
ފައިނު އެއަޕޯރޓް އަޅަން އަންނަ މަހު އެމްޓީސީސީއާ ހަވާލުކުރަނީ
ރ.ފައިނުގައި އެއަޕޯރޓް އަޅަން އަންނަ މަހު އެމްޓީސީސީއާ ހަވާލުކުރަން ނިންމައިފިއެވެ. މިކަން އިއުލާނުކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ރ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ފައިނަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނުގެ ރިޔާސީ ކެމްޕެއިންގައި ވައުދުވެވަޑައިގެންނެވި ގޮތަށް ރ. ފައިނު އެއާޕޯޓްގެ މަސައްކަތް ކުރިއަށް ގެންގޮސްދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.
ފެބްރުއަރީމަހުގެ ތެރޭގައި އެމްޓީސީސީއާއެކު އެގްރިމެންޓްކޮށް, ވަރަށް އަވަހަށް ޢަމަލީ މަސައްކަތް ފަށްޓަވާނެކަމުގެ ޔަޤީންކަންވެސް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.
އެންމެ ކުޑަ ޚަރަދެއް ކޮށްގެން ކުރެވޭނެ ގޮތަށް އެއާޕޯޓް އެޅުމަށް ބޭނުންވާ ޖާގަ ހުސްކޮށް، ފެނާއި ނަރުދަމާ ޚިދުމަތް ނުހުއްޓި ކުރިއަށްގެންދެވޭ ގޮތަށް ތަރުތީބުކޮށްގެން، ރަނގަޅަށް އޮމާންކޮށް މަސައްކަތްތައް ކުރިއަށް ގެންގޮސް ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ފައިނު އެއާޕޯޓަކީ ރަށުގެ ރައްޔިތުންގެ އުއްމީދެއްގެ އިތުރުން ދާއިރާގެ ހުރިހާ ރަށެއްގެ ރައްޔިތުންގެވެސް އިޤްތިޞާދީ ކުރިއެރުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާނެ އެއާޕޯޓެއް ކަމުގައި ވިދާޅުވިއެވެ. އަދި މިކަމުގެ ސަބަބުން ވަރަށް ގިނަ ވަޒީފާތައް އުފެދިގެންގޮސް، ވަރަށް ގިނަ ރިޒޯޓްތައް އައުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މި ދައުރުގެ ތެރޭގައި ރ އަތޮޅުގައި ގިނަ ރިޒޯޓްތަކެއް ހެދުމަށް ފުރުސަތު ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ މީގެކުރިން ވައުދުވެވަޑައިގެންފައެވެ. ރައީސް ވިދާޅުވީ ފައިނުގެ އެއާޕޯޓާމެދު ވަރަށް އުއްމީދީ ގޮތެއްގައި ދެކެވަޑައިގަންނަވާ ކަމަށެވެ. ފައިނު އެއަޕޯރޓް ވެގެންދާނީ މުޅި ޓޫރިޒަމް އިންޑަސްޓްރީއަށާއި އަދި އަތޮޅުގެ ޓޫރިޒަމަށް އިތުރު ކުރިއެރުންތަކެއް އަންނާނެ ސަބަބަކަށް ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ މިއީ އިޤްތިޞާދީ ގޮތުން ކުރެވޭ އިންވެސްޓްމަންޓެއް ކަމަށެވެ.
ރިއެކްޝަންސް






