
މީޑިޔާ ރެގިއުލޭޓް ކުރާ ބިލް ރައީސް ތަސްދީޤުކުރައްވައިފި
މީޑިޔާ ރެގިއުލޭޓް ކުރާ ބިލް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ތަސްދީޤުކުރައްވައިފިއެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލަކީ ދައުރުން ބޭރުގައި ބޭއްވި ޖަލްސާގައި އަންގާރަ ދުވަހުގެރޭ ރައްޔިތުންގެ މަޖިލިހުން ފާސްކުރެއްވި ބިލެކެވެ. މި ބިލު ތަސްދީޤުކުރެއްވުމާއެކު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލު ޤާނޫނަކަށްވެ، އެ ޤާނޫނަށް މިއަދުން ފެށިގެންވަނީ ޢަމަލުކުރަން ފަށައިފައެވެ. އެއާއެކު މޯލްޑިވްސް މީޑިޔާ ކައުންސިލާއި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން އުވުނީއެވެ.
ޤާނޫނުގައިވާ ގޮތުގެ މަތީން ކޮމިޝަން އެކުލަވައިލައި، މެންބަރުން ކޮމިޝަން ހިންގުމާ ޙަވާލުވަންދެން، ކޮމިޝަނުގެ ކަންކަން ވަގުތީގޮތުން ހިންގާނީ ސިވިލް ސަރވިސް ކޮމިޝަނުން އެކުލަވައިލާ 5 (ފަހެއް) މެންބަރުންގެ ވަގުތީ ކޮމިޓީއަކުންނެވެ.
މި ޤާނޫނުގެ މަޤްޞަދަކީ، ދިވެހިރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން ކުރިއަރުވައި ތަރައްޤީކޮށް، ދިވެހިރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ދެމެހެއްޓުމާއެކު، ދޮގު ޚަބަރު ފެތުރުން ހުއްޓުވުމަށް ވުޖޫދުކުރި ޤާނޫނެއްކަމަށް ސަރުކާރުން ވިދާޅުވިއެވެ. އަދި ނޫސްވެރިންނަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ލިބިދޭ ޙައްޤުތައް ޒިންމާދާރުކަމާއެކު ބޭނުންކުރާކަން ކަށަވަރުކުރުމުގެ ގޮތުން މީޑިއާތަކުގައި މަސައްކަތްކުރާ ނޫސްވެރިންނާއި އެހެނިހެން ފަރާތްތަކުން ޢަމަލުކުރާނެ ހަމަތަކާއި އުސޫލުތައް ކަނޑައަޅައި، އެ އުސޫލުތައް ހިންގުމަށާއި ޒަމާނާ އެއްގޮތަށް ނޫސްވެރިކަމުގެ މިނިވަންކަން ކުރިއެރުވުމުގެ ގޮތުން ނޫސް މަޖައްލާ ރަޖިސްޓްރީކުރުމަށް ލުއިފަސޭހަ އަދި ހަރުދަނާ މިންގަނޑުތަކެއް ތަޢާރަފުކުރުމަކީވެސް މިޤާނޫނުގެ މަޤްސަދުކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ. ބްރޯޑްކާސްޓިންގ މީޑިއާ ވެސް ހިމެނޭގޮތުން މީޑިއާގެ ކަންކަން މީގެފަހުން ރެގިއުލޭޓްކުރާނީ މިޤާނޫނުގެ ދަށުން އުފައްދާ މީޑިޔާ ކޮމިޝަނުންނެވެ.
ރިއެކްޝަންސް






