ވޭޕް މަނާކުރަން ނިންމުމުން ޕީއެންސީގެ ޝުކުރު ރައީސް މުއިއްޒު އަށް
ވޭޕް މަނާކުރަން ނިންމުމުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އަށް އެމަނިކުފާނުގެ ޕާޓީ ޕީއެންސީން ޝުކުރު އަދާކޮށްފިއެވެ. ޝުކުރު އަދާކޮށް މިރޭ ޢާއްމުކުރި ބަޔާނުގައި ޕީއެންސީން ބުނެފައިވަނީ ކުޑަކުދިންނާއި ޒުވާނުންނަށް އެތައް ގެއްލުމެއް ލިބޭ ވޭޕުގެ ބާވަތްތައް މަނާކުރައްވަން ނިންމެވީތީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުއަށް ޝުކުރު ދަންނަވާ ކަމަށެވެ.
ޕީއެންސީން ފާހަގަކޮށްފައިވަނީ ވޭޕަކީ ޒުވާނުންނާއި ކުޑަކުދިންގެ މެދުގައި މަސްތުވާތަކެތި ފެތުރުމަށް މިހާރަކަށް އައިސް ބޭނުންކުރާ އެއްޗެއްގެ ގޮތުގައެވެ. ވޭޕާއި އެއާ ގުޅުންހުރި އެކި ބައިތަކާއި, ބާވަތްތަކުގެ ތަކެތި ދިވެހިރާއްޖެއަށް އެތެރެކުރުމާއި ބޭނުންކުރުން އަދި ވިޔަފާރި ކުރުން މަނާކުރަން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިމްމެވުން ޕީއެންސީން ސިފަކުރެއްވީ ދިވެހި ކުޑަކުދިންނާއި ޒުވާނުންގެ ހައްޤުގައި ނިންމެވި ވަރަށް ހަރުދަނާ ނިންމެވުމެއްގެ ގޮތުގައެވެ.
"އެއީ އަންނަން އޮތް ޖީލުތައް ހިމާޔަތްކުރެއްވުމަށް އެޅުއްވި ހަރުދަނާ ފިޔަވަޅެއް ކަމުގައި މިޕާޓީން ޤަބޫލުކުރަމެވެ" ބަޔާނުގައި ބުނެފައި ވެއެވެ.
މާހިރުންނާއި މަދަނީ ޖަމްއިއްޔާތަކާއި ސިއްހީ ދާއިރާގެ މާހިރުން ވޭޕް މަނާކުރުމަށް ގޮވާލަމުންދާތާ އަހަރުތަކެއް ވެފައިވާ ކަމަށް ޕީއެންސީގެ ބަޔާނުގައި ބުނެފައި ވެއެވެ. އެހެންނަމަވެސް މިހާތަނަށް ކުރީ ސަރުކާރުތަކުން އެކަމުގައި ފިޔަވަޅެއް އަޅާފައި ނުވާކަމަށް ބުނެފައި ވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިއަދު އެކްސްގައި ވިދާޅުވީ ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން އަންނަ ނޮވެމްބަރު މަހުގެ 16 އިން ފެށިގެން މަނާ ކުރުމަށް އަންގާފައިވާނެ ކަމަށެވެ. އަދި ދިވެހިރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން މިއަހަރުގެ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން މަނާކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގައިފިން ކަމަށެވެ.
ރިއެކްޝަންސް