ގަވާއިދާ އެއްގޮތަށް ޑޮލަރު މާރުނުކުރާ ވިޔަފާރިތަކުގެ ނަންތައް އެމްއެމްއޭ އިން އާންމުކޮށްފި

ގަވާއިދާ އެއްގޮތަށް ޑޮލަރު މާރުނުކުރާ ވިޔަފާރިތަކުގެ ނަންތައް އެމްއެމްއޭ އިން އާންމުކޮށްފި

1 hour ago - 22:44

ބޭރު ފައިސާއާ ބެހޭ ގާނޫނާއި ގަވާއިދުގެ ދަށުން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް އެއްވެސް ވަރަކަށް ބޭރު ފައިސާ މާރުނުކުރާ ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކުގެ ނަންތައް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު އާންމުކޮށްފިއެވެ.


މަރުކަޒީ ބޭންކުން އާންމުކުރި މައުލޫމާތުގައިވާ ގޮތުން، ގަވާއިދާ އެއްގޮތަށް ޑޮލަރު މާރުކޮށްފައިނުވާ ރިސޯޓުތަކަކީ ރަހާ ރިސޯޓާއި ސައުތު ޕާމް ރިސޯޓް މޯލްޑިވްސް އެވެ. އެމްއެމްއޭ އިން ވަނީ މި ގާނޫނުގެ ދަށުން ފައިސާ މާރުކުރަންޖެހޭ ހުރިހާ ފަރާތްތަކުން ވެސް ގާނޫނާއި ގަވާއިދަށް ފުރިހަމައަށް އަމަލުކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި މިހާތަނަށް އެމްއެމްއޭގައި ރަޖިސްޓްރީވެފައި ނުވާ ފަރާތްތަކަށް ރަޖިސްޓްރީވުމުގެ ފަހު ފުރުސަތު މިހާރު ދީފައިވާ ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.


އެމްއެމްއޭ އިން ނެރުނު ކޮމްޕްލަޔަންސް ރިޕޯޓުން ދައްކާ ގޮތުގައި، ރާއްޖޭގެ ގިނަ ރިސޯޓުތަކުން އަންނަނީ ގާނޫނާ އެއްގޮތަށް ޑޮލަރު މާރުކުރަމުންނެވެ. އެގޮތުން:

  • ރިސޯޓުތައް: 78 ޕަސެންޓް ރިސޯޓުން ޑޮލަރު މާރުކުރުމުގެ ކަންކަން އެންމެ ފުރިހަމައަށް ފުރިހަމަކޮށްފައިވާއިރު، އެކަށީގެންވާ ގޮތެއްގައި މާރުނުކުރަނީ 20 ޕަސެންޓް ރިސޯޓުންނެވެ. މި ފަރާތްތަކުން ލުއިތަކަކަށް (ކޮންސެޝަން) އެދިފައިވީ ނަމަވެސް، ޒިންމާތައް އަދާކުރުމަށް އެމްއެމްއޭ އިން ވަނީ ހަނދާންކޮށްދީފައެވެ.
  • ކެޓަގަރީ 'ބީ' (ގެސްޓްހައުސް، ހޮޓާ، ސަފާރީ، ހޯމްސްޓޭ): މި ކެޓަގަރީގެ 48 ޕަސެންޓް ތަނުން ފައިސާ މާރުކުރުން ރަނގަޅަށް ކުރިއަށް ގެންދެއެވެ. އެކަށީގެންވާ ގޮތެއްގައި މާރުނުކުރަނީ 15 ޕަސެންޓް ތަނުންނެވެ. އަދި އެއްވެސް ވަރަކަށް މާރުނުކުރާ 37 ޕަސެންޓް ތަން ހިމެނޭއިރު، މިއީ މެދު ފަންތީގެ ވިޔަފާރިތަކަށް ވާތީ ގަވާއިދަށް އަހުލުވެރިކުރުވުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
  • ކެޓަގަރީ 'ސީ' (އަހަރަކު 15 މިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ ވިޔަފާރިތައް): މި ކެޓަގަރީގެ 38 ޕަސެންޓް ތަނުން ޑޮލަރު މާރުކުރާއިރު، 33 ޕަސެންޓް ތަނުން އެކަށީގެންވާ ގޮތެއްގައި މާރުނުކުރެއެވެ. އަދި 29 ޕަސެންޓް ތަނުން އެއްވެސް ވަރަކަށް ޑޮލަރު މާރުނުކުރާތީ، އެ ފަރާތްތަކުން އެދުނު ލުއިތަކާ ގުޅޭގޮތުން ގޮތެއް ނިންމުމަށް ގާނޫނަށް އިސްލާހުތަކެއް ވަނީ ހުށަހަޅާފައެވެ.

އެމްއެމްއޭ އިން ހާމަކުރި ގޮތުގައި، މި ގާނޫނުގެ ދަށުން މާރުކުރެވޭ ޑޮލަރުގެ 90 ޕަސެންޓް މަރުކަޒީ ބޭންކަށް ޖަމާކުރެވޭއިރު، އޭގެ ތެރެއިން 30 ޕަސެންޓް ދަނީ ދިވެހި ބޭންކުތަކަށް އިސްކަންދީގެން އަނބުރާ ދޫކުރަމުންނެވެ. މި ފައިސާ ހާއްސަކުރެވެނީ އާންމުންގެ ޒަރޫރީ ބޭނުންތަކަށާއި، ކާބޯތަކެތި އެތެރެކުރުމަށާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ ބޭރު ފައިސާ ފޯރުކޮށްދިނުމަށެވެ.


މީގެ އިތުރުން، އެމްއެމްއޭގައި ބަހައްޓާ ބާކީ ޑޮލަރު މައިގަނޑު ގޮތެއްގައި ބޭނުންކުރަނީ ރައްޔިތުންނަށް ބޭނުންވާ އަސާސީ މުދަލާއި، ތެލާއި، ގޭސް އަދި ބޭސް ފަދަ މުހިންމު ތަކެތި އިމްޕޯޓް ކުރުމަށެވެ. އެހެންކަމުން މާރުކުރެވޭ ޑޮލަރުގެ ސީދާ މަންފާ މުޅި ރައްޔިތުންނަށާއި އިގްތިސާދަށް ލިބެމުންދާކަން އެމްއެމްއޭ އިން ވަނީ ފާހަގަކޮށްފައެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow