ރައީސްގެ 2 ވަނަ ޖަވާބު: އާ ލޯކަލްމާރުކޭޓާއެކު ވިޔަފާރިވެރިންގެ ކަންބޮޑުވުމަށް ހައްލު ލިބޭނެ
ރައީސް ވިދާޅުވީ މާލޭގައި އަލަށް ޢިމާރާތްކުރާ ލޯކަލްމާރުކޭޓު ހުޅުވުމުން ގޮޅިތަކުގައި ބިދޭސީން ތިބޭ މައްސަލައަށް ހައްލެއް ލިބޭނެ ކަމަށް.
މާލޭގައި އަލަށް އެޅުމަށް ނިންމާފައިވާ ލޯކަލްމާރުކޭޓު ހުޅުވުމުން ވިޔަފާރިވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ސީދާ ރައީސްއާ އާންމުންނަށް ސުވާލު ކުރުމަށް ރައީސް މުޢިއްޒު ތައާރަފް ކޮށްފައިވާ "ރައީސްގެ ޖަވާބު" ޕްރޮގްރާމްގައި އާންމު ރައްޔިތަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ހއ. ބާރަށު، މަދޮށިމާގޭ ޢަބްދުﷲ އިބްރާހީމް ރައީސުލްޖުމްހޫރިއްޔާއާ ކުރި ސުވާލު ކުރީ މާލޭގެ މާރުކޭޓުގެ ހާލަތާއި ބިދޭސީން އެތަންތަނުގައި ކުރަމުން އަންނަ ވިޔަފާރިއާ ގުޅޭ ގޮތުންނެވެ.
ޢަބްދުﷲ ވަނީ މިހާރު ހުރި މާރުކޭޓުތަކަކީ ކާބޯތަކެތި ވިއްކަން އެކަށީގެންވާ ތަންތަން ނޫންކަމަށާއި އެތަނުގެ ގޮޅިތަކުގައި ބިދޭސީން ވިޔަފާރިކުރާތީ އެކަމާ ގުޅޭގޮތުން ވެސް ރައީސާ ސުވާލުކުރިއެވެ.
އެ ސުވާލަށް ޖަވާބުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އަލަށް އިމާރާތްކުރާ މާރުކޭޓާއެކު އެ ހުރިހާ ކަމެއް ހައްލުވެގެންދާނެ ކަމަށެވެ.
އަދި ލޯކަލް މާރުކޭޓު ހުރި ސަރަހައްދުގައި ދުނިޔޭގެ އެހެން ޤައުމުތަކުގައި ވެސް ހުންނަ ފެންވަރުގެ ޒަމާނީ މާރުކޭޓެއް އެޅުމަށް މާލެ ސިޓީ ކައުންސިލަށް ހުރިހާ މަގެއް ސަރުކާރުން މިހާރު ފަހިކޮށްދެއްވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި އާ މާރުކޭޓުގައި މަސްމާރުކޭޓާއި ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓުގައި ވިއްކާ ހުރިހާ ބާވަތެއް ވިއްކާނެ ޖާގަ ހުންނާނެ އެވެ. އަދި ގޮޅިތަކުގެ ޖާގަ ވެސް މިހާރުގެ މާރުކޭޓަށްވުރެ ތަނަވަސްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ބިދޭސީ ވިޔަފާރިވެރިންގެ މައްސަލަ ވެސް އައު މާރުކޭޓާއެކު ހައްލުވެގެންދާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.
ރިއެކްޝަންސް