
އެންމެ ނުބައި މީހަކީ އަމިއްލަ މީހުންނާ ދެކޮޅަށް ހަނގުރާމަކުރާ މީހާ – ހުތުބާ
އެންމެ ނުބައި މީހަކީ އަމިއްލަ މީހުންނާ ދެކޮޅަށް ހަނގުރާމަކުރާ މީހާ ކަމަށް މަސްޖިދުއް ނަބަވީގެ އިމާމް އަދި ޚަތީބު ޑރ. ސަލާހުލް ބުދައިރު ވިދާޅުވެއްޖެއެވެ. މަސްޖިދުއް ނަބަވީގެ އިމާމް މިފަދައިން ވިދާޅުވީ މިއަދު އިސްލާމީ މަރުކަޒުގައި ދެއްވި ހުތުބާގައެވެ.
ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި ޖަމާއަތުގައި ޑރ. ސަލާހުލް ބުދައިރު ވިދާޅުވީ އެންމެ ނުބައި މީހަކީ، އެ މީހެއްގެ ޤައުމު ޚަރާބުކޮށް، އަމާންކަމާއި ސަލާމަތްކަން ނަގައިލައި، އަމިއްލަ މީހުންނާ ދެކޮޅަށް ހަނގުރާމަކުރާ މީހާ ކަމަށެވެ. ދެބަސްވުމާއި ދެކޮޅުވެރިކަމުގެ އަލިފާން ރޯކުރާ ޖާހިލަކަށް، ޤައުމެއްގެ ރައްޔިތުން އެއްގަލަކަށް ނޭރުވޭނެ ކަމަށް ވިދާޅުވިއެވެ. " ހަރުކަށިކަމާއި ނަފުރަތުން މީސްތަކުން ދީނާ ދުރުކުރާ މީހުންނާއި، މީސްތަކުންނާ ހުތުރު ބަހުން މުޚާޠަބުކޮށް އަނިޔާވެރިވާ މީހުންނާއި، މީސްތަކުންގެ ހިތްތަކުގައި ނަފުރަތުގެ އޮށްތައް އިންދައި، އެބައިމީހުންގެ ބަދަހި ސަފުތައް ވިސްސިވިހާލި ކޮށްލާ މީހުންނާއި، ތަންދޮރު ނުދަނެ ތިބެ ފަތުވާދީއުޅޭ މީހުންނާއި، އަނިޔާވެރިކަމާއި ފާޖިރުމަކުން ސިފަލިބިގެންވާ ބަޔަކަށް ވެސް ޤައުމު އެއްގަލަކަށް ނޭރުވޭނެއެވެ." ހުތުބާގައި ވިދާޅުވިއެވެ.
ޑރ. ސަލާހުލް ބުދައިރު ގޮވާލެއްވީ ފުރެދުމާއި، ފަސާދައާއި، އިލްޙާދަށް ގޮވައިލައި، މުސްލިމުން ބައިބައިކޮށް ދެކޮޅުވެރިކަން އުފައްދާ މީހުންނާމެދު ބިރުވެތިވުމަށެވެ. އަދި ޙިކުމަތްތެރިކަމާއި މެދުމިނުގައި ހިފަހެއްޓުމަށެވެ. އެކަކު އަނެކަކަށް ރަޙުމުކޮށް އޯގާވެރިވެ އުޅުމަކީ މަތިވެރި ކަމެއް ކަމެއްކަން ފާހަގަކުރައްވާ ދަލީލު ދެއްކެވިއެވެ. އަމިއްލަ ނަފުސަށާއި، އެހެން މީހުންގެ މައްޗަށް އޯގާވެރި އަޅަކަށް ވުމަށާއި, ޢިލްމުން ނުދަންނަ މީހުންނަށް އުގަންނައިދީ، އެ މީހުންގެ މައްޗަށް އޯގާވެރިވުމަށް ގޮވާލެއްވިއެވެ. އަދި މުދަލުން ފަޤީރުންނަށް ހޭދަކުރުމަށާއި, ބޮޑެތި މީހުންނަށް އިޙްތިރާމުކޮށް, ކުޑަކުދީންނަށް އޯގާވެރިވުމަށް ގޮވާލެއްވިއެވެ.
" ކުށުގެ ވެށީގައި އުޅޭ މީހުންނަށް މަގުދައްކާށެވެ! ޖަނަވާރުންނަށް ދާންދެން ތިބާ އޯގާވެރިވާށެވެ! ﷲގެ ރަހްމަތާ ކުއްތަންވެގެންވާ މީހުންނީ، އެކަލާނގެ ޚަލްޤުތަކުގެ މައްޗަށް އޯގާވެރިވާ މީހުންކަން ދަންނާށެވެ! އެފަދަ މީހުންނަށް މާތް ﷲ ރަހްމަތް ލައްވައި، އެ ކަލާނގެ ދީލަތިވަންތަކަމުގެ ގޮވައްޗަށް ވައްދަވާނެތެވެ. ކަށްވަޅުގެ ޢަޛާބާއި ނަރަކައިގެ ގިނި ހޫނުން މިންޖުކުރައްވާނެތެވެ. ޤިޔާމަތްދުވަހުގެ ބިރުވެރިކަމުން އަމާންކަން ދެއްވައި، އެ ކަލާނގެ ހިޔާވަހިކަން ދެއްވާނެތެވެ." ހުތުބާގައި ވިދާޅުވިއެވެ.
މަސްޖިދުއް ނަބަވީގެ އިމާމް މިއަދު އިއްވެވި ހުތުބާގައި ވިދާޅުވީ ﷲގެ އަޅުތަކުންނަށް ފައިދާއެއް ކޮށްދިނުމަކީ އެންމެ މަތިވެރި ޚުލްޤު ކަމަށެވެ. އަދި މީސްތަކުންނަށް ހެޔޮކޮށް ކަންތައްކުރާ މީހުން ދިރިއުޅޭނީ ޢިއްޒަތާއި ޝަރަފާއި ޤަދަރުވެރިކަމުގައި ކަމަށް ވިދާޅުވިއެވެ. އެހެންކަމުން މީސްތަކުންނަށް ފައިދާހުރި، ހެޔޮފޯރުވައި އުޅޭ މީހަކަށް ވުމަށް ގޮވާލެއްވިއެވެ. އަދި އެހީތެރިކަމާއި، ދީލަތިކަމާއި، ހޭދަކުރުން ދޫކޮށްނުލުމަށްވެސް ގޮވާލެއްވިއެވެ. މުށްބާރުނުކޮށް, ބޭނުމެއް ޖެހިގެން އަތްދިއްކޮށްލާ މީހާއަށް ކުޑަނަމަވެސް ހެޔޮކަމުގެ އަތެއް ދިއްކޮށްލުމަށް މަސްޖިދުއް ނަބަވީގެ އިމާމް ގޮވާލެއްވިއެވެ. ހެޔޮކަމުގެ އަތެއް ދިއްކޮށްލެވެން ނެތް ހާލަތުގައިވެސް ހިތްހެޔޮކަމާއެކު ރީތިކޮށް ޖަވާބުދޭން ގޮވާލެއްވިއެވެ.
މިއީ ކީރިތިރަސޫލާގެ މިސްކިތްކޮޅުގެ އިމާމަކު ރާއްޖޭގައި ހުކުރުކުރައްވާ ހުތުބާއެއް ދެއްވި ފުރަތަމަ ފަހަރެވެ.
ރިއެކްޝަންސް






