މިފްކޯއިން މަސްގަންނަ އަގު 20 ރުފިޔާގައި ހިފެހެއްޓުމަކީ އަމާޒެއް: ރައީސް
މޯލްޑިވްސް ފިޝަރީޒް އެންޑް އިންޑަސްޓްރިއަލް ކޮމްޕެނީ (މިފްކޯ) އަށް މަސްގަންނަ އަގު ކިލޯގްރާމެއް 20 ރުފިޔާގެ ރޭޓުގައި ހިފެހެއްޓުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، މިއަދު ޝާއިޢުކުރެވުނު "ދަ ޕަލްސް" ޕޮޑްކާސްޓްގެ ސިލްސިލާގެ ދެވަނަ އެޕިސޯޑްގައި މަސްވެރިކަމުގެ ސިނާޢަތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ. މި އެޕިސޯޑްގައި "މިހާރު" ނޫހުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، މަސްގަންނަ އަގު 20 ރުފިޔާގައި ހިފެހެއްޓުމުގެ އިތުރުން، އުންމީދަކީ ކުރިމަގުގައި އެއަށްވުރެ ވެސް އަގު މަތިކުރެވޭނެ މަގުތައް ފަހިކުރުން ކަމަށެވެ.
މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު މަސްވެރިކަމުގެ ސިނާޢަތް އޮތް ހީނަރު ހާލަތުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން، ރައީސް ވިދާޅުވީ މިފްކޯގެ ހިންގުން ހަރުދަނާކުރުމަށް ކުރެވުނު މަސައްކަތުން މިހާރުވެސް ކާމިޔާބީތަކެއް ފެންނަމުންދާ ކަމަށެވެ.
މަސްވެރިކަމުގެ ބާޒާރު ފުޅާކުރުމަށް ކުރާ މަސައްކަތުގެ ދަށުން، އިނގިރޭސިވިލާތުން ދިވެހި މަހަށް ކަނޑާލާފައިވާ ޓެރިފް ދާއިމީގޮތެއްގައި އުނިކުރެވިފައި އޮތުމަކީ ކުރައްވާ އުންމީދެއް ކަމަށާއި، އެކަމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން، ބޮޑުކަންނެލީގެ މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށްޓަކައި، އަލުން މިފްކޯ މެދުވެރިކޮށް ބޮޑުކަންނެލި ގަންނަން ފެށުމުގެ މަސައްކަތް ކުރިއަށްދާ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
އިޤްތިޞާދީ އިޞްލާޙީ ފިޔަވަޅުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ސަރުކާރު ހިއްސާވާ ކުންފުނިތައް ހަމަ މަގަށް އަޅުވައި، ކުންފުނިތަކުގެ ސައިޒު ކުޑަކުރުމުން މަސްވެރިކަމުގެ ސިނާޢަތަށް އިތުރު މީހުން ނުކުތުމަށް މަގުފަހިވާނެ ކަމަށެވެ. މީގެ ސަބަބުން މުޅި އިޤްތިޞާދަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް އެމަނިކުފާނު ލަފާކުރެއްވިއެވެ.
މާލޭ ސިޓީގައި ޒަމާނީ ފެންވަރުގެ މަސްމާރުކޭޓެއް ތަރައްޤީކުރުމުގެ މަޝްރޫޢަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯއްދަވައިދެއްވާނެ ކަމަށް ވިދާޅުވަމުން، ރައީސް ވަނީ މަސްވެރިކަމުގެ ސިނާޢަތް ކޮޅަށްޖެހުމަށް ކުރެވޭ މަސައްކަތްތަކާ މެދު ހިތްޕުޅުހަމަޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދުމުގައި ސަރުކާރުން ސާބިތުކަމާއެކު ދެމިއޮންނާނެ ކަމުގެ ޔަޤީންކަން ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.
ރިއެކްޝަންސް





