
އެޕްރީލް މަހުގެ ފެންބިލަށް ރަމަޟާން ޑިސްކައުންޓް- ޑިސްކައުންޓް ދޭނީ އާންމު މަހަކަށްވުރެ ބިލު ބޮޑު ނުވާނެގޮތަށް: އެމް.ޑަބްލިޔުއެސްސީ
އާންމު މަސްމަހަށްވުރެ ބިލް ބޮޑުނުވާނޭ ގޮތަށް އެޕްރީލްމަހުގެ ބިލްތަކަށް އެމްޑަބްލިޔުއެސްސީ އިން ޑިސްކައުންޓް ދޭނެކަމަށް އެކުންފުނިން ވިދާޅުވެއްޖެއެވެ.
އެމްޑަބްލިޔުއެސްސީން ވިދާޅުވީ މި އަހަރުގެ ރަމަޟާން މަހުގެ ފެންބިލާއި ކަރަންޓު ބިލަށް ޑިސްކައުންޓެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާތީ އަންނަ އޭޕްރީލް މަހުގެ ފެންބިލްތަކުން އެކުންފުނީގެ ޑޮމެސްޓިކް ކަސްޓަމަރުންނަށް ޑިސްކައުންޓު ދިނުމަށް ނިންމަވާފައިވާ ކަމަށެވެ.
އެގޮތުން އާންމު މަހަކަށްވުރެ ބޮޑުނުވާނޭ ގޮތުގެމަތިން ޑިސްކައުންޓު ދިނުމަށް ނިންމާފައިވާ ކަމަށް އެކުންފުނިން މައުލޫމާތު ދެއްވިއެވެ.
އެމްޑަބްލިޔުއެސްސީން ވިދާޅުވީ އާންމު މަހެއްގައި ފެނާއި ކަރަންޓު ބިލު ކަމުގައި ބަލާނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހާއި މާރިޗު އަދި އެޕްރީލް މަސް ނުހިމަނައި ބަކީ ނުވަ މަހުގެ އެވްރެޖް މިންވަރަކަށް ކަމަށެވެ.
އެގޮތުން ކަނޑައެޅޭ އާންމު މަހެއްގެ ބިލުގެ މިންވަރަށްވުރެ އެޕްރީލްމަހު ތައްޔާރު ކުރެވޭ ބިލު ބޮޑު ވެއްޖެނަމަ އެބޮޑުވާ މިންވަރު ޑިސްކައުންޓުގެ ގޮތުގައި އެޕްރީލްމަހު ފޮނުވާ ބިލުން އުނިކޮށްދޭނެ ކަމަށްވެސް އެމްޑަބްލިޔުއެސްސީން ވިދާޅުވިއެވެ. އަދި އެގޮތުން އުނިކުރެވޭ މިންވަރަކީ އެޕްރީލް މަހު ފޮނުވާ ބިލުގެ %10 އަށްވުރެ ކުޑަ މިންވަރެއް ނަމަ %10 އާ އެއްވަރަށް ޑިސްކައުންޓުގެ މިންވަރު މަތިކޮށްދެވޭނެ ކަމަށް އެމްޑަބްލިޔުއެސްސީން ވިދާޅުވިއެވެ.
މީގެ އިތުރުން އަންނަ މަހު ފޮނުވާ ބިލު އާންމު މަހެއްގެ ބިލަށްވުރެ ކުޑަވެއްޖެނަމަވެސް %10 ޑިސްކައުންޓު ދޭނެކަމަށް އެމްޑަބްލިޔުއެސްސީން ވިދާޅުވިއެވެ.
އެކުންފުނިން ވިދާޅުވީ އަންނަ މަހު އަލަށް ބިލު ކުރެވޭ މީޓަރުތަކާއި ކުރިން ރަޖިސްޓަރީ ކޮށްފައިވީނަމަވެސް މިހާތަނަށް ބިލުކުރެވިފައިނުވާ ކަސްޓަމަރުންނަށް ފޮނުވާ ފުރަތަމަ ބިލަކީ އެޕްރީލް މަހުގެ ބިލް ކަމަށްވާނަމަ އެފަދަ ފަރާތްތަކަށްވެސް %10 ޑީސްކައުންޓު ދެވޭނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށްފަހު ވޭތުވެދިޔަ އަހަރުގެ ރަމަޟާންމަހަށްވެސް ފެނާއި ކަރަންޓު ބިލުން ޑިސްކައުންޓު ވަނީ ދެއްވާފައެވެ.
ރިއެކްޝަންސް






