ކާށިދޫ ދާއިރާގެ އެމް.ޑީ.ޕީ ޓިކެޓު ޖާބިރަށް
ޖާބިރު ވަނީ 19 ވަނަ މަޖިލީހުގެ ޕްރައިމަރީގައި ޖާބިރު ވާދަކުރެއްވި ނަމަވެސް އެފަހަރު ޖާބިރަށް ކުރިމަތިލާންޖެހުނީ ނާކާމިޔާބާ. އެހެން ނަމަވެސް ޖާބިރު ވަނީ އަމިއްލަގޮތުން މަޖިލީހަށް ވާދަކުރައްވައި ގޮނޑި ކާމިޔާބު ކުރައްވާފަ.
އަންނަ މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ކާށިދޫ ދާއިރާގެ އެމް.ޑީ.ޕީ ޓިކެޓު އެދާއިރާގެ މިހާރުގެ މެންބަރު އަބްދުﷲ ޖާބިރު ކާމިޔާބު ކުރައްވައިފިއެވެ.
މިއަދު ބޭއްވި އެމް.ޑީ.ޕީ ޕްރައިމަރީ ޖާބިރު ކާމިޔާބު ކުރެއްވީ 252 ވޯޓު ހޯއްދަވައިގެންނެވެ. ޖާބިރާ ވާދަކުރެއްވި އަބްދުﷲ ރިއްފަތަށް ލިބިފައިވަނީ 150 ވޯޓެވެ.
އަބްދުﷲ ޖާބިރު ވަނީ މިހާރު ހިނގަމުން އަންނަ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އެމް.ޑީ.ޕީގެ ޕްރައިމަރީގައިވެސް ވާދަކުރައްވާފައެވެ. އެހެން ނަމަވެސް އެފަހަރު ޖާބިރަށް އެމް.ޑީ.ޕީގެ ޓިކެޓު ލިބިވަޑައި ނުގެންނެވީ ޕްރައިމަރީން ބަލިވުމުންނެވެ.
ޖާބިރު ވަނީ ޕްރައިމަރީން ބަލިވުމުން އަމިއްލަގޮތުން އިންތިޚާބުގައި ވާދަކުރައްވައި އެ ދާއިރާގެ މަޖިލިސް ގޮނޑި ކާމިޔާބު ކުރައްވާފައެވެ.
މިއަދު ބޭއްވި އެމް.ޑީ.ޕީގެ ޕްރައިމަރީގައި މިހާރުގެ މަޖިލީހުގެ ގިނަ މެންބަރުން ވަނީ ޓިކެޓު ކަށަވަރު ކުރައްވާފައެވެ. އެގޮތުން ވިލިގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން އާއި ފ. ބިލެއްދޫ ދާއިރާގެ މެންބަރަރު އަޙްމަދު ޙަލީމްގެ އިތުރުން ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ އާއި ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަބްދުﷲ ޝަފީގު ވަނީ މިއަދު ބޭއްވި ޕްރައިމަރީ ކާމިޔާބު ކުރައްވާފައެވެ.
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 93 ދާއިރާއަށްވެސް އެމް.ޑީ.ޕީން ވާދަކުރާނެކަން އެޕާޓީން ވަނީ ހާމަކޮށްފައެވެ.
ރިއެކްޝަންސް