ބޭހުގެ އަގަށް ގެންނަން ބަދަލާއެކު އަހަރަކު 220 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ- އެންސްޕާ
ބޭހުގެ އަގަށް ގެންނަން ބަދަލާއެކު އަހަރަކު 220 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓަކްޝަން އެޖެންސީ (އެންސްޕާ) އިން ބުނެފިއެވެ.
250 ބޭހެއްގެ އަގަށް ބަދަލު ގެންނަން ނިންމަވާފައިވާކަން ހާމަކުރަން ޢާއްމުކުރި ބަޔާނެއްގައި އެންސްޕާއިން ބުނެފައިވަނީ ކުރިއަށް އޮތް ނޮވެމްބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން 87 ބޭހެއްގެ އަގަށް ބަދަލު އަންނާނެ ކަމަށެވެ. އެއީ މިހާތަނަށް ރިވިއުކޮށް ނިމިފައިވާ ބޭސްތައް ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ. މީގެއިތުރުން ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހުން ފެށިގެންވެސް 126 ބޭހެއްގެ އަގަށް ބަދަލު ގެންނާނެ ކަމަށް ބުނެފައިވެއެވެ. ގެންނަ ބަދަލުތައް އެންސްޕާގެ ވެބްސައިޓުން އިނގެން ހުންނާނެ ކަމަށް ނޫސްބަޔާނާނުގައި ބުނެފައި ވެއެވެ. އަގަށް ބަދަލު ގެންނަ ބޭސްތަކަކީ ދިވެހިން އާއްމުކޮށް ބޭނުން ކުރާ ބޭސްތަކެވެ.
އެންސްޕާއިން ބުނީ މިބަދަލުތައް ގެންނަނީ އާސަންދަ ސްކީމަކީ ދެމެހެއްޓެނިވި ގޮތެއްގައި ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދެވޭ ނިޒާމަކަށް ހެދުމަށް ކަމަށެވެ.
"މިފިޔަވަޅުތަކުގެ ސަބަބުން ކުރިން އަގުބޮޑުކޮށް ވިއްކަމުން ދިޔަ ބޭސްތަކުގެ އަގު ހެޔޮކުރެވި, އާސަންދަ ސްކީމްގެ ޚަރަދު ކުޑަކުރެވިގެންދާނެއެވެ." އެންސްޕާގެ ބަޔާނުގައި ބުނެފައި ވެއެވެ.
އެންސްޕާއިން ބުނީ އާސަންދަ ސްކީމްގެ ތެރެއިން ރައްޔިތުންނަށް ހިލޭ ބޭސް ލިބުމުގެ އިންތިޒާމަށް އެއްވެސް ބަދަލެއް ނައިސް ލިސްޓްގައި ހިމެނޭ ބޭހުގެ ކޮންމެވެސް އެއް ބްރޭންޑެއްގެ ބޭސް އެސްޓީއޯގެ ފާމަސީ ތަކުންނާއި, އާސަންދައަށް ރަޖިސްޓްރީ ކޮށްފައިވާ ފާމަސީތަކުން އިތުރު އަގަކާ ނުލައި ލިބެން ހުންނާނެ ކަމަށް އެންސްޕާއިން ބުންޏެވެ.
އާސަންދަ ސްކީމުން ބޭސް ނެގުމަށްފަހު ރަސީދު ހޯދަން އެންސްޕާއިން ވަނީ އިލްތިމާސް ކޮށްފައެވެ.
ރިއެކްޝަންސް