އެމް.އެމް.ޕީ.އާރް.ސީގެ މަނީ ލޯންޑަރިން މައްސަލާގައި އެމް.އެޗް.އާރ ޓްރޭޑިންގެ މައްޗަށް ދަޢުވާކުރަނީ

އެމް.އެމް.ޕީ.އާރް.ސީގެ މަނީ ލޯންޑަރިން މައްސަލާގައި އެމް.އެޗް.އާރ ޓްރޭޑިންގެ މައްޗަށް ދަޢުވާކުރަނީ

5 hours ago - 21:37
Jul 30, 2026 - 22:35
Advertisement
Advertisement

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރ.ސީ) މެދުވެރިކޮށް ހިންގި ބޮޑު ޚިޔާނާތުގެ މައްސަލައިގައި، އެމް.އެޗް.އާރ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް މަނީ ލޯންޑަރިންގގެ ދަޢުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭ.ސީ.ސީ) އިން ނިންމައިފިއެވެ.


އޭ.ސީ.ސީ އާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން ކުރިއަށްގެންދިޔަ ޖޮއިންޓް އިންވެސްޓިގޭޝަނަށްފަހު، މި މައްސަލަ ޕީޖީ އޮފީހަށް ފޮނުވުމަށް ނިންމާފައިވަނީ 29 ޖޫން 2026 ގައެވެ. މި މައްސަލައިގެ ތަޙުޤީޤުން ހާމަވެފައިވާ ގޮތުގައި، 2014 ވަނަ އަހަރުގެ ފެބުރުވަރީ މަހުން ފެށިގެން 2015 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް، ޓޫރިޒަމްގެ ބޭނުމަށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާ، އެސް.އޯ.އެފް ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށް އެމް.އެޗް.އާރ ޓްރޭޑިންގގެ އެކައުންޓަށް ޖަމާކޮށްފައިވެއެވެ.


އެގޮތުން، އެސް.އޯ.އެފްގެ ޗެކުތަކެއް މެދުވެރިކޮށް ޖުމްލަ 325,000.00 (ތިން ލައްކަ ފަންސަވީސް ހާސް) އެމެރިކާ ޑޮލަރު އެމް.އެޗް.އާރް އާއި އެ ކުންފުނީގެ ދަށުން ހިންގާ "ތަރުކާރީ ފިހާރަ" ގެ އެކައުންޓަށް ޖަމާކޮށްފައިވާކަން ވަނީ ކަށަވަރުވެފައެވެ. މި ފައިސާއަކީ ޑޮލަރު ގަނެވިއްކުމުގެ މުޢާމަލާތަކުން ލިބުނު ފައިސާކަމަށް ދެއްކުމަށް އެ ކުންފުނިން މަސައްކަތް ކުރި ނަމަވެސް، އެ ޗެކުތަކަށް ބަދަލުގައި ދޭންޖެހޭ ދިވެހި ރުފިޔާ ދިން ގޮތެއް ތަޙުޤީޤުގައި ސާބިތުކޮށްދެވިފައެއް ނުވެއެވެ.


މީގެ އިތުރުން، އދ. ފުށިދިއްގާގެ އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި އެމް.އެމް.ޕީ.އާރ.ސީއަށް ދެއްކި 50,000.00 (ފަންސާސް ހާސް) އެމެރިކާ ޑޮލަރުވެސް، އެމް.އެމް.ޕީ.އާރ.ސީގެ އޭރުގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ޒިޔާތު މެދުވެރިކޮށް އެމް.އެޗް.އާރްގެ އެކައުންޓަށް ޖަމާކޮށްފައިވާކަން ތަޙުޤީޤަށް ވަނީ އެނގިފައެވެ. އަދި މި މުޢާމަލާތްތަކަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާކަން އެނގޭނެ ނުވަތަ ޝައްކުކުރެވޭނެ ހާލަތްތަކެއް ހުރިކަންވެސް ތަޙުޤީޤުން ވަނީ ފާހަގަކޮށްފައެވެ.
މި މައްސަލައިގައި އެމް.އެޗް.އާރް ޓްރޭޑިންގގެ މައްޗަށް ދަޢުވާކުރަން ފޮނުވާފައިވަނީ މަނީ ލޯންޑަރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުމުގެ ޤާނޫނުގެ ދަށުންނެވެ.
މީގެ އިތުރުން، އެސް.އޯ.އެފް މެދުވެރިކޮށް ޖަމާކުރި 325,000.00 ޑޮލަރަށްވާ 5,011,500.00 (ފަސް މިލިއަން އެގާރަ ހާސް ފަސް ސަތޭކަ) ރުފިޔާ އާއި، ފުށިދިއްގާގެ އިކުއިޒިޝަން ކޮސްޓްގެ 50,000.00 ޑޮލަރުގެ އިތުރުން، އެ ފައިސާ އިންވެސްޓްކޮށްގެން ހޯދާފައިވާ ފައިދާ އަނބުރާ ހޯދުމަށް އެމް.އެމް.ޕީ.އާރ.ސީއަށް ފޮނުވުމަށްވެސް ވަނީ ނިންމާފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement