ޣައްޒާ ހަނގުރާމަ ވަރުގަދަކުރަން އިޒްރާއިލްގެ ރިޒާވް ފޯސް ތައްޔާރީ ހާލަތަށް އައުމަށް އަންގައިފި
ސުންނާފަތިކޮށްލާފައިވާ ޣައްޒާ މަތިން ފެންނަ ގޮތުގެ ފޮޓޯއެއް. ޣައްޒާގެ %92 އިންފްރާސްޓްރަކްޗަރ ވަނީ ބިމާހަމަކޮށްލާފަ. ފޮޓޯ: އަލްޖަޒީރާ

ޣައްޒާ ހަނގުރާމަ ވަރުގަދަކުރަން އިޒްރާއިލްގެ ރިޒާވް ފޯސް ތައްޔާރީ ހާލަތަށް އައުމަށް އަންގައިފި

3 hours ago - 05:33
May 5, 2025 - 05:34

އިޒްރާއިލްގެ  އިސްތިއުމާރީ ސިފައިން ޣައްޒާގައި ހިންގަމުންދާ  ޤަތުލްއާންމު ވަރުގަދަކުރުމަށް އަސްކަރިއްޔާގެ ރިޒާވް ފޯސް ތައްޔާރީ ހާލަތުގައި ތިބުމަށް  އަންގައިފިއެވެ.

އިސްތިއުމާރީ ސިފައިންގެ ވެރިޔާ، އެޔަލް ޒަމިރް ބުނި ގޮތުގައި އަސްކަރިއްޔާގެ ރިޒާވްގައި ތިބި އެތައްހާސް ސިފައިންނަށް މިހާރު ވާނީ ޣައްޒާ ހަނގުރާމަ ފުޅާކުރަން އުޅޭކަން އަންގާ ފައުޖުތަކާ ގުޅުމަށް ތައްޔާރުވުމަށް އަންގާފައެވެ.

ޒަމިރްގެ ބަޔާން  ނެރެފައިވަނީ އާދިއްތަ ދުވަހު އިޒްރާއިލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހަނގުރާމަ ކުރިއަށް ގެންދާނެކަމަށް ވައުދުވެފައި ވަނިކޮށެވެ. ނަތަންޔާހޫހެ ހަރުކަށި ވައުދު އާކޮށްފައި މިވަނީ ރަހީނުންގެ އާއިލާތަކުން އެމީހުން އަނބުރާ ގެނައުމަށް އިޒްރާއިލްގެ ސަރުކާރުން އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރާކަމަށްބުނެ ސަރުކާރަށް ވަރަށް ބޮޑަށް ފިއްތުންތައް ކުރިމަތިކުރަމުންދާ ދަނޑިވަޅެއްގައެވެ. ރަހީނުން އަނބުރާ ގެނައުމުގެ ނަމުގައި އިޒްރާއިލްއިން ވަނީ  ޣައްޒާގެ 52،000 މީހުން މިހާތަނަށް ޝަހީދުކޮށްލާފައެވެ.

"މި ހަފުތާގެ ތެރޭގައި އަހަރެމެންގެ ރިޒާވް  ސިފައިންނަށް އެތައްހާސް އަމުރުތަކެއް ލިބިގެންދާނެ. އެއީ އަހަރެމެން ޣައްޒާގައި ހިންގަމުންދާ އޮޕަރޭޝަންތައް ވަރުގަދަކުރުމަށް. އަހަރެމެންގެ މީހުން އަނބުރާ ގެނައުމަށާއި ހަމާސް ބަލިކުރުމަށް ވަރަށް ޕްރެޝަރު އެބަ އާދެ. އިޒްރާއިލްގެ އަސްކަރިއްޔާއިން ޣައްޒާގެ އިތުރު ސަރަހައްދުތަކުގައި ވެސް މިފަހަރު އޮޕަރޭޝަން ކުރިއަށް ގެންގޮސް ހަމާސްގެ ދުވަސްދުއްވާލާ ނެތިކޮށްލާނަން. އެމީހުންގެ ބާރުގެ ދަށުގައިވާ ހުރިހާތަނެއް މަތިންނާ ތިރިން ދުއްވާލާނަން" ޒަމިރް ގެ ބަޔާނުގައި ބުނެފައި ވެއެވެ.

Advertisement
Advertisement

އަސްކަރިއްޔާގެ ވެރިޔާގެ ބަޔާން އިއްވާފައިވަނީ މެޑިޓެރޭނިއަން ކަނޑުގެ އަެްސޭރީގެ އުތުރުގައި ޤާއިމްކޮށްފައިވާ އިޒްރާއިލްގެ އަސްކަރިއްޔާގެ ކަނޑުގެ ސިފައިންގެ ބޭސް 'އަޓްލިޓް' އަށް ކުރި ޒިޔާރަތުގައެވެ.

ޒަމިރްގެ ބަޔާން އިއްވީ ޣައްޒާ ހަނގުރާމަ ފުޅާކުރުމަށް މަޝްވަރާކުރުމަށް ބޮޑުވަޒީރު ނަތަންޔާހޫ ރިޔާސަތު ބެލެހެއްޓި ސަލާމަތީ ކެބިނެޓްގެ ބައަދަލުވުމުގެ ކުރިންނެވެ.

ޣައްޒާގައި ކުރަމުންދާ ހަނގުރާމަ ހުއްޓާލުމަށް އިޒްރާއިލް އާންމުން ގެ ފަރާތުން ސަރުކާރަށް ގޮވާލަމުންދާއިރު ރިޒާވުންގެ ތެރެއިން ގިނަ ބަޔަކު ސަރުކާރުގެ ގޮވާލުމަށް އިޖާބަނުދޭކަމަށް ހަބަރުތައް ބުނެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow