
މަޖިލިސް ކައިރި އެއްވުން ރޫޅާލުމުގައި އިސްކުރީ މަޝްވަރާ- ފުލުހުން
ބާރުގެ ބޭނުމެއް ނުކުރަން- ފުލުހުން
މަޖިލިސް ކައިރި އެއްވުން ރޫޅާލުމުގައި އިސްކޮށްފައިވާނީ މަޝްވަރާކޮށް، ވާހަކަ ދައްކައި ވިސްނައިދިނުމުގެ އުސޫލުކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
މިދިޔަ އަންގާރަ ދުވަހު ރައްޔިތުންގެ މަޖިލިހުގެ ކައިރިއަށް ބައެއް ނޫސްވެރިންނާއި, ޢާއްމުން އަދި އިދިކޮޅު ސިޔާސީ ޕާޓީތަކުގެ އިސް ބޭފުޅުން އެއްވުމުން ފުލުހުން ބާރުގެ ބޭނުންކޮށް, އަނިޔާވެރިވިކަމަށް ބުނެ އެމައްސަލ ހުށަހަޅާފައި ވަނިކޮށް ފުލުހުން ނެރުނު ބަޔާނެއްގައި ފުރަތަމަވެސް ހަނދާންކޮށްދެއްވީ އެއީ އެއްވެ އުޅުން މަނާ ސަރަހައްދެއްކަމެވެ. އަދި އެއީ ސްކޫލްތައްވެސް ހިމެނޭ ސަރަހައްދެއްކަން ފާހަގަކޮށް ވިދާޅުވީ ފުލުހުން މަސައްކަތްކުރީ އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި، އެ ސަރަހައްދުގެ ޓްރެފިކް ބެލެހެއްޓުމަށް ކަމަށެވެ.
ފުލުހުން ވިދާޅުވީ މި މުޒާހަރާއާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށް ގެންދިޔަ ސަލާމާތީ އޮޕަރޭޝަނަށް، އެއްވުމުގެ ބައެއް ބައިވެރިން ހުރަސް އަޅައި ސަލާމަތީގޮތުން ބަންދުކޮށްފައިވާ ސަރަހައްދަށް ވަދެފައިވާކަމަށެވެ. އަމަން އަމާންކަން ދެމެހެއްޓުމަށާއި ރައްޔިތުންނާއި މަޖިލިސް މެންބަރުގެން ރައްކާތެރިކަން ކަށަވަރު ކުރުމަށް ފުލުހުން ކުރަމުން ގެންދިޔަ މަސައްކަތަށް އެއްބާރުލުން ދިނުމަށް މުޒާހަރާގެ ބައިވެރިންގެ ފަރާތުން ތަކުރާރުކޮށް އެދުނުކަމަށް ފުލުހުން ވިދާޅުވިއެވެ.
"ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި، ބާރުގެ ބޭނުން ކުރުމުގައި ޕްރޮފެޝަނަލް މިންގަނޑުތައް ހިފެހެއްޓުމާއެކު އެއްވުން ކޮންޓްރޯލް ކުރުމުގައި އާންމުކޮށް ބޭނުންކުރެވޭ ކަރުނަ ގޭހާއި ޕެޕަރ ސްޕްރޭ އަދި ބެޓަންފަދަ ތަކެތި ބޭނުންކޮށްފައި ނުވާނެކަން ފާހަގަ ކުރަމެވެ." ފުލުހުން ވިދާޅުވިއެވެ.
މުޒާހަރާ ކޮންޓްރޯލް ކުރުމުގައި، ކޮންމެހެން އެހެންގޮތަކަށް އަމަލުކުރަން ޖެހުނު ހާލަތެއްގައި ފިޔަވައި، ދިވެހި ފުލުހުންގެ ޚިދުމަތުން އިސްކުރީ މަޝްވަރާކޮށް، ވާހަކަ ދައްކައި ވިސްނައިދީގެން، ހާލަތު ގޯސްވިޔަނުދީ ރައްކާތެރިކަން ކަށަވަރު ކުރުންކަމަށްވެސް ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ.
މުޒާހަރާ ރޫޅައިލުމުގައިވެސް، މިފަދަ އޮޕަރޭޝަންތަކުގައި އަމަލުކުރުމަށް ކަނޑައަޅާފައިވާ މިންގަނޑުތަކާއި އުސޫލުތަކާ އެއްގޮތަށް އަމަލުކޮށް، މުޒާހަރާގެ ބައިވެރިން އެ ސަރަހައްދުން ދުރަށް ޖެއްސިކަމަށް ފުލުހުން ވިދާޅުވިއެވެ. މުޒާހަރާގެ ބައިވެރިން ދުރަށް ޖައްސައި ހާލަތު ކޮންޓްރޯލް ކުރުމުގައިވެސް، އެއްވެސް ބާވަތެއްގެ ބާރުގެ ބޭނުމެއް ނުކުރާކަމަށް ފުލުހުންގެ ބަޔާނުގައި ވިދާޅުވިއެވެ. އެ އޮޕަރޭޝަން ކުރިއަށް ގެންދިއުމުގައި ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކޮށްފައިވާކަމަށް ކުރާ ތުހުމަތުތަކަކީ އެއްވެސް ހަގީގަތެއްގެ މައްޗަށް ބިނާވެފައިވާ ތުހުމަތުތަކެއް ނޫންކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ރިއެކްޝަންސް






