
އެމް.އައި.އެފް.ސީ ވެގެންދާނީ، ކެރިގެން ނިންމާ ނިންމުންތަކާއި، ސާބިތު ބައިވެރިވުންތަކާއި، ޤައުމީ މަގުސަދުގެ ތަރިކައަކަށް- ރައީސުލްޖުމްހޫރިއްޔާ
އެމް.އައި.އެފް.ސީ ޤާއިމުކުރުމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފަ
މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރ (އެމް.އައި.އެފް.ސީ) ވެގެންދާނީ، ކެރިގެން ނިންމާ ނިންމުންތަކާއި، ސާބިތު ބައިވެރިވުންތަކާއި، ޤައުމީ މަގުސަދުގެ ތަރިކައަކަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، އެމް.އައި.އެފް.ސީ ޤާއިމުކުރުމާ ގުޅޭގޮތުން ޖޮއިންޓް ވެންޗަރ އެއްބަސްވުމާއި ފަހުމުނާމާގައި ސޮއިކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެމް.އައި.އެފް.ސީ ތަޢާރަފުކޮށްދެއްވަމުން ރައީސުލްޖުމްހޫރިއްޔާ އެ މަރުކަޒު ސިފަކުރައްވާފައިވަނީ، ފުރުޞަތުތަކާއި، ވިލުންތެރިކަމާއި، ޝަރަފުވެރިކަމުން ދިވެހިން ބާރުވެރިކޮށްގެން ދިވެހި އިޤުތިޞާދު ސިންދަފާތުކުރުމަށް ކުރައްވާ މަސައްކަތައް ދެއްވާ އިތުބާރެއްގެ ގޮތުގައެވެ. އަދި މިއީ، މާލިއްޔަތާއި، ދެމެހެއްޓެނިވި އަދި ޙަޟާރީ ދިރިއުޅުމެއްގެ މަތީ ބިނާކުރާ މުސްތަޤުބަލަކަށް ދިވެހިން ތައްޔާރަށް ތިބިކަން ދުނިޔެއަށް އަންގައިދޭ ނިޝާނެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އެއީ ހަމައެކަނި ބިނާއެއް ނޫން ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެ މަރުކަޒަކީ 2040 ވަނަ އަހަރު އަންނައިރު ދިވެހިރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ކުރާ ދަތުރުގެ ފެށުން ކަމަށެވެ. ދިވެހިން މި އާދަޔާ ޚިލާފު ދަތުރު ފެށީ، ސާފު އަމާޒެއް ހިފައި، ޔަޤީންކަމާއެކު، އީޖާބީ ވިސްނުމެއްގައިކަމަށް ރައީސް ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހިރާއްޖެ އަކީ ހަމައެކަނި މަންޒިލެއް ނުވަތަ ކުޑަ ޖަޒީރާ ޤައުމެއް ނޫންކަމަށެވެ. ދިވެހިރާއްޖެ އަކީ ހިންދު ކަނޑުގެ އިޤްތިޞާދީ އަދި ޑިޖިޓަލް ބަދަލުގެ ތެރޭގައި ހިމެނޭ "ސްމާޓް ޖަޒީރާ ޤައުމެއް" ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މާޒީގެ މޮޑެލްތައް ނަކަލުކުރުމުގެ ބަދަލުގައި ރާއްޖެއިން ގެންގުޅޭނީ، ސަރަޙައްދީ އިންތައް ފަހަނައަޅައިދާފަދަ، ޑިޖިޓަލް ފަސްޓް އަދި ޝާމިލު މާލީ ވެއްޓެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުން، އެމް.އައި.އެފް.ސީ އިން އެތައް ބިލިއަން ޑޮލަރެއްގެ އާމްދަނީ ހޯދޭނޭކަމަށް ހިސާބުތަކުން ދައްކާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި އެއީ ޤައުމީ އުފެއްދުންތެރިކަމުގައި މުހިންމު ހިއްސާއެއް އަދާކުރާނޭ މަޒުކަޒަކަށް ވެގެންދާނޭކަމަށް އަންދާޒާ ކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސިނާޢީގޮތުން ހުރި ފުރުޞަތުތަކަށް ހަލުވި ދުވެލީގައި ވާޞިލުވުމަށް ވެވޭ އެހީއަކަށް މަޒުކަޒު ވެގެންދާނޭކަމަށެވެ.
އެމް.އައި.އެފް.ސީ ޤާއިމުކުރުމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ އާއި އެމް.ބީ.އެސް ގްލޯބަލް އިންވެސްޓްމަންޓްސް އާ ދެމެދު ޖޮއިންޓް ވެންޗަރ އެއްބަސްވުމާއި ފަހުމުނާމާގައި ރޭ ވަނީ ސޮއިކުރައްވާފައެވެ. ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގ މޫސާ ޒަމީރެވެ. އަދި އެމް.ބީ.އެސް ގްލޯބަލް އިންވެސްޓްމަންޓްސްގެ ފަރާތުން ސޮއިކުރެއްވީ ޗެއަރމަން، މަރްވާން އަލްހަޖޭރީ އެވެ.
ރައީސުލްޖުމްހޫރިއްޔާ ހިއްސާކުރައްވާފައިވަނީ، އެމް.އައި.އެފް.ސީގެ އެހީގައި މުޖުތަމަޢަށް ދިރުންގެނުވައި، ދިވެހި އެތައް ޖީލުތަކަކަށް ފަހި ފުރުޞަތުތައް އުފެދިގެންދާނޭކަމުގެ ތަސައްވުރެކެވެ. މަތީ ފަންތީގެ ބައިނަލްއަޤުވާމީ ޢިއްޒަތްތެރީންވެސް ބައިވެރިވެވަޑައިގަތް މި ރަސްމިއްޔާތުން ރަމްޒުކޮށްދެނީ ހިންމަތާއި، އުފެއްދުންތެރިކަމާއި، ބަދަލުގެ ރޫޙުން ތަފްޞީލުކޮށްދޭ، އާ ބާބެއްގެ ފެށުމެވެ.
ރިއެކްޝަންސް






