މުދަލު ޒަކާތުގެ ގޮތުގައި ލިބުނު އާމްދަނީ 30 އިންސައްތަ އިތުރުވެއްޖެ
މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި މުދަލު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާގެ މިންވަރު، ވޭތުވެދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 30 އިންސައްތަ އިތުރުވެފައިވާ ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކޮށްފިއެވެ.
މޯލްޑިވްސް ޒަކާތު ހައުސްއިން އާންމުކޮށްފައިވާ 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި މުދަލު ޒަކާތުގެ ގޮތުގައި ޖުމްލަ 45.3 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނު 34.8 މިލިޔަން ރުފިޔާއާ އަޅާބަލާއިރު 30.1 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ.
ވޭތުވެދިޔަ ތިން އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގައި މުދަލު ޒަކާތުގެ ގޮތުގައި ލިބޭ އާމްދަނީ އަންނަނީ އަހަރަކަށްވުރެ އަހަރަކު އިތުރުވަމުންނެވެ. އެގޮތުން 2024 ވަނަ އަހަރު 23.56 މިލިއަން ރުފިޔާ ލިބިފައިވާއިރު، 2025 ވަނަ އަހަރު މި އަދަދު ވަނީ 34.85 މިލިއަން ރުފިޔާއަށް އުފުލިފައެވެ. ޒަކާތު ހައުސްއިން ފާހަގަކުރި ގޮތުގައި މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތިން މަހަށް ވަކިން ބަލާއިރުވެސް، ކޮންމެ މަހަކު ލިބުނު މިންވަރު ވަނީ އިތުރުވެފައެވެ. މީގެ ތެރެއިން އެންމެ ގިނައިން ޒަކާތް ލިބިފައިވަނީ މާރިޗު މަހުގައެވެ.
ޒަކާތު ހައުސްގެ ރިޕޯޓުގައިވާ ގޮތުން، ޒަކާތު ފަންޑުން އިޖުތިމާއީ އަދި ދީނީ އެކި ކަންކަމަށް ޖުމްލަ 13.3 މިލިޔަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. މީގެ ތެރޭގައި ބޭސްފަރުވާގެ އެހީއާއި، އަސާސީ ބޭނުންތަކާއި، ރަމަޟާން މަހުގެ އެހީގެ އިތުރުން، ޤުރްއާން ހިތުދަސްކުރުމުގެ ޕްރޮގްރާމްތަކާއި ތައުލީމީ އެހީ އަދި އިޖުތިމާއީ ތަރައްޤީގެ މަޝްރޫޢުތައް ހިމެނެއެވެ.
މި ފައިސާގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ފަޤީރުންނާއި މިސްކީނުންގެ ދަފުތަރުގައިވާ ފަރާތްތަކަށެވެ. އެއީ ގާތްގަނޑަކަށް 6.69 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން ފީސަބީލިﷲ ބަޔަށް 5.5 މިލިއަން ރުފިޔާ، ޒަކާތު އާމިލުންނަށް 815,000 ރުފިޔާ، އަދި އިބްނުއްސަބީލް ބަޔަށް 363,000 ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
ޒަކާތުގެ ފައިސާ ދެމެހެއްޓެނިވި ގޮތެއްގައި އިތުރުކުރުމުގެ މަގުސަދުގައި 41.1 މިލިއަނަށްވުރެ ގިނަ ރުފިޔާ އިންވެސްޓުކޮށްފައިވާކަންވެސް އެ އިދާރާއިން ފާހަގަކުރެއެވެ. މީގެ ތެރޭގައި "ދާރުއްސަލާމް" އާއި "ދާރުލްއަރުޤަމް" ވަޤުފު އިމާރާތްތައް ތަރައްޤީކުރުމުގެ މަޝްރޫޢުތައް ހިމެނެއެވެ.
މޯލްޑިވްސް ޒަކާތު ހައުސްއިން ވިދާޅުވީ، މުދަލު ޒަކާތުގެ އާމްދަނީއަށް ލިބުނު މި ބޮޑު ކުރިއެރުމަކީ އާންމުންގެ މެދުގައި ދީނީ ވާޖިބު އަދާކުރުމަށް އޮތް ހޭލުންތެރިކަމާއި ޝައުޤުވެރިކަން ހާމަކޮށްދޭ ކަމެއް ކަމަށެވެ. އަދި މިއީ ރާއްޖޭގެ އިޖުތިމާޢީ ދުޅަހެޔޮކަން އިތުރުވެ، މުޖުތަމައު ބިނާކުރުމުގައި ޒަކާތުގެ ދައުރު އިތުރަށް ވަރުގަދަވެގެންދާނެ ކަމެއްގެ ގޮތުގައި އެ އިދާރާއިން ސިފަކުރެއެވެ.
ރިއެކްޝަންސް

