
މީޑިޔާ ބިލް އަނބުރާ ގެންނަން ޖެހޭ ކަމަށް ގަބޫލެއް ނުކުރަން- އޭޖީ
ސަރުކާރުން މަސައްކަތް ކުރަނީ އިސްލާހު ހުށަހަޅަން
ރައްޔިތުންގެ މަޖިލިހަށް މިހާރު ބަލައިގަނެ ކޮމިޓީއަށް ފޮނުވާފައިވާ މީޑިޔާ ބިލް އަނބުރާ ގެންނަން ޖެހޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ބަންޑާރަނައިބު އަލްއުސްތާޛު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ. ބިލްގެ ކަންބޮޑުވުންތަކާ ގުޅިގެން ނޫސްވެރިން ކުރަމުން އަންނަ އިހުތިޖާޖާ ގުޅިގެން މައުލޫމާތު ހިއްސާކުރަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނުސްވެރިންގެ ބައްދަލުވުމުގައި ބަންޑާރަނައިބު ވިދާޅުވީ މިހާތަނަށް ކުރެވުނު ދިރާސާތަކުގެ އަލީގައި ބިލް އަނބުރާ ނަގަން ޖެހޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
އޭޖީ ވިދާޅުވީ މިހާތަނަށް ދިރާސާކުރިއިރު ގަބޫލުކުރެވެނީ ބިލް އިތުރަށް ދިރާސާކޮށް ރަނގަޅުކޮށްގެން ކުރިއަށްގެންދެވިދާނެ ކަމަށް ކަމަށެވެ. ބިލްގައި ހުރި ބައެއް މާއްދާތަކަށް އިޝާރާތްކުރައްވާ ވިދާޅުވީ ބިލްގެ އެންމެ ބޮޑު ބޭނުމަކީ ދެ ކޮމިޝަން (މީޑިޔާ ކައުންސިލާއި ބްރޯޑްކޮމް) އެއްކޮށްލުން ކަމަށެވެ. ސަރުކާރުގެ ސިޔާތަކީ ވެސް އަދި ސަރުކާރުން ދެކިވަޑައިގަންނަވާ ގޮތަކީވެސް އެންމެ ރަނގަޅު ގޮތަކީ ދެކޮމިޝަން އެއްކޮށްލުން ކަމަށް ވިދާޅުވިއެވެ. 2019 ވަނަ އަހަރުން ފެށިގެންވެސް އެފަދަ މަސައްކަތްތަކެއް ކުރަމުން އައި ކަމަށާއި އޭރު މީޑިޔާ ކައުންސިލުންވެސް ހުށަހެޅުންތަކެއް ހުށަހެޅި ކަމަށް އޭޖީ ވިދާޅުވިއެވެ.
ބަންޑާރަނައިބުގެ މައިގަނޑު ވާހަކަ ބައްޓަން ކުރެއްވީ 2022 ވަނަ އަހަރު މީޑިޔާ ކައުންސިލުން ހުށަހެޅުއްވި ބިލަކަށެވެ. އެކައުންސިލުން އޭރު ހުށަހެޅި މީޑިޔާ ބިލް މާ ހަރުކަށި ކަމަށް އޭޖީ ވިދާޅުވިއެވެ. މިހާރު ހުށަހަޅާފައި އޮތް ބިލަކީ މީޑިޔާ ކައުންސިލުން ހުށަހެޅި ބިލަށްވުރެ ލުރި ބިލެއް ކަމަށް އޭޖީ ވިދާޅުވިއެވެ.
މީޑިޔާ ކައުންސިލުން ފޮނުވި ބިލްގައި އޮތީ 7 މެމްބަރުންގެ ތެރެއިން 5 މެމްބަރުންނަކީ މިޑިޔާ ތެރެއިން އިންތިޚާބުކޮށް, ދެ މެމްބަރުން ރައީސް އައްޔަންކުރައްވާ ގޮތަށް އޮތުން ކަމަށް އުޝާމް ވިދާޅުވިއެވެ. ނަމަވެސް އެއީ މައްސަލައަކަށް ނުވެ, މިހާރު މައްސަލައަކަށް ވާ ސަބަބު މެދު ސުވާލު އުފެއްދެވިއެވެ.
އޭޖީ ވިދާޅުވީ މިހާތަނަށް ކޮށްފަހުރި މަސައްކަތްތަކާއި, ކައުންސިލްގެ ހުށަހެޅުންތަކަށްވެސް ރިއާޔަތްކޮށް ސަރުކާރުން ބިލަށް އިސްލާހުތައް ހުށަހެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ރިއެކްޝަންސް






