހިންގަމުންދާ ނަސްލު ނައްތައިލުމުގެ ޖެނެސައިޑާ، މިކަންކަމަކީ އަޅުގަނޑުމެން ކުޑަވެސް ދުލެއް ދޭނެ ކަމެއްނޫން އަޅުގަނޑުމެންގެ ޚާރިޖީ ސިޔާސަތުގައި،" ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް މުއިއްޒު ވިދާޅުވީ، އިޒުރޭލުން ފަލަސްތީނަށް ދެމުންދާ އަނިޔާތައް ހުއްޓާނުލާހާ ހިނދަކު އަދި ފަލަސްތީނުގެ ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ނުލިބޭހާ ހިނދަކު، އިޒުރޭލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެނުވެވޭނެ ގޮތަށް ސިޔާސަތު ކުރިއަށް ގެންދަވާނެ ކަމަށެވެ. ފަލަސްތީނުގައި މިނިވަން ދައުލަތެއް ގާއިމުވެ، އިރުމަތީ ގުދުސްއަކީ އެ ގައުމުގެ ވެރިރަށް ކަމުގައި ހަމަޖެހެންޖެހޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި އިތުރަށް ފާހަގަކުރެއްވީ، އަރަބި އިސްލާމީ ގައުމުތަކަކީ އަބަދުވެސް ރާއްޖެއާ ގާތް ގައުމުތަކެއް ކަމަށެވެ. އަދި މިހާރު ގެންގުޅުއްވާ ޚާރިޖީ ސިޔާސަތުގެ ސަބަބުން، އިސްލާމީ ދުނިޔެއިން ރާއްޖެއަށް ގިނަގުނަ ފައިދާތަކެއް ކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރިއެކްޝަންސް





