
އިޒްރާއިލްއިން ފަލަޞްޠީނުގެ 'ޕެލޭ' މަރާލުމާ ގުޅިގެން ޔުއެފާގެ ޓްރިބިއުޓަށް ޞަލާޙް: "އޭނާ މަރުވި ގޮތް ބުނެދީ"!
އެހީ ލިބިގަތުމަށް ގޮސް ހުރި ސުލައިމާން އަލް-އޮބެއިދް އިޒްރާއިލް އިން މަރާލީ މިދިޔަ ބުދަ ދުވަހު
ފަލަޞްޠީނުގެ 'ޕެލޭ' ގެ ނަމުން މަޝްހޫރުވެފައިވާ ކުރީގެ ބައިނަލްއަޤުވާމީ ފުޓްބޯޅަކުޅުންތެރިޔާ ސުލައިމާން އަލް-އޮބެއިދް އިޒްރާއިލްއިން މަރާލުމާ ޔޫރަޕްގެ ފުޓްބޯޅައިގެ މައި އިދާރާ ިޔުއެފާއިން އިން ދިން ޓްރިބިއުޓަށް ލިވަޕޫލްގެ ފޯވާޑް މުޙައްމަދު ޞަލާޙް ފާޑުކިޔައިފިއެވެ. ސަލާޙް ވަނީ ޔުއެފާއިން އޮބެއިދްގެ މަރާގުޅުންހުރި އެެއްވެސް ކަމަކަށް ރިއާޔަތް ކޮށްފައި ނުވާތީ އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށް އޭނާ މަރުވިގޮތް ބުނެދިނުމަށް ގޮވާލާފައެވެ.
ފަލަޞްޠީނުގެ ފުޓްބޯޅަ އެސޯސިއޭޝަން އިން ބުނި ގޮތުގައި 41 އަހަރުގެ އޮބެއިދް ޝަހީދުވީ މިދިޔަ ބުދަ ދުވަހު ޣައްޒާގެ އާންމުންނާ އެކު އެހީ ލިބުގަތުމަށް އެހީ ބަހާ ސައިޓެއްގައި ހުއްޓާ އެތަނަށް އިޒްރާއިލްއިން ދިން ވައިގެ ހަމަލާތަކެއްގައެވެ.
އޮބެއިދްގެ މަރާ ގުޅިގެން ޔުއެފާއިން އިއްޔެ ވަނީ އޭނާފެ ފޮޓޯއަަކާއެކު އެކްސްގައި ޕޯސްޓެއް ކޮށްފައެވެ. "ފަލަޞްޠީނުގެ 'ޕެލޭ' ސުލައިމާން އަލް-އޮބެއިދް އަށް ވަދާއު. އެންމެ އަނދިރި ވަގުތު ތަކުގައި ވެސް އެތައް ކުޑަކުދިންނަކަށް ގެނެސްދިން އުންމީދު ގެނެދިން ހުނަރެއް" ޔުއެފާގެ ޕޯސްޓްގައި ބުނެފައި ވެއެވެ.
ސަލާޙް ވަނީ އެ ޕޯސްޓް އަލުން ޕޯސްޓްކޮށް "އޭނާ މަރުވީ ކޮންތާކު, ކިހިނެތް އަދި އަދި ކީއްވެގެންކަން ބުނެދެވިދާނެތަ" މިހެން ލިޔެފައެވެ.
ޕްރިމިއަރ ލީގުގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ, 33 އަހަރުގެ ސަލާޙް މީގެ ކުރިންވެސް ވަނީ ދެއަހަރުވާން ކައިރިވެފައިވާ ޣައްޒާ ޤަތުލްއާންމާއެކު ހާލަތު އިންތިހާއަށް ދަށްވެފައިވާ ޣައްޒާއަށް އިންސާނީ އެހީ ވަނުމުގެ މަގުތަށް ހުޅުވުމަށް ވަކާލާތުކޮށްފައެވެ.
އދ ން ބުނެފައިވާ ގޮތުގައި އެހީ ބެހުމުގެ ނަމުގައި ހިންގާ ސައިޓްތަކުން އެކަނިވެސް ފާއިތުވި ދެ މަސް ދުވަހުގެ ތެރޭގައި 1000 ށް ވުރެ ގިނަ މީހުން ވަނީ މަރާލާފައެވެ. އިޒްރާއިލް އާއި އެމެރިކާ ގުޅިގެން ޣައްޒާ ހުއުމެނިޓޭރިއަން ފައުންޑޭޝަން ގެ ނަމުގައި އެހީ ބެހުމުގެ ނަމުގައި ޖަމާއަތެއް ހެދީ މެއި މަހު ފަހުކޮޅުއެވެ.
ރިއެކްޝަންސް






