އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަގާމަށް ހުސެއިން ފަހުމީ އައްޔަންކުރައްވައިފި
މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) ގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް، މ. ފަތަޙަ، ހުސެއިން ފަހުމީ މިއަދު އައްޔަންކުރައްވައިފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން (ޕީސީބީ) ވިދާޅުވީ، އެމްޑަބްލިޔުއެސްސީގެ ބޯޑު މެންބަރުކަމުގެ މަގާމަށާއި މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް ހުސެއިން ފަހުމީ އައްޔަންކުރައްވާފައިވަނީ މިއަދުން ފެށިގެން ކަމަށެވެ.
ފަހުމީ މި މަގާމަށް އައްޔަންކުރައްވާފައިވަނީ، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުގައި ކުރިން ހުންނެވި އަބްދުލްމަތީން މުޙައްމަދު، މިދިޔަ އާދިއްތަ ދުވަހު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ހުސެއިން ފަހުމީއަކީ ކުންފުނިތައް ހިންގުމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އެގޮތުން ސްޓެލްކޯގައި 27 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ފަހުމީ، އެންމެ ފުރަތަމަ އެ ކުންފުންޏާ ގުޅިވަޑައިގަތީ 1988 ވަނަ އަހަރު ޓްރެއިނީއެއްގެ ގޮތުގައެވެ. އޭނާ ވަނީ ސްޓެލްކޯގެ ޖެނެރަލް މެނޭޖަރުކަމުގެ މަގާމުވެސް ފުރުއްވާފައެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު، ނޮވެމްބަރު 2023 ގައި ފަހުމީ އެންމެ ފުރަތަމަ އައްޔަންކުރެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށެވެ. އެ މަގާމަށްފަހު، އެމްޑަބްލިޔުއެސްސީގެ އެމްޑީގެ މަގާމަށް އައްޔަންކުރެއްވުމާ ހަމައަށް ފަހުމީ ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރެއްގެ މަގާމުގައެވެ.
ރިއެކްޝަންސް





