
އަންނަ އަހަރު ނިމުމުގެ ކުރިން ހުރިހާ ރަށެއްގައި ފެނާ ނަރުދަމާ ޤާއިމްކޮށް ނިމޭނެ- ރައީސް މުއިއްޒު
އަންނަ 2026 ވަނަ އަހަރު ނިމުމުގެ ކުރިން ހުރިހާ ރަށެއްގައި ފެނާ ނަރުދަމާ ޤާއިމްކޮށް ނިމޭނެ ކަމަސް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މިއަދު އިއްވެވި ރިޔާސީ ބަޔާނުގައި އެމަނިކުފާނު ވިދާޅުވީ 2026 ވަނަ އަހަރު ނިމުމުގެ ކުރިން، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހައި ރަށަކަށް ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދީ ނިމޭނެ ކަމަށެވެ.
ތަފްސީލް ހިއްސާކުރައްވަމުން ވިދާޅުވީ މި ސަރުކާރުން 45 ރަށެއްގެ ފެނުގެ ޚިދުމަތް، އަދި 40 ރަށެއްގެ ނަރުދަމާގެ ޚިދުމަތް ޤާއިމްކޮށް ނިންމާފައިވާކަމަށެވެ. ފެނުގެ ޚިދުމަތް ނުލިބި އޮތް 56 ރަށާއި ނަރުދަމާގެ ޚިދުމަތް ނުލިބި އޮތް 45 ރަށުގެ މަސައްކަތް ކުރިއަށް އޮތް 2 އަހަރު ތެރޭ މުޅިން ނިންމާލެވޭނެ ކަމުގެ ޔަގީންކަން ދެއްވިއެވެ. މިދިޔަ ސަރުކާރު ނިމުނުއިރު ފެނާއި ނަރުދަމާގެ މަސައްކަތް ހިނގަމުންދާ އަދި ފެށުމަށްފަހު ހުއްޓިފައިވާ ރަށްތައް ހުއްޓެވެ. ހުރިހާ ރަށެއްގެ މަސައްކަތް މިދިޔަ ސަރުކާރުންވެސް ކޮންޓްރެކްޓް ކުރިއެވެ.
މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އަރައި ފޭބުމުގެ ދަތިކަން ހުރި ރަށްތަކަށް ސަރުކާރުގެ ބަޖެޓުން ޖާގަ ލިބޭ މިންވަރަކުން ބަނދަރު ތަރައްޤީކުރައްވާނެކަމަށެވެ. މިހާރުވެސް 52 ރަށެއްގެ ބަނދަރުގެ މަސައްކަތް ކުރައްވަމުންދާކަމަށް ވިދާޅުވިއެވެ. މިއަހަރުގެ ތެރޭގައި އިތުރުން 10 ރަށެއްގައި ބަނދަރުގެ މަޝްރޫޢު ފެށިގެންދާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ދިވެހި ކޮންމެ ރައްޔިތަކަށް ބޭންކިންގ ޚިދުމަތް، އެ ރައްޔިތަކު ދިރިއުޅޭ ފަސްގަނޑަކުން ލިބޭނޭގޮތް ފަހިވެފައި އޮތުމަކީ، ކޮންމެހެން ބޭނުންތެރިކަމެއްކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އެކަމަށްޓަކައި މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި، ކިތަންމެ އާބާދީ ކުޑަޔަސް، ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) ގެ އޭޓީއެމް ބެހެއްޓި، ޚިދުމަތް ދޭން ފެށޭނެ ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން 19 ރަށެއްގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމް.އައި.ބީ) ގެ އޭޓީއެމް ބެހެއްޓި ޚިދުމަތް ދޭން ފެށޭނެކަމަށްވެސް ވިދާޅުވިއެވެ. އަދި މިއަންނަ އަހަރު އިތުރު 10 ރަށެއްގައި އެމް.އައި.ބީގެ އޭ.ޓީ.އެމް ބެހެއްޓުމަށް ނިންމާފައިވާކަމަށް ވިދާޅުވިއެވެ.
ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ވަސީލަތްހަމަ، ފެންވަރު ރަނގަޅު ކުޑަކުދިންގެ ޕާކަކާއި، އެކި އުމުރުތަކަށް ބޭނުންކުރެވޭ އައުޓްޑޯ ޖިމަކާއި, ވަސީލަތްހަމަ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެއް ހުޅުވިގެންދާނެކަންވެސް ރައީސުލްޖުމްހޫރިއްޔާ ޢިއުލާންކުރެއްވިއެވެ.
ރިއެކްޝަންސް






