
ދެ އިންތިޚާބު އެއްކޮށްލުމަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ
ރިޔާސީ އިންތިޚާބާއި, ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބު އެކުގައި ބާއްވަން އިސްލާހު ހުށަހަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މިއަދު އިއްވެވި އެމަނިކުފާނުގެ ދެވަނަ ރިޔާސީ އިންތިޚާބުގައި ވިދާޅުވީ މިފެށުނު މަޖިލިހުގެ ދައުރަށްވެސް މުހިއްމު އިސްލާހުތަކެއް ހިމެނޭ ބިލްތަކެއް ސަރުކާރުން ހުށަހަޅުއްވާނެ ކަމަށެވެ.
އެގޮތުން ޤާނޫނުއަސާސީއަށް ގެނައުމަށް ޤަސްދުކުރާ މުހިންމު ބައެއް އިސްލާޙުތައް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އޭގެތެރޭގައި ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބާއްވާގޮތަށް ބަދަލުކުރުމަށް ހުށަހަޅުއްވާ އިސްލާހު ހިމެނެއެވެ. އަދި ނޮވެމްބަރު 11 ގައި ރިޔާސީ ދައުރު ފެށޭގޮތަށް ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމަށްޓަކާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް އެހުމަށްވެސް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވިއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ކަނޑައަޅާގޮތް އިސްލާހުކުރެއްވުމަށްވެސް ހުށަހަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މީގެއިތުރުން ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރަން ހުށަހަޅުއްވާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މީގެއިތުރުން މިދައުރުގައި ހުށަހަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި ބިލްތަކުގެ ތެރޭގައި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ އުސޫލުތައް ބަޔާންކުރާ ބިލަކާއި, ދިވެހި ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލު ހޯދުމަށްޓަކާ މުޅިން އަލަށް އެކުލަވާލެވޭ ބިމުގެ ބިލަކާއި, ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލާއި, ބޯހިޔާވަހިކަމުގެ ބިލު ހިމެނެއެވެ.
މީގެއިތުރުން ދިވެހިރާއްޖޭގައި އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސްގެ ޚިދުމަތް ފެށުމަށްޓަކައި އެކަމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު އެކުލަވާލުމުގެ ގޮތުން މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީގެ ބިލުވެސް މިފެށޭ ދައުރުގެ ތެރޭގައި މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވިއެވެ.
މިދިޔަ ސަހަރު ސަރުކާރުން 35 ބިލެއް ހުށަހަޅުއްވާ 21 ބިލެއް މަޖިލިހުން ފާސްކުރެއްވިއެވެ. ރައްޔިތުންގެ މަޖިލިހުގައި އޮތީ ސަރުކާރުގެ ސުޕަރ މެޖޯރިޓީއެވެ.
ރިއެކްޝަންސް






