މި އަހަރުގެ ފުރަތަމަ ފަސް މަސްދުވަހު ބީއެމްއެލްއިން 345 މިލިއަން ޑޮލަރު ވިއްކައިފި
މި އަހަރުގެ ފުރަތަމަ ފަސް މަސްދުވަހުގެ ތެރޭގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން 345 މިލިއަން ޑޮލަރު ވިއްކާފައިވާ ކަމަށް އެ ބޭންކުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ބީއެމްއެލްގެ ތަފާސްހިސާބުތަކަށް ބަލާއިރު، ބޭންކުން ވިއްކާ ޑޮލަރުގެ މިންވަރު މިދިޔަ އަހަރާ އަޅާބަލާއިރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން މި އަހަރުގެ ފުރަތަމަ ފަސް މަސްދުވަހުގެ ތެރޭގައި ވިއްކި 345 މިލިއަން ޑޮލަރަކީ، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 47 އިންސައްތައިގެ އިތުރުވުމެކެވެ.
މި ތަފާސްހިސާބުތައް ދައްކާގޮތުން، ވިއްކި ޑޮލަރުގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ކާޑު މުއާމަލާތްތަކެވެ. އެގޮތުން ކާޑު މުއާމަލާތްތަކަށް 198 މިލިއަން ޑޮލަރު ވިއްކާފައިވާއިރު، ވިޔަފާރިތަކަށް 147 މިލިއަން ޑޮލަރު ވަނީ ވިއްކާފައެވެ. މި އަހަރުގެ މިހާތަނަށް ބަލާއިރު މަހެއްގެ މައްޗަށް އެވްރެޖްކޮށް 69 މިލިއަން ޑޮލަރު ބޭންކުން ވަނީ ދޫކޮށްފައެވެ.
ބޭންކުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، ކަސްޓަމަރުންގެ ބޭނުންތައް ފުއްދުމަށްޓަކައި ވީހާވެސް ގިނަ އަދަދަކަށް ބޭރު ފައިސާ ފޯރުކޮށްދިނުމަށް ބޭންކުން ދަނީ ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި މި މަސައްކަތުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވެސް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ލިބިފައިވާކަމަށް އޮފިޝަލް ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި ހިންގާ އެހެން ބޭންކުތަކާ އަޅާބަލާއިރު، ދިވެހި ރުފިޔާ ކާޑުތަކުން ބޭރުގެ މުއާމަލާތްތައް ކުރުމަށް އެންމެ ބޮޑު ލިމިޓެއް މިހާރުވެސް ދެމުންދަނީ ގައުމީ ބޭންކް، ބީއެމްއެލް އިންނެވެ. އާންމު ފަރުދުންނާއި ވިޔަފާރިތަކަށް ބޭނުންވާ ބޭރު ފައިސާ ފޯރުކޮށްދިނުމުގައި ބީއެމްއެލްއިން މުހިންމު ދައުރެއް އަދާކުރަމުންދާކަން މި ތަފާސްހިސާބުތަކުން ހާމަވެއެވެ.
ރިއެކްޝަންސް

