މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ދައުލަތަށް ލިބުނު ބޭރު ފައިސާގެ އާމްދަނީ 16 އިންސައްތަ އިތުރުވެއްޖެ

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ދައުލަތަށް ލިބުނު ބޭރު ފައިސާގެ އާމްދަނީ 16 އިންސައްތަ އިތުރުވެއްޖެ

12 hours ago - 14:07

މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި ދައުލަތަށް ބޭރު ފައިސާއިން ލިބުނު އާމްދަނީ، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 16 އިންސައްތަ އިތުރުވެފައިވާކަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.


މީރާއިން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު، މި އަހަރުގެ މާޗު މަހުގެ ނިޔަލަށް ޓެކުހުގެ ގޮތުގައި އެކަނިވެސް 410.3 މިލިއަން ޑޮލަރު ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ޓެކުހުގެ ގޮތުގައި ލިބުނު 332.1 މިލިއަން ޑޮލަރާ އަޅާބަލާއިރު 23.5 އިންސައްތައިގެ ކުރިއެރުމެކެވެ.


ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީގެ ތަފްސީލަށް ބަލާއިރު، އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓީޖީއެސްޓީގެ ގޮތުގައެވެ. އެގޮތުން ޓީޖީއެސްޓީން 269.5 މިލިއަން ޑޮލަރު ލިބިފައިވާއިރު، ގްރީން ޓެކުހުގެ ގޮތުގައި 47.7 މިލިއަން ޑޮލަރު ވަނީ ލިބިފައެވެ. މީގެ އިތުރުން އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި 56.2 މިލިއަން ޑޮލަރު އަދި ޑިޕާޗާ ޓެކުހުގެ ގޮތުގައި 36.6 މިލިއަން ޑޮލަރު ދައުލަތަށް ވަނީ ލިބިފައެވެ.


ޓެކުސް ނޫން ގޮތްގޮތުން ބޭރު ފައިސާއިން ލިބުނު އާމްދަނީއަށް ބަލާއިރު، ޖުމްލަ 102.1 މިލިއަން ޑޮލަރު ވަނީ ލިބިފައެވެ. މީގެ ތެރެއިން އެންމެ ގިނައީ ޑިޕާޗާ ފީގެ ގޮތުގައި ލިބުނު 37.1 މިލިއަން ޑޮލަރެވެ. އަދި ޓޫރިޒަމް ބޭނުމަށް ދޫކޮށްފައިވާ ބިންތަކުގެ ކުލީގެ ގޮތުގައި 35.7 މިލިއަން ޑޮލަރު، ލޭންޑް އެކުއިޒިޝަން ފީގެ ގޮތުގައި 20.5 މިލިއަން ޑޮލަރު އަދި ލީސް މުއްދަތު އިތުރުކުރުމުގެ ފީގެ ގޮތުގައި 6.6 މިލިއަން ޑޮލަރު ލިބިފައިވާކަން މީރާގެ ތަފާސްހިސާބުތަކުން ހާމަވެއެވެ.


ޖުމްލަ ގޮތެއްގައި މިއަހަރުގެ ފުރަތަމަ ތިން މަހު ބޭރު ފައިސާއިން 512.4 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 441.8 މިލިއަން ޑޮލަރެވެ. ބޭރު ފައިސާގެ އާމްދަނީގެ އިތުރުން، ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީއަށް ބަލާއިރުވެސް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ. މިދިޔަ އަހަރުގެ ފުރަތަމަ ތިން މަހު 9.5 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބިފައިވާއިރު، މިއަހަރުގެ އެ މުއްދަތުގައި އެ އަދަދު ވަނީ 11.27 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ 18 އިންސައްތައިގެ އިތުރުވުމެކެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow