ކުޑަކުދިންގެ އޮރިޔާން ކާޑު ވިއްކި ކަމަށް ތުހުމަތުކުރި އަދްލާންގެ މައްޗަށް ކުރި ދައުވާތައް ޕީޖީން އަނބުރާ ގެންގޮސްފި

ކުޑަކުދިންގެ އޮރިޔާން ކާޑު ވިއްކި ކަމަށް ތުހުމަތުކުރި އަދްލާންގެ މައްޗަށް ކުރި ދައުވާތައް ޕީޖީން އަނބުރާ ގެންގޮސްފި

1 hour ago - 22:47
Advertisement
Advertisement

ކުޑަކުދިންގެ އޮރިޔާން ކާޑު ގެންގުޅެ، ވިއްކި ކަމަށް ތުހުމަތުކޮށް ތ. ވިލުފުށި، މޫނިމާގެ، އާދަމް އަދްލާން ލަޠީފްގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި ދައުވާތައް ކުރިއަށް ނުގެންގޮސް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހުން އަނބުރާ ނަގައިފިއެވެ.


ޕީޖީ އޮފީހުން މި ދައުވާތައް އަނބުރާ ގެނައީ، މައްސަލައިގެ ތަހުގީގު ނިންމައި ފުލުހުން ފޮނުވި ލިޔުންތަކުގައި ކުށް ސާބިތުވާ މިންވަރަށް އެކަށީގެންވާ ހެކި ނެތުމުންނެވެ.


މި މައްސަލައިގައި އަދްލާންގެ މައްޗަށް މައިގަނޑު ގޮތެއްގައި ކުރެވުނީ ކުޑަކުދިންގެ އޮރިޔާން ކާޑު ވިއްކުމުގެ ތުހުމަތެވެ. ނަމަވެސް، އޭނާ އެފަދަ އެއްޗެއް ވިއްކައި ވިޔަފާރިކުރިކަން، ނުވަތަ އެހެން މީހަކަށް ފޮނުވިކަން އަދި އެފަދަ ނެޓްވޯކަކާ ގުޅުމެއް އޮތްކަން ސާބިތުވާނެ އެއްވެސް ހެއްކެއް ފުލުހުންގެ ތަހުގީގަށް ހޯދިފައެއް ނުވެއެވެ. މީގެއިތުރުން، ފުލުހުން ހިފެހެއްޓި ގިނަ ޑިވައިސްތަކަށް އޭނާ ޒިންމާ ކުރުވޭނެ ހެއްކެއް ނެތްއިރު، އަދްލާންއާ ގުޅުވައިލެވުނު ޑިވައިސްތަކުން ފެނުނު ތަކެއްޗަކީ ކުޑަކުދިންގެ އޮރިޔާންކާޑުކަން ވެސް ސާބިތުކޮށްދެވިފައެއް ނުވެއެވެ.


ޕީޖީ އޮފީހުން ހާމަކުރި ގޮތުގައި، ފުލުހުން މި މައްސަލަ ފޮނުވުމުން ހެކި ނެތުމުގެ ސަބަބުން ފުރަތަމަވެސް ނިންމީ ދައުވާ ނުކުރުމަށެވެ. އެހެންނަމަވެސް، އެ ނިންމުން މުރާޖައާކޮށްދިނުމަށް ފުލުހުން އެދުމުން، ދައުވާކުރުމުގެ ގާނޫނީ މުއްދަތު ހަމަވެ ފުރުސަތު ގެއްލިދާނެތީ، ކްރިމިނަލް ކޯޓަށް ދެ ދައުވާއެއް ހުށަހެޅިއެވެ. އެއީ ކޮމްޕިއުޓާ ސިސްޓަމެއްގައި ކުޑަކުދިންގެ އޮރިޔާން ކާޑު ބެހެއްޓުމުގެ ދައުވާއާއި، އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާއެވެ.


އެހެންނަމަވެސް، މައްސަލަ އަލުން ދިރާސާކުރުމަށްފަހު ޕީޖީން ވަނީ އެ ދައުވާތައް ކޯޓުން އަނބުރާ ނަގާފައެވެ. ސަބަބަކީ ކުޑަކުދިންގެ އޮރިޔާން ކާޑު ބެހެއްޓިކަން ސާބިތުވާން ނެތުމުން އެ ދައުވާ ދޫކޮށްލުމަށްފަހު، ދެން އޮތް ހަމައެކަނި ދައުވާ ކަމަށްވާ "އޮރިޔާން ކާޑު ގެންގުޅުމުގެ" ކުށުގެ އަދަބަކީ 1 މަހާއި 6 ދުވަހުގެ ޖަލު ހުކުމެއް ކަމަށް ވާތީއެވެ. އަދި މި ކުށަށް ކަނޑައެޅޭނެ އެންމެ ކުޑަ އަދަބަކީ 9 ދުވަހުގެ ޖަލު ހުކުމެކެވެ.


އަދްލާން ވަނީ މި މައްސަލައިގެ ތަހުގީގު މަރުހަލާގައި ބަންދުގައި 28 ދުވަސް ހޭދަކޮށްފައެވެ. އެހެންކަމުން، މި ދައުވާ ސާބިތުވި ނަމަވެސް އިތުރަށް ތަންފީޒުކުރާނެ އަދަބެއް ނޯންނާނެތީ، މި މައްސަލަ އިތުރަށް ކުރިއަށް ގެންދިއުމުގެ މަސްލަހަތެއް ނެތް ކަމަށް ނިންމައި ދައުވާތައް ވަނީ ބާތިލުކޮށްފައެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement