ތެޔޮ ފޯރުކޮށްދިނުމުގައި ދަތިކަމެއް ނެތް: މެނޭޖުކުރުމުގެ މަސައްކަތްތައް ދަނީ ހަރުދަނާކަމާއެކު

ތެޔޮ ފޯރުކޮށްދިނުމުގައި ދަތިކަމެއް ނެތް: މެނޭޖުކުރުމުގެ މަސައްކަތްތައް ދަނީ ހަރުދަނާކަމާއެކު

15 hours ago - 15:42

މަސްވެރިންނަށް ތެޔޮ ލިބުމުގައި ދަތިތަކެއް އުޅޭކަމަށް ބުނެ ސޯޝަލް މީޑިއާގައާއި އެކި މަންސަތަކުގައި ފެތުރެމުންދާ ޚަބަރުތަކަކީ ހަގީގަތާ ޚިލާފު ދޮގު ވާހަކަތަކެއް ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.


މިކަމާ ގުޅޭގޮތުން ވަޒީރު ޝިޔާމް ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލިފައިވާ މިފަދަ ދަތި ހާލަތެއްގައިވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ މަސްވެރިންނަށް މަސްކަނޑުތަކަށް ނިކުމެވޭނެކަން ކަށަވަރުކުރުމަށް ކަމަށެވެ.


ވަޒީރު ފާހަގަކުރެއްވި ގޮތުގައި ތެލުގެ އަގު ބޮޑުވި ނަމަވެސް، އެ ބުރަ މަސްވެރިންނަށް ނުޖައްސާ ސަރުކާރުން ދަނީ ތެލުގެ ކަންކަން ވީއެންމެ ރަނގަޅަށް މަނޭޖުކުރަމުންނެވެ. އަދި މިކަމަކީ މަސްވެރިންވެސް ޝުކުރުވެރިކަމާއެކު ބަލައިގަންނަ ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.


ރާއްޖޭގެ މަސްވެރިކަމުގެ ހާލަތަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ގިނަ ދުވަސްތަކެއް ވަންދެން އެންވެރިކަން ދަށްވެފައި އޮތުމަށްފަހު، މިހާރު މުޅި ރާއްޖެއަށްވެސް އެންވެރިކަން ރަނގަޅުވެ، މަސްވެރިކަން ވަރަށް ބޮޑަށް ރަނގަޅުވަމުން އަންނަ ކަމަށެވެ. އެހެންކަމުން، މަސްވެރިކަން ރަނގަޅު ސަރަހައްދުތަކަށް މަސް ގަންނަ ބޯޓުތައް ފޮނުވުމުގެ މަސައްކަތްތައްވެސް ސަރުކާރުން ކުރަމުންދާނެ ކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.


މަސްވެރި ސިނާއަތުގައި ހަރަކާތްތެރިވާ ކުންފުނިތަކަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، މަސްވެރިންގެ ކަންކަން ސަރުކާރުން ދަނީ ވަރަށް ގާތުން ބަލަމުން ކަމަށެވެ.


ސަރުކާރުން މަސްވެރިންނަށް ޚާއްޞަ ކޮށްގެން ކުރިއަށް ގެންދާ "ފަހި ހަކަތަ" ޕްރޮގްރާމްގެ ދަށުން، ސަބްސިޑީ ދީފައިވާ އަގުތަކެއްގައި ތެޔޮ ލިބޭނެ އިންތިޒާމު މިހާރުވެސް ވަނީ ހަމަޖައްސާފައެވެ. އެގޮތުން މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާ އަގުތަކަކީ:

މިފްކޯއަށް މަސްކިރާ އުޅަނދުފަހަރަށް: ލީޓަރެއް 16.54 ރުފިޔާއަށް.
ތިން ޓަނަށްވުރެ އިތުރަށް މަސްކިރާ އުޅަނދުފަހަރަށް: ލީޓަރެއް 16.04 ރުފިޔާއަށް.
އާންމު ފަރާތްތަކަށް ޑީސަލް ވިއްކާ އަގު: ލީޓަރެއް 17.54 ރުފިޔާއަށް.

ސަރުކާރުގެ އަމާޒަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކުގެ ސަބަބުން މަސްވެރިންނަށް ކުރާ އަސަރު ކުޑަކޮށް، މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ބޭނުންވާ އެހީތެރިކަން މެދުނުކެނޑި ފޯރުކޮށްދިނުމެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow