
އެމެރިކާއިން ޔަމަނަށް ހަމަލާދޭން ފެށިތާ 6 ހަފުތާ, އެމެރިކާގެ 200މ ޑޮލަރުގެ އަގުހުރި ޑްރޯން ހޫތީން ވައްޓާލައިފި
އެމެރިކާއިން ޔަމަނަށް ހަމަލާދޭން ބޭނުންކުރަމުން އަންނަ MQ-9 ރީޕަރ ޑްރޯންސްއަށް ހަމަލާދިނުމުގެ ޤާބިލްކަމާއެކު ފާއިތުވި ދުވަސްތަކުގައި 200 މިލިއަން ޑޮލަރުގެ އަގުހުރި ޑްރޯންތައް ވައްޓާލާފައިވާނެކަމަށް ހޫތީން ބުނެފިއެވެ. މިއީ އެމެރިކާއިން 'ހޫތީންނާ ދެކޮޅަށް' ކުރަމުން އަންނަ ހަނގުރާމައިގައި އެމެރިކާއަށް ނާކާމިޔާބު ލިބެމުންދާ ކަމުގެ ހެއްކެކެވެ.
އެމެރިކާގެ އަގުބޮޑު ޑްރޯންތަކަށް ހޫތީންގެ ހަމަލާތައް އަމާޒުވަމުން ދާއިރު އެމެރިކާގެ ހަމަލާތަކުގައި ޔަމަނުގެ ގިނަ އާންމުން މަރުވަމުން ދާތީ އެކަމާ ޓްރަމްޕްގެ ސަރުކާރަށް ދަނީ ފާޑުކިޔުން އަމާޒުވަމުންނެވެ. އެމެރިކާއިން ހޮދައިދާ ޕޯޓަށް ދިން ވަރުގަދަ ހަމަލާތަކުގައި އެކަނިވެސް 80 އަށްވުރެ އާންމުން ޝަހީދުވެފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.
އެމެރިކާގެ ގިނަ ޑްރޯންތައް ހޫތީން ހަލާކޮށްލާފައިވަނީ މާޗު މަހުގެ 31 އާ އެޕްރީލް 22 އާ ދެމެދު ހޫތީން ދިން ހަމަލާތަކުގައެވެ.
އެމެރިކާއިން ޔަމަނަށް ހަމަލާ ދޭން ބޭނުންކުރާ ކޮންމެ ޑްރޯން އެއްގެ އަގަކީ 30 މިލިއަން ޑޮލަރެވެ. ހޫތީންގެ ދިފާއީ އޮފިސަރަކާ ހަވާލާދީ އެސޯސިއޭޓް ޕްރެސްގައި ވާގޮތުން ހޫތީން ހަމަލާދީ މި ހަމަލާތައް ވައްޓާލަނީ ފެނުގެ ނުވަތަ ހުސްބިން ސަރަހައްދުތަކަށެވެ. އެމެރިކާއިންވެސް ވަނީ ޑްރޯންތަކަށް ހޫތީންގެ ހަމަލާތައް އަމާޒުވެފައިވާ ކަމަށް އެއްބަސްވެފައެވެ.
ހޫތީން އަންނަނީ އިޒްރާއިލްއިން ޣައްޒާގައި ހިންގަމުން އަންނަ ޤަތުލްއާންމާ ދެކޮޅު ހެދުމުގެ ގޮތުން ރަތްކަނޑުގެ ބާބް އަލް-މަންދެބްގައި އިޒްރާއިލްއާއި އެމެރިކާ އަދި އިނގިރޭސިވިލާތުގެ މަނަވަރުތަކަށާއި ކަނޑުގެ އުޅަނދުތަކަށް ހަމަލާދެމުންނެވެ. ހޫތީން ވަނީ އިޒްރާއިލްއިން ޣައްޒާގައި ހަމަލާތައް ހުއްޓާނުލަނީސް އެމީހުންގެ ހަމަލާތައްވެސް ހުއްޓާނުލާނެކަމަށް ބުނެފައެވެ.
ރިއެކްޝަންސް






