10 ރުފިޔާގެ އައު ނޫޓުތަކެއް މިއަދު ރާއްޖެ ގެނެސްފި

10 ރުފިޔާގެ އައު ނޫޓުތަކެއް މިއަދު ރާއްޖެ ގެނެސްފި

2 hours ago - 13:56

"ރަންދިހަފަހެއް" ނޫޓު ސީރީޒްގެ 10 ރުފިޔާގެ ސްޓޮކް މަދުވުމާއި، ބައުވެ ހަލާކުވެފައިވާ ނޫޓުތައް އައުކުރުމަށްޓަކައި 10 ރުފިޔާގެ އައު ޗާޕެއް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ރާއްޖެ ގެނެސްފިއެވެ.


މަރުކަޒީ ބޭންކުން ހާމަކޮށްފައިވާ ގޮތުގައި، އަލަށް ގެނައި މި ނޫޓުތައް ދައުރުވާ ފައިސާގެ ތެރެއަށް ދޫކުރަން ފަށާނީ މި ހަފްތާގެ ބުދަ ދުވަހުން ފެށިގެންނެވެ.


އެމްއެމްއޭއިން ބުނިގޮތުގައި 10 ރުފިޔާއަކީ ކުޑަ އަދަދެއްގެ ނޫޓަކަށް ވުމާއެކު، އާންމު ވިޔަފާރީގެ މުއާމަލާތްތަކުގައި ފައިސާ މާރުކުރުމަށް މި ނޫޓު ބޭނުންކުރާ މިންވަރު ވަރަށް ގިނައެވެ. މީގެ ސަބަބުން ނޫޓުތައް ހަލާކުވާ މިންވަރު އިތުރުވާކަން އެ އޮތޯރިޓީން ފާހަގަކުރެއެވެ. އަދި ބޮޑެތި މުއާމަލާތްތަކުގައި މިފަދަ ކުދި ނޫޓު ބޭނުންނުކުރާތީ، ބޭންކުތަކަށް ފައިސާ ޖަމާކުރާ އިރުވެސް 10 ރުފިޔާގެ ނޫޓު ލިބެނީ ވަރަށް މަދުން ކަމަށް އެމްއެމްއޭއިން ބުނެއެވެ.


"ރަންދިހަފަހެއް" ސީރީޒް ތައާރަފްކުރި ފަހުން 10 ރުފިޔާގެ ނޫޓު ޗާޕްކުރި މިއީ ތިންވަނަ ފަހަރެވެ. އެންމެ ފުރަތަމަ މި ނޫޓު ޗާޕްކުރީ 5 އޮކްޓޯބަރު 2015 ގައި ކުރީގެ ގަވަރުނަރު އަޒީމާ އާދަމްގެ ސޮޔާއެކުގައެވެ. ދެވަނަ ފަހަރަށް ޗާޕްކުރީ 10 މާރިޗު 2018 ގައި ކުރީގެ ގަވަރުނަރު އަހްމަދު ނަސީރުގެ ސޮޔާއެކުގައެވެ.
މިފަހަރު އަލަށް ނެރޭ ނޫޓުތަކުގައި ސޮއިކުރައްވާފައިވަނީ މިހާރުގެ ގަވަރުނަރު އަޙްމަދު މުނައްވަރެވެ. މި ނޫޓުތަކުގައި ޖަހާފައިވަނީ 31 ޖުލައި 2025 ގެ ތާރީޚެވެ. މި އައު ޗާޕުގެ ހާއްސަ ސިފައެއްގެ ގޮތުން، ނޫޓުގެ ދެފުށުގައި ދިވެހި ރުފިޔާގެ ނިޝާން (ރ) ހިމަނާފައިވެއެވެ. މި ނިޝާން ހިމަނާފައިވަނީ ނޫޓުގެ މޫނުމަތީގެ ވައަތްފަރާތުން މަތީގައިވާ އަގާއެކު އަދި ފަހަތްފަރާތުގެ ކަނާއަތް ފަރާތުން މަތީގައިވާ އަގާއެކުގައެވެ.

Advertisement
Advertisement


އެމްއެމްއޭއިން ހާމަކުރި ގޮތުގައި، މިހާރު ބޭނުންކުރާ ސީރީޒަށް 10 އަހަރަށްވުރެ ގިނަ ދުވަސްވެފައިވުމުން ބާނޫޓުގެ ގޮތުގައި ލިބޭ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ނަމަވެސް، އަލަށް ނެރޭ ނޫޓުތަކާއެކު މިހާރު ބޭނުންކުރަމުންދާ 10 ރުފިޔާގެ ނޫޓުތައްވެސް ސައްހަ ފައިސާގެ ގޮތުގައި ދައުރުވަމުންދާނެއެވެ.
އިގްތިޞާދުގައި ނޫޓަށް އޮންނަ ޑިމާންޑަށް ފައިސާ ފޯރުކޮށްދިނުމަށާއި، ދައުރުވާ ފައިސާއަކީ ފެންވަރު ރަނގަޅު ފައިސާކަމަށް ހެދުމަށްޓަކައި އެމްއެމްއޭއިން ކޮންމެ އަހަރަކުވެސް އައު ނޫޓުތައް ދައުރުވުމުގެ ތެރެއަށް ނެރެއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow