އާދަޔާ ހިލާފަށް ބިލް ބޮޑުވި ގެތަކަށް ޒިޔާރަތްކޮށް ސްޓެލްކޯއިން މައްސަލަ ދެނެގަންނަނީ
އާދަޔާހިލާފަށް ބިލް ބޮޑުވި ގެތަކުގެ ކަރަންޓްގެ އޮޑިޓެއް ހަދާނެ
އާދަޔާ ހިލާފަށް ބިލް ބޮޑުވި ގެތަކަށް ޒިޔާރަތްކޮށް މައްސަލަ ދެނެގަންނަން ސްޓެލްކޯއިން ނިންމައިފި އެވެ.
މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވާ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވީ މިދިޔަ މަހުގެ ބިލްތަކުގެ ތެރޭގައި އާދަޔާ ހިލާފަށް ބޮޑު ބިލްތަކެއް ފާހަގަކުރެވިފައިވާ ކަމަށެވެ. އާދަޔާ ހިލާފަށް ބޮޑުކަމަށް ފާހަގަކުރެވިފައިވަނީ މާލޭގެ %6 ބިލާއި, ހުޅުމާލޭގެ %15 ބިލެވެ. އެގޭބީސީތަކަށް ސްޓެލްކޯގެ ޓީމެއް ފޮނުވައިގެން ބިލް ބޮޑުވާން ދިމާވާ ސަބަބުތައް ދެނެގަނެ, ކަސްޓަމަރުންނަށް ކަރަންޓް އިގްތިސާދުކުރަން އެހީތެރިވެދޭނެކަމަށް ފަހުމީ ވިދާޅުވިއެވެ. އެގެތަކުގެ ބިލް ބޮޑުވި ސަބަބު ސްޓެލްކޯއަށްވެސް އަދި ކަސްޓަމަރުންނަށްވެސް އިނގެން ޖެހޭކަމަށް ގަބޫލުކުރައްވާ ކަމަށް ފަހުމީ ވިދާޅުވިއެވެ. އެގެތަކަށް ޒިޔާރަތްކޮށް ކަރަންޓްގެ އޮޑިޓެއް ހަދާނެކަމަށް އޭނާ ވިދާޅުވިއެވެ.
" އެތަންތަނުގެ ހާލަތު ބަލާ އޮޑިޓެއް ކުރަން މިނިންމީ. ބޭނުންކުރަނީ ކޮންކަހަލަ އާލާތްތަކެއްތޯ, ކަރަންޓް އިގްތިސާދުކުރުމަށް ބޭނުންވާ މައުލޫމާތު ކަސްޓަމަރިންނަށް ދޭން." - ފަހުމީ
ފަހުމީ ވިދާޅުވީ ކޮންމެ މަހަކުވެސް ކަރަންޓްބިލް ތައް ލިބުމުން ކޮންމެވެސް ވަރަކަށް ޝަކުވާ ލިބޭ ކަމަށެވެ. އެކަމަކު މިދިޔަ މަހަށްވުރެ މިމަހު ލިބުނު ޝަކުވާތަކުގެ ނިސްބަތް %94 މަދުކަން ފާހަގަކުރެއްވިއެވެ. ސްޓެލްކޯއިން އަބަދުވެސް ދޭ ޔަގީން ކަމަކީ ކަރަންޓް ބިލްތައް ބޮޑުވުމުގައި އެކުންފުނީގެ މައްސަލައެއް ނޯންނާނެކަމުގެ ޔަގީންކަމެވެ. ކަރަންޓް ބިލްތައް ބޮޑުވަނީ ނޭންގި ނަމަވެސް ކަރަންޓް ބޭނުންކުރާތީ ކަމަށް ތަކުރާރުކޮށް ވަނީ ވިދާޅުވެފައެވެ
ރިއެކްޝަންސް